ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 5 ޖެނުއަރީ 2023 އާ ގުޅޭ )

"ނަސީބެއް ލައިއަށް ނިދުނުކަން." ފޫޅަށްއިވޭހާ މަޑުން ދަރަކް ބުނެލިއެވެ. އޭނާ ދެން އައިސް އެނދުގެ އަނެއްކޮޅުގައި އޮށޯވެއްޖެއެވެ.

ލައިލީއަށް ވަގުތުން ލޯ ހުޅުވާލެވުނެވެ. ކިތަންމެ ސިއްރުން ބުންޏަސް ދަރަކް އެބުނި އެއްޗެއް އޭނާއަށް އިވުނީއެވެ. އޭނާ ނިދާފައި އޮތުން ދަރަކްއަށް ނަސީބަކަށްވީ ކީއްވެ ހެއްޔެވެ. އެ ސުވާލުގެ ޖަވާބު ހޯދަން މަސައްކަތް ކުރިވަރަކަށް ލައިލީގެ ސިކުނޑިއަށް ލިބެމުންދިޔަ ނުތަނަވަސްކަންވީ އިތުރެވެ. ޚިޔާލުތައް ގިނަވެ ނިދި ދުރުވެއްޖެއެވެ. މަޑުމަޑުން ލައިލީ އެނބުރިލިއެވެ. އަނެއްފަރާތަށް އެނބުރި އޮތް ދަރަކްއަށް ލައިލީގެ ނަޒަރު ހުއްޓާލިއެވެ. އެހާ އަވަހަށް ދަރަކް ނިދީ ހެއްޔެވެ؟. އެހާ ވެސް ވަރުބަލިވެފައި ދަރަކް ހުރީ ހެއްޔެވެ؟. ލައިލީ އެނދުން ތެދުވީއެވެ. ނިދަން އުޅުނަސް އަވަހަކާ ދެން އޭނާއަށް ނުނިދޭނެކަން އެނގޭތީއެވެ.

ކޮޓަރިން ނުކުމެގެން އައިސް ސިޓިންރޫމު ސޯފާގައި ލައިލީ އިށީނެވެ. ޓީވީ ހުޅުވާލިއެވެ. ޓީވީގެ ރިމޯޓު ބާއްވަން އުޅެނިކޮށް ކޮފީމޭޒުމަތީ އޮތް އައިޕެޑް ފެނުނެވެ. ޓީވީ ބެލުމުގެ ބަދަލުގައި ލައިލީ ނެގީ އައިޕެޑްއެވެ. ޚިޔާލުތައް އެއްފަރާތްކޮށްލުމަށް އޭނާ ވަނީ ފޭސްބުކްއަށެވެ. ފުރަތަމަ ވެސް ފެނުނީ ނޫރީގެ ފިރިހެން ދަރިފުޅުގެ ފޮޓޯއެއް ޝެއާކޮށްފައި އޮއްވައެވެ. ދަރިފުޅު ގޮވައިގެން ހަވީރު ޕާކަށް ގޮސްފައި ނަގާފައި ހުރި ފޮޓޯއެކެވެ. އެ ތުއްތު ކުއްޖާ ފެނި ލައިލީގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ވަގުތުން އެ ފޮޓޯއަށް އޭނާ ހިތެއް ފޮނުވާލިއެވެ. ދެން "ފޭސްބުކް ވޯލް"ގައި ހުރި ޕޯސްޓުތައް ބަލަމުން ދިޔައެވެ. ސިޔާ ޝެއާކޮށްފައި އޮތް ބޭރުގެ ފީޗަރއެއް ލައިލީގެ ލޮލުގައި އަޅައިގަތެވެ. އޭގެ މައުޟޫޢުއަކަށް ދެބައިވެރީންނަށް ވެސް ހިތްހަމަޖެހުން ލިއްބައިދޭ ކަމަކަށް ޖިންސީ ގުޅުން ހެދޭނީ ކިހިނެއްކަމެވެ. ލައިލީ އޭގައި ލިޔެފައިވީ އެއްޗެއް ކިޔާލަން ހުޅުވާލިއެވެ. ކިޔަމުންދިޔަ ވަރަކަށް ލައިލީގެ ޝައުގުވެރިކަން ކުޑަވިއެވެ. އޭނާ އައިޕެޑް ނިއްވާލާފައި ކޮފީ މޭޒުމަތީ ބޭއްވިއެވެ.

