ލައިފްސްޓައިލް

ދެ އަހަރުގެ ކުއްޖެއް މޮޅުކަމުން ރެކޯޑް ފޮތަށް

އަދިސްތަތުރީ ބިސްވާސް އަކީ އުމުރުން އެންމެ ދެ އަހަރުގެ ކުއްޖެއް ނަމަވެސް އޭނާގެ ހުނަރު ފެނުމުން އުމުރަކީ ހަމައެކަނި ނަމްބަރެއް ކަމަށް ގަބޫލު ކުރެވޭނެ އެވެ.

އިންޑިއާގެ ވެސްޓް ބެންގާލްގެ ހޫގްލީ-ޗިންސުރާގައި ދިރިއުޅޭ މި ކުޑަކުޑަ ކުއްޖާގެ ކިބައިގައި އެހެން ގިނަ ކުދިންގެ ނެތް ވަރުގެ ހުނަރު ހުރިކަން އޭނާ ވަނީ ސާބިތުކޮށްދީފަ އެވެ.

ސްކޫލެއްގެ އޮޅިގަނޑު ގިރާކުރުމުގެ ކުރިން އަދިސްތަތުރީ ވަނީ އޭނާގެ ހުނަރުން ނެޝަނަލް އަދި އިންޓަނެޝަނަލް ގިނަ އެވޯޑުތަކެއް ހޯދާފަ އެވެ.

ދެ އަހަރުގެ މި ކުއްޖާގެ ނަން އިންޑިއާގެ ނެޝަނަލް ރެކޯޑްސް އަށް މިދިޔަ ނޮވެމްބަރުގައި އަރާފައި ވެއެވެ. އޭބީސީޑީގެ އަކުރުތައް ރީތިކޮށް ކިޔުމާއި އޮޓޮމޮބައިލް ކޮމްޕެނީގެ ނަންތައް އެންމެ ދެ މިނިޓް ތެރޭ ކިޔައިގެންނެވެ.

ވޯލްޑް ރެކޯޑްސް އޮފް އެކްސެލެންސްގެ ބައިނަލްއަގުވާމީ އެވޯޑެއް އަދިސްތަތުރީ އަށް ލިބުނީ އެންމެ އަވަހަށް އިނގިރޭސި އަލްފަބެޓްސް ކިޔައިގެންނާއި ކާރު/ބައިކް ބްރޭންޑްސްގެ ނަންތައް އެންމެ އަވަހަށް ކިޔައިގެންނެވެ. މި ރެކޯޑްތައް ގާއިމުކުރިއިރު މި ކުއްޖާގެ އުމުރަކީ ދެ އަހަރާއި ނުވަ މަސް ދުވަހެވެ. އަދި ކިޔަވަން ސްކޫލަކަށް ނުދިޔަ ނަމަވެސް އިނގިރޭސި އުނދަގޫ ލަފުޒުތައް ވެސް އޭނާ ވަރަށް ފަސޭހައިން ރީތިކޮށް ކިޔާލަ އެވެ.

އަދިސްތަތުރީގެ އާއިލާ އަކީ ވެސް ވަރަށް ތައުލީމީ ގިނަ ބަޔަކު ތިބި އާއިލާ އެކެވެ. އޭނާގެ ބައްޕަ އަބިޖީތު ބިސްވާސް އަކީ ޕްރޮފެސަރެކެވެ. މަންމަ ރާޖްކުމާރީ ބިސްވާސް އަކީ ޓިއުޓާ އެކެވެ.

މި ތުއްތު ކުއްޖާ ކާރު އުފައްދާ ކުންފުނީގެ ނަންތަކާއި ކާރު/ބައިކް ބްރޭންޑްތަކުގެ ނަންތައް ދަސްކުރީ އޭނާގެ މަންމައާ އެކު ކުޅޭ ތަފާތު ގޭމްތަކުގެ އެހީގަ އެވެ.

މީގެ އިތުރުން ޖަނަވާރުންނާއި ގަސް ގަހުގެ ސައިންޓިފިކް ނަންތައް ވެސް މި ކުއްޖާ ފަސޭހަކަމާއެކު ކިޔަ އެވެ.

މި ކުއްޖާއަކީ އާދަޔާޚިލާފު ތޫނުފިލިކަމެއް ހުރި އަދި ހަނދާން ވެސް ވަރަށް ގަދަ ކުއްޖަކަށް ވާތީ އެންމެ މިނިޓެއް ތެރޭގައި ޖެނެރަލް ނޮލެޖުގެ 100 ސުވާލަށް ފަސޭހަކަމާއެކު މި ކުއްޖާ ޖަވާބު ދެއެވެ.

ކޮންމެ ކުއްޖެއްގެ މައިންބަފައިން ވެސް ބޭނުންވާނީ އެމީހުންގެ ދަރިންނަކީ އާއިލާއަށް ރީތި ނަން ހޯދައިދޭ ކުދިންނަށް ވުމަށެވެ. އަދިސްތަތުރީގެ މަންމަ އާއި ބައްޕަ ވެސް ބޭނުންވަނީ މިގޮތެވެ.

އަދިސްތަތުރީގެ މަންމަ ބުނި ގޮތުގައި ކުއްޖާގެ ހުނަރު ކުރިއަރުވަން އެމީހުން މަސައްކަތްކުރަނީ އެކި ކަހަލަ އެޑިއުކޭޝަނަލް ގޭމްސްގެ އެހީގަ އެވެ. އަދި އޭނާގެ ހަނދާނާއި ހުނަރުކުރިއަރާ ކަހަލަ ގިނަ ވާހަކަތަކެއް ކުއްޖާއާ ދައްކާ ކަމަށެވެ.

އަދިސްތަތުރީ އަކީ ބަސްތައް ދަސްކުރަން ލޯބިކުރާ ކުއްޖަކަށް ވާތީ އެހާ ޅަ އުމުރުގައި ވެސް ތަފާތު ސަބްޖެކްޓްތައް ދަސްކުރަން އޭނާއަށް އުނދަގުލެއް ނޫނެވެ.

އަދިސްތަތުރީގެ މަންމަ ބުނި ގޮތުގައި ދަރިފުޅު ކިޔާ ތަނާއި ސުވާލުތަކަށް ޖަވާބު ދޭތަން ވީޑީއޯކޮށް އޭނާ ވަރަށް ގިނަ ކުންފުނިތަކާ ޝެއާ ކުރި އެވެ. ދަރިފުޅަށް ހައްގު އެވޯޑުތައް ލިބުމަށް މަގުފަހިވީ އެހެންވެ އެވެ.

"ރެކޯޑް-ބްރޭކްކުރި ވީޑީއޯތައް ވެސް އަހަރެން ގިނަ ކުންފުނިތަކަކަށް ފޮނުވިން. އެހާތަނުން ދަރިފުޅަށް ފަހަރަކު އެވޯޑެއް ލިބެން ފެށީ. އަހަރެމެން އެންމެން ވެސް ދަރިފުޅަށްޓަކައި ވަރަށް ފަޚުރުވެރިވޭ،" އަދިސްތަތުރީގެ މަންމަ ބުންޏެވެ.