މިއަހަރު ބައިނަލްއަގުވާމީ 37 ހަރަކާތެއްގައި ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރްސީ އިން ނިންމައިފި އެވެ.
އެގޮތުން ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ބޭރު ގައުމުތަކުގައި ބާއްވަން ހަމަޖެހިފައިވާ 28 ފެއާގައި ރާއްޖެ ބައިވެރިވާއިރު ޖުމުލަ ނުވަ ރޯޑް ޝޯއެއް ވެސް މިއަހަރު އިންތިޒާމު ކުރަން ނިންމާފައިވެ އެވެ.
އެމްއެމްޕީއާރްސީ އިން މައުލޫމާތުދޭ ގޮތުގައި މިއަހަރު ރާއްޖެ އެންމެ ފުރަތަމަ ބައިވެރިވާން ހަމަޖެހިފައިވަނީ މި މަހު 18 އިން 22 އަށް ސްޕެއިންގެ މެޑްރިޑުގައި ބާއްވާ ފިތޫރު ފެއާގަ އެވެ.
2023 ވަނަ އަހަރު ބައިވެރިވުމަށް ހަމަޖެހިފައިވާ ބޮޑެތި ފެއާތައް
- އޯޓީއެމް އިންޑިއާ - ފެބްރުއަރީ ދޭކުން ހަތަކަށް
- އައިޓީބީ ބާލިން - މާޗް ހަތަކުން ނުވައަކަށް
- އަރަބިއަން ޓްރެވަލް މާކެޓް - މޭ އެކަކުން ހަތަރަކަށް
- އައިއެފްޓީއެމް ޓޮޕް ރިސާ - އޮކްޓޯބަރު ތިނަކުން ފަހަކަށް
- ޑަބްލިއުޓީއެމް ލަންޑަން - ނޮވެމްބަރު ހަޔަކުން އަށަކަށް
މިއަހަރު އެންމެ ގިނަ ފެއާތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވަނީ މެއި މަހު އެވެ. އެގޮތުން މެއި މަހު ފަސް ފެއާގައި ބައިވެރިވުމުގެ އިތުރުން އެމްއެމްޕީއާރްސީ އިން ދެ ރޯޑު ޝޯއެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރްސީ އިން މިދިޔަ އަހަރުވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. މިދިޔަ އަހަރު ދުނިޔޭގެ ލީޑިން ޓޫރިސްޓު ބޯޑުގެ އެވޯޑު 28 ޓޫރިސްޓް ބޯޑާ ވާދަކޮށް ފުރަތަމަ ފަހަރަށް އެމްއެމްޕީއާރްސީ އަށް ވަނީ ލިބިފަ އެވެ.
ރާއްޖެ އިޝްތިހާރު ކުރަމުންދާ ވަރަކަށް ރާއްޖެއަށް އަންނަމުންދާ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ. މިދިޔަ އަހަރު ސަރުކާރުން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު މިދިޔަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހު ހާސިލްވެސް ކޮށްފައިވެ އެވެ.