"އެންމެ ފަހުން އަހަރެމެން އެކަން ކުރީ ކޮންއިރަކު؟. އެހެންޏާ ކިތަންމެ ބިޒީ ވިޔަސް ހަފްތާއަކު އެއްފަހަރު ކުރަން. މެރީކޮށްގެން ކުރީކޮޅު ކުރެވޭވަރު ވެސް ނޭނގޭ... ކޮންއިރަކު އެންމެ ފަހުން އެކަން ކުރެވުނީ... ހޫމް!... އަހަރެން އެންމެންނާއެކީ ކޮފީއަށް ދިޔަ ވީކްއިން ފެށިގެން... ވަޓް! އެހާ ދުވަސްވެއްޖެތަ! އެހެންވީރު... އޭގެ ފަހުން ދެ މަސްވަނީ. އަހަރެމެން ކަމެއްނުކުރާތާ ދެމަސްވަނީތަ؟. ދަރަކް ވެސް ކުއްލިއަކަށް ހަމަ ދުވަހަކުވެސް ބިޒީނުވާވަރަށް ބިޒީވެއްޖެ. ދެން ކިހިނެއް ދެމީހުން ކަމެއްކުރާނީ. މިވީ ދުވަސްތަކުގައި އަހަންނަށް ވެސް ފާހަގަ ނުވި މިހާ ބޮޑު ދުރުކަމެއް އަހަރެމެންގެ ދެމެދަށް އަތުވެއްޖެކަން." ކުރިން ނުވިސްނި އޮތް ކަމެއް ލައިލީއަށް ރެއަކާލީއެވެ. ކައިވެނީގެ ދިރުން ގެއްލޭކަށް ލައިލީ ނޭދެއެވެ. އެހެންނަމަވެސް މިހާރު ކަންތައްތައް މިދާ ގޮތުން ހީވަނީ ލައިލީ ދުށުން ނޭދޭ އަނދިރިކަމެއްގެ ހިޔަނި ކައިވެންޏަށް އެޅިދާނޭ ހެންނެވެ.

"އަހަރެން އަދިވެސް ރީއްޗޭ އެކުވެރީން ބުނޭ. މެރީ ކުރުމަށްފަހު އަހަންނަށް ބަދަލެއް ނާންނަކަށް އެމީހުން ފާހަގަކުރި. ކުޑަކޮށް ސްޓައިލް ބަދަލުކޮށްލަންވީ ކަންނޭނގެ. ސެލޯންއަކަށް ވެސް ނުދާތާ ކޮންދުވަހެއް." ލައިލީއަށް އަމިއްލަ ނަފްސާމެދު ވިސްނުނެވެ. ދަރަކްގެ ސަމާލުކަން ހޯދޭނެ ގޮތްތަކާމެދު ލައިލީ ޚިޔާލުކުރިއެވެ. އަދި އޭނާ ސޯފާއިން ތެދުވެ ޓީވީ ނިއްވާލިއެވެ. ރަނގަޅަށް ނިދި ނުލިބުމަކީ ވެސް މީހާގެ ރީތިކަމަށް ނޭދެވޭ އަސަރެއް ކުރާ ކަމެކެވެ. ކޮޓަރިއަށް ލައިލީ ދިޔައީ ނިދަން ގަސްދުކޮށެވެ.

* * * * *

އަހަރުގެ އެންމެފަހު ދުވަހަށް ލައިލީ ވަރަށް ގިނަ ރޭވުންތައް ރޭވިއެވެ. ބޭނުންވީ އެ ރޭ ދަރަކް އަންނަންވާއިރަށް ނިކަން ފުރިހަމައަށް ތައްޔާރުވެލައިގެން ހުންނާށެވެ. ލައިލީ ފެނި ދުނިޔޭގެ އެހެންކަންތައްތައް މަތިން ދަރަކް ހަނދާންނެތޭވަރަށް ފަރިވާށެވެ. މިއިން އެއްވެސް ކަމެއްގެ ހިލަން ދަރަކްއަކަށް ނުވެއެވެ. އިންސްޓަގްރާމުން ފެނުނު ކޭކު އަޅައިދޭ ކުއްޖަކަށް އެއް ދުވަސް ކުރީން ލައިލީ މެސެޖުކޮށްގެން ކައިވެންޏަށް ތިން އަހަރު ފުރޭ މުނާސަބާއަށް ކޭކެއް އަޅަން އޯޑަރު ދިނެވެ. ލައިލީ ގަޑި ބުނުމުން އެ ގަޑިއަކަށް އެމީހުން ކޭކު ޑެލިވަރކޮށްދޭން ވަނީ އެއްބަސްވެފައެވެ. އެވެސް ލައިލީއަށް ލިބުނު ފަސޭހައެކެވެ. ޑިއުޓީ ނިންމާފައި ލައިލީއަށް ގެއަށް އާދެވުނީ ތިނެއް ޖެހިފަހުންނެވެ. އަވަހަށް ފެންވަރާލައިގެން އޭނާ ތައްޔާރުވެލިއެވެ. ފޯނު ނަގައި ދުވަހަށް ރޭވިފައި ހުރި ކަންކަން ލައިލީ ބަލާލިއެވެ. އެއްވެސް ކަމެއް ހަނދާންނެތިދާނެތީ އޭނާ ވަނީ ފޯނުގައި ހުރިހާކަމެއް ތާވަލުކޮށްފައެވެ. ފުރަތަމަ ކަމަކަށް އޮތީ އާ ހެދުމެއް ގަތުމެވެ. ސެލޯންއަށް ރިޒަވޭޝަން ލިބިފަ އޮތީ ހަވީރު ހަތަރުގަޑި ބަޔަށެވެ. އެހާ ވަގުތެއް ދެން ނެތެވެ.

ލޯގަނޑު ކުރިމަތީ ލައިލީ ހުއްޓިލިއެވެ. ފަހު ފަހަރަށް ބަލާލާ އުސޫލުން ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ލައިލީ ބެލިއެވެ. މެދުމިނުގެ އިސްކޮޅެކެވެ. ނޫކުލައިގެ ޖިންސަކާއި މަޑު ރީނދޫކުލައިގެ ގަމީހެއްގައި ހުރިއިރު ވެސް ލައިލީގެ ބައްޓަން ރީތިވެފައި އެ ހަށިގަނޑު ހިމަކަން ފާޅުވެއެވެ. އޭނާގެ ކޮނޑަށްވުރެ ތިރިއަށް އޮންނަ ފަންއިސްތަށިގަނޑު ވަނީ ފަހަތަށް ހުޅިއެއްހެން އޮޅާލެވިފައެވެ. ހޫނު ގަދަ ދުވަހެއްވީމައި އިސްތަށިގަނޑު ދޫކޮށްލާފައި ބާއްވަން ލައިލީ ބޭނުންނުވީއެވެ. ލަކުނެއްނުވާ މޫނާއެކީ އޮމާން އަލި ހަންގަނޑެއް ލައިލީއަށް ލިބިފައި ވެއެވެ. ދިގު އެސްފިޔަތަކާއެކުވާ އޭނާގެ ބޮޑު ދެ ލޮލުން ފާޅުވަނީ މައުސޫމްކަމެވެ. ކުލައެއް ނުޖެއްސި ނަމަވެސް ލައިލީގެ ތުންފަތުގައި ނުފިލާ މަޑު ފިޔާތޮށި ކުލައެއް ހުރެއެވެ.

"ދެން ފެންނާނީ މުޅިން އާ ލައިލީއެއް." ލޯގަނޑުން ފެންނަން ހުރި ސޫރައަށް ލައިލީ ބުނެލިއެވެ. އެއާއެކު މާނަވީ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިފިއެވެ. އެނދުމަތިން އަތް ދަބަސް ނަގައިގެން ލައިލީ ކޮޓަރިން ނުކުތެވެ.

