ދުނިޔެ

އިޒްރޭލުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ

އިޒްރޭލުގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެކުލަވާލެއްވި ސަރުކާރުގެ ސަބަބުން ގައުމުގެ އެތެރެ އާއި ބޭރުން ބޮޑެތި މައްސަލަތައް ދިމާވާން ފަށައިފި އެވެ.

ސަރުކާރެއް އެކުލަވާ ލެއްވުމަށް ބެންޖަމިން ނަތަންޔާހޫއަށް އިޒްރޭލްގެ ރައީސް އައިސަކް ހަރްޒޮގް ދެއްވި ދައުވަތު ގަބޫލުކުރައްވައި އޭނާ ވަނީ ކެބިނެޓެއް އެކުލަވާލައްވައި ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެންފަ އެވެ.

އެހެން ނަމަވެސް، ނަތަންޔާހޫ އެކުލަވާލެއްވި ސަރުކާރުގައި ގިނައީ ހައްދުފަނައަޅާފައި ތިބި ޔަހޫދީ ފިކުރުގެ ވަޒީރުންނެވެ. މި ބޭފުޅުންގެ އަމަލުތަކާ ހެދި ނަތަންޔާހޫއަށް ސަރުކާރެއް ނުހިންގޭނެ ކަމަށްވެސް ގިނަ ބަޔަކު އޮތީ ބުނެފަ އެވެ.

އިޒްރޭލުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެންގަވީރު މަސްޖިދުލް އަގްސާގެ ހަރިންމަ ތެރެއަށް ވަދެވަޑައިގަތުން ބޮޑު މައްސަލަކަށް ވެފައި ވަނިކޮށް -- އިޒްރޭލުގެ ޖަސްޓިސް މިނިސްޓަރު ގާނޫނަށް ބަދަލުގެންނަވާނެ ކަމަށް ވިދާޅުވުމާ ގުޅިގެން ވެރިކަންކުރާ ތެލްއަވީވްގެ އެކި ތަންތަނުގައި ސަރުކާރާ ދެކޮޅު އެއްވުންތައް މިހާރު ވަނީ ފަށާފަ އެވެ.

ތެލްއަވީވްގެ ހަބީމާ މައިދާނަށް ހޮނިހިރު ދުވަހުގެ ރޭ 10،000 އަށް ވުރެ ގިނަ މީހުން އެއްވެ ސަރުކާރާ ދެކޮޅަށް އަޑުގަދަކޮށް މަދަނީ މަސްލަހަތު ވަނީ ނަގާލާފަ އެވެ. އަދި ތެލްއަވީވްގެ މިއުޒިއަމް އޮފް އާޓްގައި އެއްވުންތައް ބާއްވައި މުޒާހަރާގެ ބައިވެރިން ވަނީ ސިޓީގެ ބޮޑެތި މަގުތަކުގައި ދެކޮޅުވެރި ހިނގާލުންތައް ބާއްވާފަ އެވެ.

ސަރުކާރުގެ ވިސްނުމަށް ބަދަލު ނުގެނެސްފި ނަމަ މިހާރަށް ވުރެ ބޮޑެތި އެއްވުންތައް ބާއްވާނެ ކަމަށް ބުނެ މުޒާހަރާވެރިން ވަނީ ސަރުކާރަށް އިންޒާރުދީފަ އެވެ.

އިޒްރޭލުން ލިބޭ ޚަބަރުތައް ބުނާ ގޮތުން ގާނޫނަށް ގެންނަ ބަދަލުގައި ހައިކޯޓަށް ލިބޭ ބާރުތައް ދަށްކުރަން ވަނީ ހުށަހަޅާފަ އެވެ. އެއީ މިހާރު ވެސް ޝަރީއަތުގައި ހުރި ބޮޑެތި މައްސަލަތަކުން ކުށްވެރިން ދެމިގަތުމަށް ޖަހާ މަޅިއެއް ކަމަށް މުޒާހަރާވެރިން ބުނެ އެވެ.

ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނޭ ގޮތުން އޭނާގެ ސަރުކާރުގައި ހިމެނޭ ގިނަ ވަޒީރުންނަކީ ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގަވާފައި ތިބި ބޭފުޅުންނެވެ. ގާނޫނަށް ބަަދަލު ގެނެސް ކޯޓުތަކަށް ލިބިދީފައި ހުރި ބާރުތައް ހަނިކުރަނީ އެ ބޭފުޅުން ހިމާޔަތް ހޯއްދެވުމަށް ކަމަށް ބުނެވެ އެވެ.