އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބ. އަތޮޅަށް ވަޑައިގެންފި އެވެ.
ބ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ ބ. އޭދަފުށްޓަށެވެ.
ރައީސް އޭދަފުއްޓަށް ވަޑައިގެން އެރަށުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވާ އޭދަފުށީގައި ހިނގަމުންދާ މަސައްކަތްތައް ބައްލަވާލެއްވި އެެވ.
ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ރ. އަތޮޅަށެވެ. އަދި އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު ރައީސް ވަނީ ނ. އަތޮޅަށް ވަޑައިގެން ކެމްޕޭން ކުރައްވާފަ އެވެ
ރައީސް ސޯލިހު އަތޮޅުތަކަށް ކުރައްވާ ކެމްޕޭން ދަތުރުފުޅުގައި އިއްޔެ ވަނީ ޅ. އަތޮޅަށް ވެސް ވަޑައިގެންފަ އެވެ. ޅ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ފުރަތަމަ ވަޑައިގަތީ އެ އަތޮޅު ކުރެންދޫ އަށެވެ. އޭގެ ފަހުގައި ޅ. އޮލުވެލިފުއްޓަށް ވެސް ވަޑައިގެންނެވި އެވެ. އަދި އުފަން ރަށް ހިންނަވަރުގައި ރޭ މަޑުކުރެއްވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.