ފިހާރަތައް ބަލަމުން ލައިލީ އައެވެ. އެނިވަރސަރީއަކީ ޚާއްޞަ މުނާސަބާއެކެވެ. އެހެންވެ ލައިލީ ގަސްދުކުރީ ލާ ހެދުން ވެސް ބަދަލުކޮށްލާށެވެ. ޖިންސާއި ޓޮޕުގެ ބަދަލުގައި ހެދުންކޮޅެއް ލާށެވެ. ދަރަކްއާ ރައްޓެހިވެގެން އުޅުނުއިރު އޭނާ އެފަދަ ހެދުމެއް ލުމުން ދަރަކްއަށް ނިކަން ކަމުގޮސްގެން އެ ވާހަކަދެއްކި ހަނދާން އެބަހުއްޓެވެ. އެކަމަކު އެހާ ކުރުކުރު ހެދުމެއް ނޫނެވެ. ނިވާކަން ކުޑަ ހެދުމެއް ވެސް ނޫނެވެ. ސެލޯންއަށް ދާންވާއިރަށް ނަސީބަކުން ލައިލީގެ ޝަރުތުތައް ހަމަވާ ހެދުމަކާ ދިމާވެއްޖެއެވެ. ފިހާރައިގެ ހެދުން ބަދަލުކުރާ ކޮޓަރިތެރޭގައި ހުރެ ލޯގަނޑުން ލައިލީ ބެލިއެވެ. ފިޔާތޮށި ކުލައިގެ ބަބްލް ޝިފޯން ހެދުމެކެވެ. އޭނާގެ ހަށިގަނޑަށް ފަހާފައިވާ ހެދުމެއް ފަދައެވެ. އުޅަންބޮއްޓަށްވުރެ ތިރިއަށް ހެދުމުގެ އަތް ހުރިއިރު ހެދުމުގެ ދިގުމުން ހުރީ ކަށިމައްޗާ ހަމައަށެވެ. ހެދުމާ މެދު ހިތްހަމަޖެހިފައި ހުރިކަން ލައިލީގެ ތުންފަތުގައިވީ ހިނިތުންވުން ގައިމު ކޮށްދިނެވެ. އޭނާ އެ ހެދުން ގަނެގެން ފިހާރައިން ނުކުތެވެ. ލައިލީ ހިނގުން ބާރުކޮށްލިއެވެ. ގަޑިއަށް ނުދެވި ސެލޯންއަށް ހައްދާފައިވާ ރިޒަވޭޝަން ކެންސަލްވެދާނެތީއެވެ.

"ރިޒްބިއުޓީސްއިން" ލައިލީ ނުކުތެވެ. އޭރި އިރުއޮއްސި އަނދިރިވެއްޖެއެވެ. އެތަނުގައި ހޭދަވެގެންދިޔަ ތިން ގަޑިއިރު ތެރޭ ލިބުނު ޚިދުމަތުގެ ފުރިހަމަކަން ލައިލީގެ މޫނުން ފާޅުވެއެވެ. މުޅިން އާ މީހެއްގެ ގޮތުގައި ލައިލީއަށް އިޙްސާސް ކުރެވެއެވެ. އޭނާ ފޯނު ނަގައި ތަސްލީމާއަށް ގުޅާލިއެވެ. ދަރަކް އޮފީހުން ގެއަށް އައިސް އުޅޭކަން ލައިލީއަށް އެނގެއެވެ. އޭނާ ތަސްލީމާއަށް ގުޅީ އެހެންވެއެވެ. އިހަށް ދަރަކްއަށް ފެންނަން ބޭނުންނުވާތީއެވެ. ދަރަކްގެ ކުރިމައްޗަށް ލައިލީ އަރަން ބޭނުމީ އޭނާ ގަތް ހެދުން ވެސް ލައިގެން އެންމެ ފުރިހަމައަށް ތައްޔާރުވެގެން ހުރެއެވެ.

"ތަސް." ރެސްޓޯރެންޓުގެ ބޭރުގައި ފޯނު ހިފަހައްޓާލައިގެން ހުރި ތަސްލީމާ ފެނުމާއެކު ލައިލީ ގޮވާލިއެވެ.

"ސޮރީ އިނގޭ ކުއްލިއަކަށް އައިސްދޭން ބުނެވުނީމަ." ތަސްލީމާ ކައިރީ ހުއްޓިލަމުން ލައިލީ ބުންޏެވެ.

