މާމިގިލި

ބަދަލުތަކެއް ގެނައުމަށް މާމިގިލި މަގުތަކުގެ މަސައްކަތް މެދުކަނޑާލައިފި

އދ. މާމިގިލީގައި ހަދަމުންދާ މަގުތަކަށް ބަދަލުތަކެއް ގެނައުމަށް ރަށު ކައުންސިލުގެ އެދުމުގެ މަތިން މަގުތައް ހެދުމުގެ މަސައްކަތް މެދުކަނޑާލައިފި އެވެ.

މާމިގިލި ކައުންސިލުގެ މީޑިއާ އޮފިޝަލް އަހްމަދު ސާމިރު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިވަގުތު ހަދަމުންދާ މަގުތަކުގެ ތެރެއިން ދެމަގެއްގެ މަސައްކަތް ވަނީ މެދުކަނޑާލާފަ އެވެ.

"ދެމަގެއްގެ މަސައްކަތް މެދުކަނޑާލީ އެމަގުތަކުގައި ވެހިކަލް ދުއްވަން އޮތް ޖާގަ ހަނިކަމަށް ފެންނާތީ. އަދި އެމަގުތަކުގެ ޕޭވްމަންޓަށް އޮތް ޖާގަ މާ ފުޅާވާތީ" ސާމިރު ވިދާޅުވި އެވެ.

މަގުތަކުގައި އުޅަނދުފަހަރު ދުއްވަން އޮތް ޖާގަ ހަނިވެ ހިނގާބިނގާވެ އުޅުމަށް އޮންނަ ޕޭވްމަންޓް މާފުޅާވުމުން ރައްޔިތުންގެ ފާޑުކިޔުންތައް އަމާޒުވާ ކަމަށްވެސް ސާމިރު ވިދާޅުވި އެވެ.

އިތުރަށް މައުލޫމާތު ދެއްވަމުން ސާމިރު ވިދާޅުވީ މަގުތަކަށް ބަދަލުތައް ގެނައުމަށް ޕްލޭނިން މިނިސްޓްރީއާ ވާހަކަދައްކާފައިވާ ކަމަށެވެ. މިގޮތުން ޕްލޭނިން މިނިސްޓްރީއާ ބައްދަލުކޮށް އަދި މިހާރު މިނިސްޓްރީއަށް ރަސްމީ ސިޓީއެއް ފޮނުވައިގެން ކައުންސިލާ މިނިސްޓްރީއާ ދެމެދު ވާހަކަ ދެކެވެމުންދާ ކަމަށް ސާމިރު ވިދާޅުވި އެވެ.

މިހާރު ސަރުކާރުގެ ފަރާތުން ހަ މަގެއް ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު އޭގެތެރެއިން ހަތަރު މަގެއްގައި ބިމުއަޑީގެ މަސައްކަތް ނިމިފައިވާ ކަމަށް ސާމިރު ވިދާޅުވި އެވެ. އަދި އޭގެތެރެއިން ތިން މަގެއްގެ ޕޭވްމަންޓްވެސް ގާތްގަނޑަކަށް ނިމިފައި ކަމަށް ވިދާޅުވި އެވެ.

"އަަޅުގަނޑަށް ލަފާކުރެވެނީ މިހާރު އެގެންދާ ސްޕީޑްގައި ގެންގޮސްފިއްޔާ ގާތްގަނޑަކަށް ހަ މަހުގެ ތެރޭގެ މަގުތައް ހަދާ ނިންމާލެވޭނެ ކަމަށް" ސާމިރު ވިދާޅުވި އެވެ.