ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށް ބާސެލޯނާ އިން އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.
ރޭގެ މެޗަށް ނުކުތްއިރު އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ލިބިފައިވަނީ 38 ޕޮއިންޓެވެ. ބާސެލޯނާ އޭރު އެއްވަނައިގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެކަމަކު ރޭގެ މޮޅާ އެކު ބާސެލޯނާ މިހާރު އެއްވަނައިގައި އޮތީ 41 ޕޮއިންޓާ އެކު އެވެ. ރެއާލްގެ ފަހަތުން ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ލިބިފައިވަނީ 32 ޕޮއިންޓެވެ.
އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަމައެކަނި ގޯލު 22 ވަނަ މިނެޓުގައި ޖެހީ އުސްމާން ޑެމްބެލޭ އެވެ. މިއީ ޒުވާން ތަރި ގަވީ ދިން ބޯޅައަކުން ޑެމްބެލޭ ޖެހި ގޯލެކެވެ.
މެޗުގައި އެތުލެޓިކޯ އިން ގޯލު ޖަހާނެ އެންމެ ރަނގަޅު ފުރުސަތު ހޯދީ އިތުރު ވަގުތުގަ އެވެ. އެކަމަކު އެޓީމުގެ އޮންޓުއަން ގްރީޒްމަން ފޮނުވާލި ބޯޅަ ގޯލުގެ ރޮނގުމަތިން ޑިފެންޑަރު ރޮނާލްޑޯ އަރޫހޯ ވަނީ ސާފުކޮށްލައިފަ އެވެ. ބާސެލޯނާ އަށް ލީޑު ފުޅާކުރަން ލިބުނު ފުރުސަތުގައި ގަވީ ފޮނުވާލި ހަމަލާ އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަކް ވަނީ މަތަކޮށްފަ އެވެ.
މެޗުގެ އިތުރު ވަގުތުގައި ހިނގި ހަމަނުޖެހުމެއްގައި އެތުލެޓިކޯގެ ސްޓެފަން ސަވިޗް އާއި ފެރާން ޓޮރޭސް އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. މި ދެކުޅުންތެރިންނަކީ ވެސް ކުރިން ސިޓީ އަށް ކުޅުނު ދެ ކުޅުންތެރިންނެވެ.
މެޗުން ބަލިވުމާ އެކު އެތުލެޓިކޯ އާއި ބާސެލޯނާއާ ދެމެދު މިހާރު 14 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. 16 މެޗުން ލިބުނު 27 ޕޮއިންޓާ އެކު އެތުލެޓިކޯ މިހާރު އޮތީ ފަސް ވަނައިގަ އެވެ. ލީގު ރޭހުގައި އެތުލެޓިކޯ ފަހަތަށް ދިޔައީ އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވުމުންނެވެ.