ދުނިޔެ

އެލްޖީގެ އިލެކްޓްރޯނިކް ވެހިކަލް ޔުނިޓުން 2023ގައި 7.8 ބިލިއަން ޑޮލަރު ހޯދާނެ

އެލްޖީ އިލެކްޓްރޯނިކްސްގެ އިލެކްޓްރޯނިކް ވެހިކަލް (އީވީ) ޔުނިޓަށް މި އަހަރު 7.8 ބިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވޭނެ ކަމަށް އެ ކުންފުނިން ލަފާކޮށްފި އެވެ.

އެ ކުންފުނީގެ ސީއީއޯ، ޗޯ ޖޫވަން ވިދާޅުވި ގޮތުގައި، އެލްޖީ އަކީ އިލެކްޓްރޯނިކް ވެހިކަލް މާކެޓަށް ފަރިތަ ކުންފުންޏެކެވެ. އެ ވިޔަފާރިގައި އެލްޖީ ދެމިއޮންނަތާ 10 އަހަރުވެފައި ވާއިރު މި އަހަރަކީ ކުންފުންނަށް ފައިދާ އިތުރުވާނެ އަހަރެކެވެ.

ކޮންޒިއުމާ އިލެކްޓްރޯނިކްސް ޝޯ (ސީއީއެސް 2023) ގައި މައުލޫމާތު ދެއްވަމުން ސީއީއޯ ވިދާޅުވި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އެލްޖީ އީވީ ޔުނިޓަށް ފައިދާވާން ފަށާނެ އެވެ.

އޭނާ ވިދާޅުވީ ކުންފުންނަށް ފައިދާ އިތުރު ކުރުމަށް ވޭތުވެދިޔަ ދެތިން އަހަރު ވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އެންމެ ބޮޑު އިސްކަމެއް ދެއްވީ ވިޔަފާރިއަށް ހުރި ދަތިތައް ނައްތާލައި -- މަގުފަހިކުރަން ކަމަށެވެ.

އެލްޖީ އީވީ ޔުނިޓް -- އެލްޖީ އެނާޖީ ސޮލޫޝަން ވެސް ހިމެނޭ ގޮތުގައި ސައުތު ކޮރެއާ އާއި އެމެރިކާ ފަދަ ވިޔަފާރީގެ ގޮތުން ގުޅިފައި ހުރި ގައުމުތަކުގައި، އެލްޖީން ކުރާ މަސައްކަތްތަކަކީ އީވީ ވެހިކަލްތަކަށް ބޭނުންވާ ބައިތައް އުފެއްދުމެވެ.

މައިގަނޑު ގޮތެއްގައި އެލްޖީ ފޯކަސްކުރަނީ ބެޓެރީ އާއި އިލެކްޓްރިކް ވެހިކަލްތަކަށް ބޭނުންވާ ހަކަައިގެ ބާވަތްތައް ޒަމާނަށް ގެނައުމެވެ. ޒަމާނީ ކާރުތަކަކަށް ބޭނުންވާ ޑިޒައިންތަކަށް ބެޓެރީގެ ކުދިބޮޑު ސައިޒްތައް އުފެއްދުމާއި ޗާޖަރުތައް ފައްކާކުރުމަކީ ވެސް އެލްޖީން ކުރާ މަސައްކަތެކެވެ.