ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ލިބިއްޖެ ނަމަ ރައްޔިތުން މަގުމަތިވާނެ ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ދިވެހި ރައްޔިތުން މަގުމަތުކޮށްލި ކަމަށް ރައީސް ސޯލިހް ވިދާޅުވެފައިވަނިކޮށެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު ނ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ނ. ކެނދިކުޅުދޫގައި ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެއްވެސް ބޭފުޅަކު ރައީސް ސޯލިހަށް ޓިކެޓު ހޯދަން އުޅެފި ނަމަ ރައްޔިތުން މަގުމަތިވާނެ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން މަގުމަތި ވާނެ ރައީސް ސޯލިހަށް އެ ޓިކެޓު ހޯއްދަވައިދޭން އަޅުގަނޑުމެން އެކަކުވެސް އުޅެފިއްޔާ" ރައީސް ނަޝިދު ވިދާޅުވި އެވެ.
ރައީސް ސޯލިހަށް ޓިކެޓް ލިބިވަޑައިގެންފި ނަމަ އެތައް ވޯޓެއް ގެއްލި އެމްޑީޕީއަށް ވެރިކަން ނުހޯދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިހަ ޕަސެންޓުން ބަލިވެދާނެ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުރީ ކާމިޔާބު ހޯދަން ކަމަށެވެ. ރައީސް ސޯލިހް ކުރިމަތިލުމުން ގެއްލޭނެކަން ޔަގީންވާ ވޯޓުތައް އެމަނިކުފާނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
މައުމޫނީ ވެރިކަމުގެ ގޮތްގަނޑު މި ސަރުކާރުގައި އަށަގެންފި ކަމަށާއި އެއީ ކަން އޮންނަންޖެހޭ ގޮތް ނޫން ކަމަށް ވިދާޅުވި އެވެ. މީހަކަށް ހެޔޮވެގެން ރަށަށް ތަރައްގީ ނުހޯދޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މަތީ ތައުލީމު ހިލޭ ހާސިލުކުރުމާއި ސްކޫލްތަކުގައި ކުދިންނަށް ނާސްތާ ދިނުމާއި އުމުރުން ދުވަސްވީ މީހުންގެ އިނާޔަތުގެ އިތުރުން އެކަނިވެރި މައިންގެ އިނާޔަތް ފަދަ ކަންކަމަކީ ރައްޔިތުން އަމިއްލައަށް ރާއްޖެ ގެނައި ޑިމޮކްރަސީގެ ސަބަބުން ރައްޔިތުންނަށް ލިބޭ މަންފާތަކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ރައްޔިތުން ބޭނުންވާ ތަރައްގީ ލިބެން އޮތީ ޑިމޮކްރަސީގެ ނިޒާމު ފުޅާކޮށްގެން ކަމަަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު އައިސް މި ހުރީ މި ޕާޓީ ތިބޭފުޅުންނަށް ރައްދު ކުރަން. އަޅުގަނޑު އައިސް މި ހުރީ މި ޕާޓީ އަޅުގަނޑުމެންގެ އަތުން ބީވެދާތީ. ތިބޭފުޅުން އުފެއްދި ޕާޓީއެއްމީ އެހެން ބަޔެއްގެ އެއްޗެއް ނޫން." ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ތިން އަތޮޅަކަށް ރައީސް ނަޝީދު ދަތުރުފުޅު ފެއްޓެވީ މިއަދު އެވެ. ނ. ރ. އަދި ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ނަޝީދު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.