"މިއޮއް އާދެވުނީއެއްނު. މަންމަމެން އައިސް އުޅޭ ދުވަހެއްވީމަ އެމީހުން ދަރިބަލަން އެބަތިބި. ލައި... ތީ ހަމަ ލައިތަ؟. އަނެއްކާ އާ ބިޓެއް ލިބުނީތަ؟." ލައިލީގެ ބޮލުން ފެށިގެން ތިރިއަށް ތަސްލީމާ ބަލާލީ އަޖައިބުވެފައި ހުރެއެވެ.

"ސާބަސް. އެކަހަލަ ކަމެއް ދެން އަހަރެން ކުރާނެތަ؟." ތަސްލީމާގެ ކޮނޑުގައި ލައިލީ ޖަހާލިއެވެ. ދެ އަންހެންކުދީން ރެސްޓޯރެންޓުގެ ތެރެއަށް ވަދެގެން އައެވެ.

"އެއީ މަޖަލޭ. އެހެންނޫނަސް ތީނައާ ދަރަކްއަށް ދުރެއް ނުވެވޭނެކަން އެނގޭ." ތަސްލީމާ ހެމުން ބުނެލިއެވެ. ނަމަވެސް އޭނާގެ ހިނިތުންވުން ފިލައިގެން ދިޔައީ ލައިލީގެ މޫނުމަތި މިލައިގެން ދިޔަ ގޮތް ފެނިފައެވެ.

"ކިހިނެއްވީ؟. މައްސަލައެއް ޖެހިގެންތަ ތިއުޅެނީ." ތަސްލީމާ ނިކަން ސީރިއަސްކޮށް އަހާލިއެވެ.

"މައްސަލައެއް އަސްލު ނުޖެހޭ." ނިކަން ވަނދުކޮށް ލައިލީ ބުނެލިއެވެ.

"އެހެންވީރު ތިހެން ނުހުރެބަލަ. އާ އަހަރަށްކަން އެނގޭ ތިހާ ތައްޔާރިއެއް ތިވީ. އެހެންވީމަ ދަރަކްއާއެކީ ޑޭޓަކަށް ގޮސްފައި އެރޭ ދެމީހުން ކަމެއް ކޮށްލަނިކޮށް ތި ހުރިހާ ކޫސަނިކަމެއް ފިލާފާނެ. މަށަށް ޔަގީން ދަރަކް މޮޔަވާނެކަން ތި ހުރިގޮތައް ލައި ފެނިއްޖެއްޔާ. ހީވަނީ މުޅިން އެހެން މީހެއްހެން. މާ ޔަންގުވެއްޖެހެން ވެސް ހީވޭ." މޭޒު ދޮށުގައި އިށީން ގޮތަށް ތަސްލީމާ ބުންޏެވެ.

"ތަފާތުކޮށްލަން ބޭނުންވީ. ރީތި ދޯ." ލައިއަށް އަހާލެވުނެވެ. ތަސްލީމާ ނިކަން އަވަހަށް ބޯޖަހާލިއެވެ.

"އަހަރެން ވިހޭފަހުން އަދި ކަމެއްކޮށްނުލެވޭ. ނަސީބެއް ހައްޔާނު ވެސް ޝަކުވާނުކުރާކަން. ރީތިވެލިޔަސް މިހާރު ކުރީގަހެން ނަލަހެދިގެން ހުންނާކަށް ވަގުތެއްނުވޭ. މޭކަޕް ކުރާ ހިތެއް އެއްގޮތަކަށް ވެސް ނުވޭ. ސެލޫނަކަށް ނުވަންނަތާ ވީ ދުވަހެއް ވެސް ނޭނގޭ." ތަސްލީމާ ބުންޏެވެ.

"ދަރީން ލިބުނީމަ ދިރިއުޅުން ހަމަ އެހާ ބަދަލުވޭތަ؟." ލައިލީއަށް އަހާލެވުނެވެ.

"އާން. ދަރީން ލިބުނީމަ ވަރަށް ގިނަ ކަންކަން ބަދަލުވޭ. ހައްތު ގޮވައިގެން އުޅެފައި ދެން ނުހުރޭ އެހެންކަމެއް ކުރާނޭ ހިތްވަރެއް." ތަސްލީމާ ބުންޏެވެ.

