ރާޖްކުމާރު ރާއޯ އަކީ ބޮލީވުޑް އެކްޓަރުންގެ ތެރެއިން އެންމެ ހުނަރުވެރި އެއް އެކްޓަރެވެ. ރާޖްކުމާރު ވަރަށް ފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ރައްޓެހިންނަށް ފިލްމު ކުޅެދިން ދުވަސްތައް މާޒީ ވެއްޖެ އެވެ. ދެން އޭނާ ރައްޓެހިކަމުން އެއްވެސް މީހަކަށް ފިލްމެއް ކުޅެއެއް ނުދޭނެ އެވެ.
އިންޑިޔާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ރާޖްކުމާރު ބުނީ ބައެއް ފަހަރަށް ރައްޓެހިން އައިސް ދައްކާ ވާހަކަތަކުން ޖަޒުބާތުގައި ޖެހިގެން މުޅީން ހިލޭ ފިލްމު ކުޅެދެވޭ ކަމަށެވެ. ނަމަވެސް ދެން އިތުރަށް އެގޮތަށް ކަންތައް ކުރާކަށް އޭނާ ގަސްދެއް ނުކުރެ އެވެ.
އޭނާ ބުނި ގޮތުގައި އެގޮތަށް ރައްޓެހިންނަށް ރައްޓެހިކަމުން އުޖޫރައެއް ނެތި ކުޅެދޭ ފިލްމުތަކުގައި އޭނާއަށް ވެސް އެހާ ޝައުގުވެރިކަމާއެކު ބައިވެރިއެއް ނުވެ އެވެ. އޭގެ ސަބަބުން އޭނާގެ އެކްޓްކުރުމުގެ ފެންވަރަށް ބަދަލު އާދެ އެވެ.
ރައްޓެހިން އާދޭސް ކުރާތީ އޭނާ ކުޅެދޭ ބައެއް ފިލްމުތަކަކީ އެ ފިލްމަކާ މެދު އޭނާ ހިތްހަމަޖެހޭ ފިލްމުތަކެއް ނޫނެވެ. އޭނާއަށް ގަބޫލު ނުކުރެވޭ ފާޑުގެ ފިލްމެއްގައި ގަބޫލު ނުކުރެވޭ ކަހަލަ ކެރެކްޓާއެއް ކުޅެން ޖެހުމަކީ ވެސް މަސައްކަތުގެ ކޮލިޓީ ދަށްވާ ކަމެއް ކަމަށް ރާޖްކުމާރު ބުންޏެވެ.
ރައްޓެހިން ބުނެގެން އެމީހުންނަށް އެހީވުމުގެ ގޮތުން ފިލްމު ކުޅުން ހުއްޓާލަން އޭނާ ނިންމީ މި ސަބަބުތަކާ ހެދިކަމަށް ރާޖްކުމާރު ބުންޏެވެ.
ރާޖްކުމާރުގެ ފިލްމީ ކެރިއަރަށް ބަލާއިރު އޭނާ އެންމެ ފަހުން ކުޅެ ރިލީޒްކޮށްފައިވަނީ "މޮނިކާ އޯ މައި ޑާލިންގް" އެވެ. އަދި ދެން އެންމެ އަވަހަށް ރިލީޒްކުރަން ހަމަޖެހިފައިވަނީ ޖާންވީ ކަޕޫރާއެކު ކުޅޭ "މިސްޓަ އެންޑް މިސިޒް މާހީ" އެވެ.