ރައީސް މުހައްމަދު ނަޝީދު

ރައީސްގެ މައްސަލަ އޭސީސީއަށް ހުށަހަޅަން ނަޝީދު ބޭނުމެއް ނުވޭ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރާ ކަމަށާއި އެއީ ކޮރަޕްޝަން ކަމަށް ގަބޫލުކުރެއްވި ނަމަވެސް އެ މައްސަލަ އޭސީސީއަށް ހުށަހެޅުއްވުމުގެ ވިސްނުމެއް ނެތް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ރައީސް ސޯލިހުގެ ކެމްޕޭންގައި ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވަމުން ދާތީ އެ މައްސަލަ އޭސީސީއަށް ހުށަހެޅުއްވުމުގެ ވިސްނުމެއް ގެންގުޅުއްވަންތޯ ސުވާލު ކުރައްވާފަ އެވެ.

"ނޫން. އަޅުގަނޑު ނުގެންގުޅެން. އަޅުގަނޑު ދެކޭ ގޮތުގައި މިއީ އެމްޑީޕީ. އަޅުގަނޑުމެން އަޅުގަނޑުމެންގެ މެންބަރުން ބަލައިގަންނަން ޖެހޭނެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ހަމަތައް ހިފަހައްޓަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ރަސްމީ ދަތުރުފުޅެއްގައި ކޮންމެވެސް ތަނަކަށް ދިޔުމުގެ ފުރުސަތު އެމަނިކުފާނަށްވެސް އޮންނާނެ ކަމަށެވެ. ނަމަވެސް އެފަދަ ދަތުރުުފުޅުތަކުގައި އަމިއްލަ ބޭނުންތައް ކުރެއްވުމީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެގޮތަށް އަމަލު ނުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އޭސީސީއަށް މައްސަލަ ހުށަހެޅުއްވުމުގެ ވިސްނުމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ނޫސްވެރިޔާ ވަނީ ރައީސް ސޯލިހަކީ އެމްޑީޕީގެ މެންބަރަކަށް ވީމާ މައްސަލަ ނުޖެއްސުން އެއީ އެންމެ ރަނގަޅު ގޮތްތޯ ވެސް ސުވާލު ކުރައްވާފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ މައްސަލަތައް ބަލާ ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަސައްކަތް އޮތީ ނޫސްވެރިންގެ އަތްމަތީގައި ކަމަށެވެ.

"ތިބޭފުޅުން އެ ފިޔަވަޅުތައް ފާހަގަކުރައްވަމުން ގެންދަވާ. ނޫސްވެރިންގެ ދައުރަކީ ހަތަރުވަނަ ބާރު. އަދި ރައްޔިތުން ހޭލުންތެރި ކުރައްވަމުން ގެންދަވާ. އިރާދަކުރެއްވިއްޔާ ކޮރަޕްޝަން މަދު ކުރުމުގެ މަސައްކަތަކީ އަދި ކޮރަޕްޝަން ކުޑަ ކުރުމުގެ މަސައްކަތަކީ އަޅުގަނޑުމެން އެންމެން ކުރަންޖެހޭ މަސައްކަތެއް،" ނަޝީދު ވިދާޅުވި އެވެ.