"އެކުގައި އުޅޭތާ ދުވަސްވާވަރަކަށް ކައިވެނީގެ ކުރީކޮޅުގައި އުޅުނު ދިރިއުޅުން ބަދަލުވާންވީ ކީއްވެ." ޚިޔާލަކަށް ގެއްލިފައި އިންހެން ލައިލީއަށް އަހާލެވުނެވެ.

"ލައިއާ އަހަންނާ އެއްވަރު ނުކުރޭ." ތަސްލީމާ ބުންޏެވެ.

"ތަސްއަށް އެނގޭތަ. އަހަންނާއި ދަރަކްއާ ކަމެއް ނުކުރާތާ ދެ މަސްވަނީ." ލައިލީ ބުނެލިއެވެ.

"ދެން... ތިހާ ހާސްވާހާ ދުވަސްތަކެއް އަދި ނުވެއެއްނު." ތަސްލީމާއަށް އެކަން ބޮޑު ކަމަކަށް ނުވިއެވެ.

"އެކަމަކު އަހަރެމެން އެހާ ގިނަ ދުވަސްވަންދެން ނުކޮށެއް ނުތިބެމޭ." ލައިލީގެ އަޑުގައި ކަންބޮޑުވުން ވިއެވެ.

"ކޮބާ ހީވޭ ކަމެއްހެން. މަށަށް ކުރިން ވެސް އެނގެޔޭ ތި ދެ މީހުން ވަރަށް ކުރީގަކަން އުޅެނީ." ތަސްލީމާގެ ވާހަކަދެއްކުމުގައި ހުރީ ސަމާސާ ގޮތެވެ.

"މެރީކޮށްގެން އުޅޭއިރު އެއީ ނޯމަލްކަމެއްނު. އެހެންނޫނަސް ތަސް ގޮތަށް ކުރާހިތް ނުވެގެން މަށެއްނޫޅެން. ހަމައެކަނި އަހަރެން ރެޑީގަ ހުއްޓަސް ނުވާނެ ދޯ." ލައިލީ ބުންޏެވެ.

"ދަރަކް ވަރަށް ބިޒީކޮށްނު އެއުޅެނީ. މާބޮޑަށް ބިޒީވީމަ ވެސް އެކަން ކުރާހިތްނުވާނެ." ތަސްލީމާގެ ޚިޔާލު ދިނެވެ.

"އެހެން ކަންނޭނގެ އެވަނީ" ލައިލީ ޖަވާބު ދިނަސް ތަސްލީމާ ދެއްކި ވާހަކައާ މުޅިއަކުން އެއްބަހެއް ނުވެވެއެވެ.

"ލައި. މާބޮޑަށޭ ތިވިސްނަނީ. އެހެންނޫނަސް ތިހާ އޮފުއަރުވައިގެން އިންއިރު ޔަގީން މިރޭ ދަރަކްއަށް ދުރަކު ނުހުރެވޭނެކަން. ސޯ ޑޯންޓް ވޮރީ އެންޑް ގުޑް ލަކް ހެވިން ސެކްސް. ފަހުން ކިޔާދޭންވާނެ ހުރިހާ ޕްލޭނެއް ދިޔަގޮތް." ތަސްލީމާ ހެވިފައި އިނދެ ވާހަކަދެއްކިއެވެ. އެކުވެރިޔާގެ ވާހަކަތަކުން ލައިލީ ކައިރިއަށް ވެސް ހިނިއައެވެ.

"ތި ތަންކޮޅެއް މަޑުން ވާހަކަދައްކަބަލަ." ލައިލީއަށް ބުނެވުނެވެ.

ދެ އެކުވެރީން ކޮފީއެއް ގެނެސްގެން ވާހަކައިގަ ތިބީއެވެ. އަށެއް ޖަހަންވީއިރު ދަރަކް މެސެޖު ކޮށްފިއެވެ. ލައިލީ ރައްޓެހިންނާއެކީ ބޭރުގައި އުޅޭއިރު ދަރަކްގެ އުސޫލަކީ މެސެޖު ކުރުމެވެ. އޭނާ ނުއެއް ގުޅާނެއެވެ.

