ޖަނަކް ޝުކްލާ އޭ ބުނުމުން ގިނަ މީހުންނަށް މިއީ ކާކުކަން ނޭނގިދާނެ އެވެ. ނަމަވެސް 90ގެ އަހަރުތަކުގައި ވަރަށް މަޝްހޫރުވި ސިލްސިލާ އެއް ކަމަށްވާ "ކަރިޝްމާ ކާ ކަރިޝްމާ"ގައި ރޮބަޓެއް ކަހަލަ އަންހެން ކުއްޖެއްގެ ރޯލު ކުޅުނީ ޖަނަކް އޭ ބުނެފިނަމަ އެނގޭނެ އެވެ.
ޖަނަކް މިހާރު ޒުވާން ވެއްޖެ އެވެ. ނަމަވެސް ކުޑައިރު ޓީވީ ސިލްސިލާތައް ކުޅުނުގޮތަށް އެކްޓީންގެ ރޮނގުން ކުރިޔަށް ދާން ޖަނަކް ޚިޔާލެއް ނުކުރެ އެވެ. ޖަނަކް ދާދިފަހުން ވަނީ އޭނާގެ ހަޔާތުގެ މުޅީން އާ ސަފްހާއެއް ހުޅުވާލާފަ އެވެ. ލޯބިވެރިޔާ ސްވަޕްނިލް ސޫރްޔަވަންޝީ އާ އެންގޭޖްވެގެންނެވެ.
ޖަނަކްގެ މަންމަ އަކީ ބައެއް ސީރީޒްތަކުގައި އެކި ރޯލުތައް ކުޅެމުންދާ އެކްޓަރެއް ކަމަށްވާ ސުޕްރިޔާ ޝުކްލާ އެވެ.
ދަރިފުޅު ޖަނަކްގެ އެންގޭޖްމަންޓް ސެރެމަނީގެ ފޮޓޯތަކެއް ސުޕްރިޔާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝެއާ ކޮށްފަ އެވެ. އެއާއެކު ސުޕްރިޔާ އާއެކު މަސައްކަތް ކޮށްފައިވާ ވަރަށް ގިނަ ޓީވީ އެކްޓަރުން ޖަނަކް އަށާއި އޭނާއަށް މަރުހަބާ ކިޔާ މެސެޖުތައް ޕޯސްޓްކޮށްފައި ވެއެވެ. އޭގެ ތެރޭގައި ޝްރީތީ ޖާ، ކަންވަރު ދިލަން، އަވިކާ ގޯރް ފަދަ އެކްޓަރުން ހިމެނެ އެވެ.
ވަރަށް ކުޑައިރުއްސުރެ އެކި ސިލްސިލާތަކުގައި އެކްޓްކުރަމުން ދިޔަ ޖަނަކް އެކްޓިން އާ ދުރަށް ދިޔައީ އުމުރުން 15 އަހަރުގަ އެވެ. ޖަނަކް 2020ގައި ދީފައިވާ އިންޓަވިއު އެއްގައި އޭނާގެ ކާމިޔާބު ޝޯ "ކަރިޝްމާ ކާ ކަރިޝްމާ" އަށްފަހު ޝާހް ރުކް ޚާނާއި ޕްރީތީ ޒިންޓާ އަދި ސައިފް އަލީ ޚާންގެ "ކަލް ހޯ ނަ ހޯ" އާއި ހޮލީވުޑް ފިލްމު "ވަން ނައިޓް އިތު ދަ ކިންގް" ކުޅުމުގެ ފުރުސަތު ލިބުނުކަން ފާހަގަ ކޮށްފައި ވެއެވެ.
ޖަނަކްގެ އެ އިންޓަވިއުގައި ބުނެފައިވާ ގޮތުގައި އެކްޓިންގެ ރޮނގުން ކިތަންމެ ކާމިޔާބު ލިބުނަސް އޭނާ އަބަދުވެސް އިސްކަން ދިނީ ކިޔެވުމަށެވެ. އެހެންވެ ވަކި ހިސާބަކުން އެކްޓިންގެ މަސައްކަތް ހުއްޓާލާ ކިޔެވުމަށް ފޯކަސް ކުރީ އެވެ. ޖަނަކްގެ މައިންބަފައިން ވެސް ބޭނުންވީ އޭނާ ކިޔެވުން ފުރިހަމަ ކުރުމަށްފަހު ބޭނުން ރޮނގަކުން ކުރިޔަށް ދިއުމަށެވެ.
ޖަނަކް ވަނީ އާކިއޮލޮޖީގެ ރޮނގުން މާސްޓާޒް ޑިގްރީ ހާސިލްކޮށްފަ އެވެ. ނަމަވެސް ކިޔަވާ ނިމުނުއިރު އެކްޓިން އަށް އޭނާގެ ހުރި ޝައުގު ވަނީ ފަނޑުވެގެން ގޮސްފަ އެވެ. ޖަނަކް ގަބޫލުކުރާ ގޮތުގައި ފިލްމީ ރޮނގުން ކުރިޔަށް ދިއުމުގައި ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާނެ އެވެ. އެހެންވެ ވިޔަފާރީގެ ރޮނގުން ކުރިޔަށް ދާން އޭނާ ނިންމީ އެވެ.