ޑްރޯން ފަދަ ވައިގެ ތެރޭގައި ދަތުރުކޮށް ގޮސް ހަމަލާދެވޭ ގޮތަށް އުފައްދާފައި ހުންނަ ކުދި އުޅަނދުތައް ދެނެގަނެ ހަމަލާދިނުމަށް އިޒްރޭލުގައި އުފައްދާ ސްކައި ސްޕޮޓާ ސިސްޓަމް ގަތުމާ މެދު ކުރިއަށް އޮތް ދެތިން ހަފުތާގައި ގޮތެއް ނިންމާނެ ކަމަށް ދެކުނު ކޮރެއާ އިން ބުނެފި އެވެ.
ސޯލްގެ އަސްކަރީ މަސްދަރަކާ ހަވާލާދީ ދެކުނު ކޮރެއާގެ ނޫސްތަކުން ވެސް ވަނީ މި ޚަބަރު ގެނެސްދީފަ އެވެ.
އިޒްރޭލުގެ ސްކައި ސްޕޮޓާ އަދި ނުގަނެވިގެން އުޅެނީ -- އަސްކަރީ އޮފިޝަލުން ވިދާޅުވާ ގޮތުން -- އެ ނިޒާމުގެ ގާބިލުކަމާ މެދު ޔަގީންކަން ނެތުމުންނެވެ.
ޑްރޯނަށް ހަމަލާދޭ ބާވަތުގެ ދިފާއީ ނިޒާމަކަށް ދެކޮނު ކޮރެއާ ބޭނުންޖެހިފައި ވަނީ އުތުރު ކޮރެއާއާ ހެދި އެވެ.
އުތުރު ކޮރެއާއިން މިފަހަކު ދެކުނު ކޮރެއާއަށް އަމާޒުކޮށް -- ދެކުނު ކޮރެއާ އިން ޖާސޫސްކުރުމަށް ޑްރޯންތަކެއް ވަނީ ފޮނުވާފަ އެވެ. ދެކުނު ކޮރެއާގެ އަސްކަރީ ހަރަކާތްތައް ބަލައި ފޮޓޯ ނަގައި އެނބުރި ޕިޔޮންގްޔަންގަށް ދެވޭ ފެންވަރުގެ ޑްރޯންތައް ވެސް ވަނީ ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދުން ފެނިފަ އެވެ.
ދެކުނު ކޮރެއާގެ ވައިގެ ސަރަހައްދަށް ޑްރޯންތައް ވަނުމުން އެ ގައުމުން ވަނީ ފައިޓާ ޖެޓުތަކާއި ހެލިކޮޕްޓަރު ފޮނުވައި ބައެއް ޑްރޯންތަކަށް ހަމާދީފަ އެވެ. އަވަސް އަރުވާލައިގެން އުޅެނިކޮށް ދެކުނު ކޮރެއާގެ ފައިޓަރު ޖެޓެއް ވެއްޓި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އުތުރު ކޮރެއާއިން މި ފަދަ އަމަލެއް ނުހިންގުމަށް ދެކުނު ކޮރެއާ އޮތީ އިންޒާރުދީފަ އެވެ. އަދި ރުޅިއެރުވުގެ އަމަލުތައް ތަކުރާރުކޮށްފި ނަމަ އެކަށީގެންވާ ފިޔަވަޅު އެކަށީގެންވާ ވަގުތުގައި އަޅާނެ ކަމަށް ދެކުނުން ބުނެ އެވެ.