ރައީސް މުހައްމަދު ނަޝީދު

ކޯލިޝަން ހެދުމަކީ ބޮޑު ބޭއިންސާފެއް: ނަޝީދު

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނުލިބެނީސް ކޯލިޝަނެއް ހެދުމަށް ނުވިސްނަވާނެ ކަމަށާއި ކޯލިޝަނެއް ހަދައިގެން ވެރިކަމަށް ވަޑައިގަތުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި މިރޭ މާލޭގެ ކެންގަރޫ ސްކޫލުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެހެންވެ މިޖަލްސާ ކޮށްފައިވާ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ އަތޮޅު އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތީ ޕްރައިމަރީ އަށް ވުރެ ބޮޑަށް އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބުކޮށްދިނުމަށް މަސައްކަތް ކޮށްދިނުމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބު ވާދަކުރެއްވި ނަމަވެސް ކޯލިޝަނެއް ހެދުމަށް ނިންމާނީ ފުރަތަމަ ބުރުގައި ޕާޓީތަކުން ހޯދާ ނަތީޖާ އަށް ބެލުމަށްފަހު ކަމަށެވެ.

"[އެމްޑީޕީއަކީ] 60 ޕަސަންޓްގައި ތިބި ބައެއް، ހަގީގަތުގައި 100 ޕަސަންޓްގައި ތިބި ބައެއް. އަމިއްލަ އަށް އެބައޮތް މި އިންތިހާބުގައި ބައިވެރިވެ އެކަށީގެންވާ ރަނގަޅު ނަތީޖާއެއް ނެރެވެން. އެހެން ތިބި ބަޔަކަށް މީގައި 40 ޕަސަންޓް ނަގަން ޖެހުނީމާ އެއީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ދެރައެއް. އަދި އެމްޑީޕީ މެންބަރުންނަށް ވެސް ވަރަށް ބޮޑު ދެރައެއް،" ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ކޯލިޝަން ސަރުކާރުގައި އެމްޑީޕީއަށް ލިބުނު ބައި ކުޑަކަމުން އެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ރައީސް ސޯލިހްގެ ސަރުކާރުގައި 40 ޕަސަންޓް ހަމަޖައްސާފައި ވާދަވެރި އެހެން ޕާޓީތަކަށް ސަރުކާރުގެ ބޮޑު ބައި ދިނުމަކީ އެމްޑީޕީގެ މެންބަރުންނަށް ވަރަށް ބޮޑު ބޭއިންސާފެއް ކަމަށެވެ. މިސަރުކާރު ވެރިކަމަށް އައުމަށްފަހު އިންތިހާބު ކުރި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ އެކަނި އޮވެ ލިބުނު ބޮޑު އަގުލަބިއްޔަތާ ގުޅިގެންވެސް ކޯލިޝަން ހެދުމަކީ ކިހާ ބޮޑު ބޭއިންސާފެއް އެނގޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ތާއީދުކޮށް ރާއްޖޭގެ ގިނަ ބަޔަކު ވޯޓު ދެނީ އެމްޑީޕީ ގެންނަ ސިޔާސަތު ރަނގަޅުވުމާ ގުޅިގެން އެ ސިޔާސަތު ތަންފީޒުކުރަން ކަމަށެވެ. ނަމަވެސް ރައީސް ސޯލިހްގެ ސަރުކާރުން އެމްޑީޕީގެ ސިޔާސަތާ އެއްގޮތަށް ބައެއް ކަންކަން ނުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ރައްޔިތުންނަށް ދެވޭ ދެރައެއް ކަމުގައި ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު މިއަދު ކަންބޮޑުވަނީ ކަންނެލި ޖަގަހަ. އެއީ އޮފްޝޯ ޕްލެޓްފޯމެއްގެ ވާހަކަ މިދައްކަނީ. މި ރިސާޗް ކޮށްފައި އެތައް ބަޔަކު ލަފާ ދީގެން އެމްޑީޕީގެ މެނިފެސްޓޯގައި މި ލިޔުނީ ކަންނެލި އޮޑިފަހަރު ބޭރަށް ކުރާ ދަތުރުގެ ކަންނެލި އެތަނަށް ކިރާފައި އެތާ ރޭކޮށްފައި މިކޮޅަށް އަންނަ ދަތުރުގައި ބާނާ މަސް ރަށަށް ކިރާނީއޭ. މިބ ދެގުނަވީއޭ އެއް ދަތުރުން ލިބޭ މިންވަރު. ހަރަދު އެތައް ގުނައަކުން ކުޑަވިއްޔޭ. އަދި މި ފްލެޓްފޯމް ތަކަކީ ސްޓެޓީޖިކްލީ މިސަރަހައްދު ބަލަހައްޓަން ނުލާހިކު ބޭނުންތެރިކަމެއް. ބައިވަރު މީހުން އެބަ ޝައުގުވެރިވޭ މި ޕްލެޓްފޯމުތައް. އެމްޑީޕީ މެނިފެސްޓޯގައި މި ވާހަކަ ލިޔުނު. ސްޓެޓީޖިކް އެކްޝަން ޕްލޭންގައި މި ވާހަކަ ލިޔުނު. އެހެންނަމަވެސް މިކަމެއް ނުކުރި. ތަންފީޒެއް ނުކުރި. އެހެންވީމާ ކަންނެލީގެ އަގު އޮތް ތަނުގައި އޮތީ،" އޮފްޝޯ ޕްލެޓްފޯމުގެ ސިޔާސަތު ތަންފީޒު ނުކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވާތީ އެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިއަދު އަޅުގަނޑުމެންނަށް ލިބުނު އެއްޗެއް ލިބުނީ ޑިމޮކްރަސީ އަށް މަސައްކަތް ކުރުމުން ކަމަށެވެ. މިސަރުކާރުގެ ކުރީގެ މައުމޫނީ ސިފަތަކާއި ބަސްތައް އިވި ފެންނާތީ ޑިމޮކްރަސީގެ އުސޫލުތަކަށް މަސައްކަތް ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. އެކަން ދެން ކުރެވޭނީ އަނެއްކާވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކޮށްދީގެން ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހްގެ ސަރުކާރުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާ ކަމަށާއި ނަމަވެސް އެފަދަ މީހުންނަށް ހައްގު އަދަބު ނުދެވޭ ކަމަށްވެސް ނަޝީދު ވަނީ ތުހުމަތުކުރައްވާފަ އެވެ. އަދި ސަރުކާރުގައި ނެތް ފެންވަރުން ތަރައްގީގެ މަޝްރޫއުތައް ހިންގަން މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެއީ އެކަން ކުރަންޖެހޭ ގޮތް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.

"ނުފޯރާ ފޮތިން ފޫގެޅީމާ އަބަދުވެސް ފެންނަން އޮންނާނީ ބަރަހަނާ. އަޅުގަނޑު އިރުއިރުކޮޅާ އެބަ އަހަން ބަލަ ކިތައް ކަތިވަޅި އޮވެގެންހޭ ގަސްކަނޑަން ތި ނިކުންނަނީ. އަތުގައި ސާމާނު ހުންނަންޖެހޭނެ ނޫންހޭ މިކަން ކުރެވޭނެ،" ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާ ގޮތް ކަމުނުދާ ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނު ކުރިން ރަށްރަށަށް ވަޑައިގަތުމުން ޕީޕީއެމްގެ މެންބަރުން އޭރު އަމަލުކުރަމުން ދިޔަ ރުޅިވެރި ގޮތަށް މިހާރު އަމަލުކުރަމުން ނުގެންދާ ކަމަށެވެ. އަދި އެއީ ބަދަލެއްގެ ފެށުން ކަމަށް ސިފަކުރެއްވި އެވެ.

އަޅުގަނޑަށް ފާހަަގަވޭ އެހެންޔާވިއްޔާ ޕީޕީއެމް މީހުންނާ އަޅުގަނޑު ފެނުނީނަމަވެސް ދެ ދަތް ޖެހޭ ވަރަށް ރުޅިއާދޭ. މިހާރު އެމީހުންވެސް އެހާ ރުޅިއެއް ނާދޭ. އަޅުގަނޑަކަށް ނޭނގޭ ކޮން ސަބަބަކާ ހުރެ ކަމެއް. ދެން އަޅުގަނޑަށް ލަފާކުރެވެނީ ދެން އަޅުގަނޑުވެސް ދުވަސްކޮޅެއްވެއްޖެ މިކަންކަމުގައި އުޅޭތާ. އެހެންވީމާ އެމީހުންވެސް ކޮންމެވެސް ވަރަކަށް މިކަންކަމަށް ފަރިތަވީ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އަޅުގނޑަށް ވަރަށް އުއްމީދީކޮށް ކުރިއަށް އޮތް ތަން ފެންނަނީ." ޕީޕީއެމްގެ މެންބަރުންނަށް އަމާޒުކުރައްވާ ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ގިނަ މީހުން ދިރިއުޅޭ އަތޮޅުތަކުގެ ތެރޭގައި ހިމެނޭ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ އަތޮޅު އަދި ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސް ނަޝީދު މިރޭ ބޭއްވި އާންމު ޖަލްސާއަށް ހާޒިރުވީ ވަރަށް ބޮޑަށްވެސް މަދު އަދަދެކެވެ. ޖަލްސާގައި ޖަހާފައި ހުރި 100 އެއްހާ ގޮނޑީގެ ތެރެއިން ވަރަށް ގިނަ ގޮނޑި ހުރީ ވެސް ހުސްކޮށެވެ.