ރައީސް މުހައްމަދު ނަޝީދު

"އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާ ހޯދަން ސަރުކާރުން ބޭނުމެއް ނުވޭ"

އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާއިން އަދި އެންމެ ލޯ ލާރި އެއްވެސް ނުލިބޭ ކަމަށާއި އެ ފައިސާ ނުލިބި ވަނީ ސަރުކާރުން އެ ފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކުރާތީ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ނ. އަތޮޅުގެ ރަށްތަކަށް މިހާާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނ. ޅޮހީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެމްއެމްޕީއާރްސީގެ އެޔޮށް ބޮޑު ހިޔާނާތުގެ ފައިސާ އަނބުރާ ހޯދާނަމޭ އަޅުގަނޑުމެން ބުނިން. އަދި ލޯ ލާރިއެއްވެސް އަޅުގަނޑުމެންނަކަށް ނުހޯދޭ. ހަމަ ކަނޑައެޅިގެން އަޅުގަނޑުމެން ނުހޯދާ އޮތީ. މީ އެމްޑީޕީ މެންބަރުންނަށް ބަލައިގަނެވޭނެ ކަމެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ މެންބަރުން މިހާރު ސަރުކާރާ ދުރަށްޖެހޭ ކަމަށާއި އެއީ ސަރުކާރުން ހިންގާ ވައްކަމާއި ކޮރަޕްޝަނާއި ހިޔާނާތުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީ އަކީ މި ހުރިހާ ކަމަކާ ދެކޮޅަށް އުފެދިގެން އައި ޕާޓީއެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރެއްވި އެވެ.

އެމްޑީޕީން އަބަދުވެސް ދައްކަމުން އައި ވާހަކައަކީ އަނިޔާގެ ވާހަކައާއި އިންސާފުގެ ވާހަކައާއި ކޮރަޕްޝަންގެ ވާހަކަ ކަމަށް ނަޝީދު ވިދާޅުވި އެވެ. ކޮރަޕްޝަން ހުއްޓުވުމަށް އެމްޑީޕީން އެދެނީ އެއީ ތަރައްގީއަށް ހުރި ހުރަހަކަށް ވާތީ ކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުން ޓެކްސް ދައްކަނީ ރައްޔިތުންނަށް ދެފުށް ފެންނަގޮތަށް ރައްޔިތުންގެ ބޭނުންތަކަށް ސަރުކާރުން ހޭދަ ކުރުމަށް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"އެފައިސާ ހަރަދުނުކޮށް ނާޖާއިޒުކޮށް އޭގެން ފައިދާ ނެގީމާ، އެކަމާ ފިޔަވަޅު ނޭޅުނީމައި އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމަކީ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީ މެންބަރުންނަށްވެސް އަދި ރާއްޖޭގެ ރައްޔިތުންނަށްވެސް މިއަދު ރާއްޖޭގައި ކަންކަން ހިނގާ ގޮތް އިނގޭކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ފަޅު ރަށްރަށުގައި 200 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތައް އެއް އަހަރު ނުވަތަ ދޮޅު އަހަރުން ނިންމާލާއިރު ރަށްރަށުގައި ނަރުދަމާ އަޅަން ފަސް އަހަރު ވުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށެވެ.