އަބްދުﷲ ޒިޔަތު

އެއް މިލިއަން ޑޮލަރުގެ ޗެކާ ޒިޔަތު ހަވާލުވި، ހިޔާނާތެއް ނުވޭ: ވަކީލުން

Jan 24, 2016
  • ޗެކާ މެދު އަމަލު ކުރީ އުސޫލުގެ ތެރެއިން
  • މައްސަލައިގެ ތަހުގީގު ނުނިމޭ ކަމަށް ވިދާޅުވި
  • ދެން ޝަރީއަތް އޮންނާނީ އަންނަ މަހު 15ގައި

އެއްއެމްޕީއާރުސީގެ އެމްޑީއަކަށް ހުންނެވި، އަބްދުﷲ ޒިޔަތު، އެއް މިލިއަން ޑޮލަރު، (15.4 މިލިއަން ރުފިޔާ) އަށް ހިޔާނާތްވެފައި ނުވާ ކަމަށް އޭނާގެ ވަކީލުން މިއަދު ކޯޓުގައި ބުނެ ދައުވާއަށް އިންކާރު ކުރައްވައިފި އެވެ.

އެމްއެމްޕީއާރުސީ އިން މާލެ އަތޮޅުގެ ފަޅެއް ބަޔަކަށް ކުއްޔަށް ދޫކޮށް ލިބުނު އެއް މިލިއަން ޑޮލަރަށް ހިޔާނާތްވެފައިވާ ކަމަށް ބުނެ ދައުލަތުގެ ފަރާތުން ކުރާ ދައުވާގެ އަޑުއެހުމުގައި ޒިޔަތުގެ ވަކީލުން މިއަދު ވިދާޅުވީ އެ ފަޅު ކުއްޔަށް ދިން ކުންފުނިން އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ސަރުކާރަށް ދެއްކި އެއް މިލިއަން ޑޮލަރުގެ ޗެކާ ޒިޔަތު ހަވާލުވި ކަމަށެވެ. އެހެން ނަމަވެސް އެ ފައިސާއަށް އޭނާ ހިޔާނާތްތެރި ނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ. 

ޝަރީއަތުގެ ހުލާސާ

  • ޒިޔަތު ދައުވާގެ އެއް ބަޔަށް އިންކާރުކުރެއްވި
  • އެއް މިލިއަން ޑޮލަރުގެ ޗެކާ ހަވާލުވި ކަމަށް އެއްބަސްވެ، ހިޔާނާތްނުވާ ކަމަށް ވިދާޅުވި
  • ދައުލަތުން ހުރިހާ ލިޔެކިޔުމެއް ނުދޭތީ ދައުވާއަށް ޖަވާބުދާރީން އުނދަގޫވާ ކަމަށް ވިދާޅުވި
  • ހެކި ހުށަހެޅުމަށް 15 ދުވަސް ބޭނުންވާ ކަމަށް ޒިޔަތުގެ ވަކީލް ވިދާޅުވި
  • ގިނަ ހެކިތަކަކީ ސިއްރު ހެކިން ކަމަށް ދައުލަތުން ވިދާޅުވި
  • ހެކި ހުށަހެޅުމަށް ތިން ދުވަސް ބޭނުންވާ ކަމަށް ދައުލަތުން ވިދާޅުވި
  • ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހު 15 ގައި ކަމަށް ގާޒީ ވިދާޅުވި
  • ޒިޔަތު ގޭބަންދަށް ބަދަލުކޮށްދިނުމަށް ޒިޔަތުގެ ވަކީލު އެދިލެއްވި
  • ގޭބަންދަށް ބަދަލލުކުރުމާމެދު ގޮތެއް ނުނިންމަވާ

ޒިޔަތުގެ މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ، އަންނަ މަހުގެ 15 ދުވަހު ކަމަށް މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލައްވަމުން ފަނޑިޔާރު ވިދާޅުވި އެވެ. އެ އަޑުއެހުމުގައި އޮންނާނީ ހެކި ހުށަހެޅުމެވެ.

އެ ފަޅުގެ މައްސަލައިގައި މަގާމުގެ ނުފޫޒު ބޭނުން ކުރި ކަމުގެ ދައުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ވެސް ވަނީ އުފުލައިފަ އެވެ. އަދީބު ވެސް އެ ދައުވާއަށް އިންކާރު ކުރައްވަ އެވެ. އެމްއެމްޕީއާރުސީ އިން ދޫކުރި އެހެނިހެން ވެސް ރަށްތަކާއި ފަޅުތަކުގެ މައްސަލައިގައި އަދީބާއި ޒިޔަތުގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ގާތްގަނޑަކަށް 50 އެއްހާ މައްސަލަ ޕީޖީއަށް ފޮނުވައިފަ އެވެ.