ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކެމްޕޭނަށް ރައީސް ޅ. އަތޮޅަށް ވަޑައިގެންފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ޅ. އަތޮޅަށް ވަޑައިގެންފި އެވެ.

ޅ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ އެ އަތޮޅު ކުރެންދޫ އަށެވެ. އޭގެ ފަހުގައި ޅ. އޮލުވެލިފުއްޓަށް ވެސް ވަޑައިގެންނެވި އެވެ.

ރައީސް ކުރެންދޫއަށް ވަޑައިގެން އެރަށުގެ އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރައްވާ، ކެމްޕޭން ކުރެއްވުމަށް ޑޯޓުޑޯ އަށް ވެސް ވަޑައިގެންނެވި އެވެ. އަދި ކުރެންދޫގައި މިހާރު ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާލެއްވި އެެވެ.

ޅ. އޮޅުވެލިފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ތިބި އެމްޑީޕީ މެންބަރުންނާ ބައްދަލުކުރައްވާ އެރަށުގެ ކަންކަން ހުރި ގޮތްވެސް ރައީސް ބައްލަވާ އޮޅުންފިލުއްވި އެވެ.

ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ރ. އަތޮޅަށެވެ. އޭގެ ފަހުން ނ. އަތޮޅުގެ ބައެއް ރައްތަކަށް ވެސް ވަޑައިގަންނަވާ ކެމްޕެން ކުރެއްވި އެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.