ރައީސް މުހައްމަދު ނަޝީދު

ރަށްރަށަށް ދިޔައީމަ ބުނަނީ ރައީސަށް ވޯޓު ނުދޭން: ނަޝީދު

އެމްޑީޕީ ޕްރައިމަރީގެ ކެމްޕޭންގައި ވަޑައިގަންނަވާ ރަށްރަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދޭން ނުބުނުމަށް އެދޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމަނިކުފާނު ކެމްޕޭނަށް ދިޔަ ރަށްރަށުން ރައީސް ސޯލިހަށް ވޯޓު ދޭން ނުބުނުމަށް އެދޭ ކަމަށެވެ.

"އަޅުގަނޑު ރަށްރަށަށް ދިޔައީމަ، ކުޑަހުވަދޫއަށް ދިޔައީމަ، ކޮންމެ ރަށަކަށް ދިޔައީމަވެސް އެބަ ބުނޭ ނުބުނައްޗޭ ދެން އިބޫއަށް ވޯޓުދޭން،" ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު މިއަދުވެސް ވިދާޅުވީ ރައީސް ސޯލިހަށް އެމްޑީޕީ މެމްބަރުންގެ ތާއީދު ނެތް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން 39،000 މީހުން ވަކިކޮށްފައިވާ ކަމަށާއި އެ މީހުންނަށް ތާއީދުކުރާ މީހުންނާއެކު 70،000 މީހުން ތިބިއިރު އެ މީހުންގެ ތާއީދު ރައީސް ސޯލިހަށް ނުލިބޭނެ ކަމަށެވެ.

"ދެން އަޅުގަނޑަކަށް ނޭނގެ ފަހުން އަޅުގަނޑުމެން ބޭބެ ކައިރިއަށް ގޮސް ބުނާނެ ގޮތެއް. 'އޭ މިހާރު ކައޭ އަހަރުން ބޭނުންނުވީމަ ކައޭ ވަކިކޮށްލިއްޔޭ. ދެން އެކަމަކު މިހާރު ވަރަށް ބޭނުމޭ. އަންނާށޭ ވޯޓުދޭން'. އެކަން އެގޮތަކަށް ނުހިނގާނެ. ރައީސް ސޯލިހު ފަހަތަކަށް އެމްޑީޕީ މެންބަރުންނެއް ނާރާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ފެށިފަހުން ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ޕްރައިމަރީން ބަލިވާނެ ހާލަތެއް ނުފެންނަ ކަމަށާއި އެމަނިކުފާނަށް އެމްޑީޕީގެ ޓިކެޓް ލިބޭނެ ކަމަށެވެ. އެވާހަކަ ތަކުރާރު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ ދަފްތަރު ގަނޑުބަނޑު ކޮށްފައި އޮތް ނަމަވެސް އެމަނިކުފާނު މޮޅުވާނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް އެއްވެސް އެއްޗެއް ވިދާޅުވެ ވޭނީ އެމަނިކުފާނަށް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނާ ގާތްކޮށް އުޅޭ އެއްވެސް ބޭފުޅަކަށް ރައީސް ސޯލިހަށް އެއްވެސް އެއްޗެއް ވިދާޅުވުމުގެ ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑާ ގާތްކޮށް އުޅޭ އެއްވެސް ބޭފުޅަކަށް ފުރުސަތެއް ނާރުވާނަން ރައީސް ސޯލިހާ ދިމާލަށް އެއްޗެއް ވިދާޅުވާކަށް. އެވާހަކަ ދައްކާނީ އަޅުގަނޑު. ފާޑުވެސް ކިޔާނީ އަޅުގަނޑު. ހަސަން ލަތީފަކަށްވެސް ޕޯޑިއަމަކަށް ނޭރުއްވޭނެ. އާޒިމަކަށްވެސް އިލްޔާސް ލަބީބަކަށްވެސް އީވާއަކަށްވެސް. އެއްވެސް ބޭފުޅަކަށް ނޭރުއްވޭނެ. އަޅުގަނޑު ދައްކާނީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ސޯލިހު އެހެން ބޭފުޅުން ލައްވާ އެއްޗެހި ކިޔުއްވާކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެކަމުގައި އެމަނިކުފާނުގެ އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް އެ ފުރުސަތު އެމަނިކުފާނުގެ ގާތް ބޭފުޅަކަށް ނޯންނާނެ ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެ ވާދަވެރިކަން ބޮޑުވަމުންދާ މި ދަނޑިވަޅުގައި އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި އެމްޑީޕީގެ ބައެއް މެމްބަރުންގެ ކަންބޮޑުވުންވެސް މިކަމުގައި އެބަ ހުއްޓެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.