ފިނިޕޭޖް

ބިލީ އައިޑަލް އަށް "ހޮލީވުޑް ވޯކް އޮފް ފޭމް"ގައި ތަރިއެއް

އުމުރުން 67 އަހަރުގެ މިއުޒިޝަން އަދި ގްރެމީ-ނޮމިނީ ބިލީ އައިޑަލްގެ ޝަރަފުގައި "ހޮލީވުޑް ވޯކް އޮފް ފޭމް" ގައި ތަރިއެއް ޖަހައިފި އެވެ.

މި ހަފްލާގައި ބިލީއާ އެކު އޭނާގެ ލޯބިވެރިޔާ އެކްޓްރެސް ޗައިނާ ޗައު އާއި އާއިލާ ބައިވެރިވި އެވެ.

ބިލީ އައިޑަލް އަކީ ބްރިޓިޝް-އެމެރިކަން ލަވަ ލިޔުންތެރިއެއް އަދި މިއުޒިޝަނެކެވެ. ޕަންކް ރޮކް ބޭންޑް "ޗެލްސީ"ގައި 1976 ވަނަ އަހަރު ގިޓަރިސްޓެއްގެ ގޮތުގައި މިއުޒިކީ ކެރިއާ ފެށި ބިލީ އައިޑަލް ވަނީ ކުރީގެ ބޭންޑްމޭޓް ޓޯނީ ޖޭމްސްއާ އެކު "ޖެނެރޭޝަން އެކްސް" އުފައްދައި، ލީޑް ލަވަކިޔުންތެރިއެއްގެ ގޮތުގައިވެސް މަސައްކަތްކޮށްފަ އެވެ. އަދި 1981 ގައި އެ ބޭންޑް ރޫޅި، ބިލީ ވަނީ ކާމިޔާބު ސޯލޯ ކެރިއާއެއްވެސް ފަށާފަ އެވެ.

މިއަހަރުގެ ޖުލައި މަހު ބިލީގެ ސޯލޯ ކެރިއާ ފެށި އަލްބަމް "ބިލީ އައިޑަލް" ރިލީޒްކުރިތާ 40 އަހަރު ފުރޭނެ އެވެ.

ބިލީ ބުނީ އޭނާ ހެދި މިއުޒިކަކީ އޭނާ އެކަމަށް ލޯބިވެގެން ހެދި މިއުޒިކެއް ކަމަށާއި 47 އަހަރު ވަންދެން އޭނާގެ ކެރިއާ ދެމިއޮތުމަކީ އޭނާ އުއްމީދު ކުރިކަމެއް ނޫން ކަމަށެވެ. އަދި ހޮލީވުޑް ވޯކް އޮފް ފޭމްގައި ބިލީގެ ނަމުގައި ތަރިއެއް ޖެހުމަކީ "އިންކްރެޑިބަލް" ކަމެއް ކަމުގައި ބުންޏެވެ.