"ކޮންއިރަކު ލައި ގެއަށް އަންނާނީ؟. އަހަރެން ދާން މިދަނީ." ދަރަކްގެ މެސެޖުގައި ވިއެވެ.

އިރުކޮޅަކުން ގެއަށް ދާނަން ކަމަށް ބުނެ ލައިލީ މެސެޖު ލިޔެ ދަރަކްއަށް ފޮނުވާލިއެވެ. އަދި ދަރަކް ގެއިން ނުކުންނާނޭހާ އިރުކޮށްފައި ލައިލީ ވެސް ރެސްޓޯރެންޓުން ނުކުތެވެ. ތަސްލީމާ އައިސް ދިނީމަ އެކުވެރިޔާއަށް ޝުކުރު އަދާކޮށްފައި ލައިލީ އައީ ގެއަށެވެ.

ގެއަށް ވަދެވުނު ގޮތަށް ލައިލީ އަވަހަށް އޭނާ ގަނެގެން އައި ހެދުން ދޮވުނީއެވެ. މެޝިނުން ހިއްކާލާފައި ނެގިއިރު ހިސާބެއްގެ ތެތްކަމެއް ހުރީތީ ލައިލީ ހެދުން ގެނެސް ބެލްކަނީގައި ހުރި ހަރުގަނޑުގައި އަޅުވާލިއެވެ. ބާރަ ޖަހަންވާއިރަށް ލަސްވެގެން ދަރަކް އަންނާނެކަމަށް ލައިލީ ލަފާކުރިއެވެ. އެހާ ލަސްވެފައި ހުރުމުން ދަރަކް ގަދައަށް ކާކަށް ބެނުމެއްނުވާނެކަން ލައިލީއަށް އެނގެއެވެ. އެކަން ވިސްނާފައި ލައިލީ ސީޒާ ސެލެޑް ތައްޔާރު ކުރިއެވެ. އޭނާ ދަރަކްއަށް ފުރިހަމައަށް އިތުބާރު ކުރީކީ ނޫނެވެ. އެހެންވިޔަސް ދަރަކްގެ މައްޗަށް ޝައްކުކުރާކަށް ވެސް ބޭނުމެއްނޫނެވެ. ލައިލީ އުޅޭން ބޭނުމީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ. ދަރަކްއާއެކީއެވެ.

އެގާރަގަޑި ފަންސާސް ހިނގިއިރު ލައިލީ ހުރީ އާ ހެދުމުގައި ފުރިހަމައަށް ތައްޔާރުވެގެންނެވެ. ލައިލީ ޖަހާފައިވާ ސެންޓުގެ ވަސް އެޕާޓްމެންޓުގެ ތެރޭގައި ހަރުލާފައި ހުއްޓެވެ. ކާމޭޒުމަތީގައި ތަށިތައް ވަނީ އަތުރާފައެވެ. ސީޒާ ސެލެޑްގެ އިތުރުން މޭބިސްކަދުރު ޖޫހެވެ. މޭޒުގެ މެދުގައި އެނިވަރސިރީ ކޭކެވެ. އެވަގުތު ހަމައެކަނި އެތަނުން އުނިވެފައިވަނީ ދަރަކް ނެތްކަމެވެ. ދަރަކް އައުމުން މަންޒަރު ފުރިހަމަވީއެވެ.

ސޯފާގައި ލައިލީ އިށީނދެލައިގެން އިނެވެ. ދަރަކްގެ އިންތިޒާރުގައެވެ. ހުޅުވާފައި ހުރި ޓީވީ އާ އަހަރުގެ ޝޯ ދައްކަމުން ދިޔައެވެ. އަތުގައި އޮތް ފޯނަށް އިރުއިރުކޮޅުން ލައިލީ ބަލާލައެވެ. އެގޮތުގައި ދަންވަރު ބާރަޖަހައި ހިނގައްޖެއެވެ. ދަރަކްގެ މެސެޖެއް ލައިލީއަށް އައީ އޭނާއަށް ގުޅަން އުޅެނިކޮށެވެ. ލައިލީ ވީ ތައްޔާރީތަކާއި ކުރި އުންމީދުތައް ބޭކާރުވީއެވެ. ދަރަކް އޭނާއަށް އެ ދިނީ ދޯކާއެވެ.

(ނުނިމޭ)