މާފުށި

އާ މާފުށިން އަންނަ މަހު ގޯތި ދޫކުރަނީ

ކ. މާފުށި ކައިރިން އަލަށް ހިއްކި އާ މާފުށިން އަންނަ މަހު ގޯތި ދިނުމަށް މާފުށި ކައުންސިލުން ނިންމައިފި އެވެ.

މާފުށި ކައުންސިލުން އަންނަ މަހު އާ މާފުށިން ގޯތި ދިނުމަށް ނިންމާފައި މިވަނީ އެ ރަށުގެ ލޭންޑް ޔޫޒް ޕްލޭން ކައުންސިލުން ފާސްކުރުމަށް ފަހު އެ ޕްލޭންއަށް އަމަލު ކުރުމުގެ ކުރިން މާފުށި ރައްޔިތުންނާއެކު ބައްދަލުވުމެއް ބާއްވާ އެ ބައްދަލުވުމުގެ ތެރެއިން ލޭންޑް ޔޫޒް ޕްލޭން ފާސްކުރުމަށްފަހު އެވެ.

މާފުށި ކައުންސިލުގެ ރައީސް ހަސަން ސޮލާހު އަވަސްއަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް އަލަށް ހިއްކި ބިމުން 312 ގޯއްޗެއް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރެއިން ރައްޔިތުންނަށް ހިލޭ ދިނުމަށް ހަމަޖެހިފައިވަނީ 306 ގޯތި ކަމަށާއި ބާކީ ހަ ގޯއްޗަކީ ވިއްކުމަށް ހަމަޖެހިފައިވާ ހަ ގޯތި ކަމަށް އޭނާ ވިދާޅުވި އެވެ. މި ހަ ގޯތި ވިއްކާނީ މާފުށީ ރައްޔިތުންނަށް ކަމެއް ނުވަތަ އެހެން ބަޔަކަށް ކަމެއް އަދި ނުނިންމާ ކަމަށްވެސް ސޮލާހު ވިދާޅުވި އެވެ.

މާފުށި ކައުންސިލުން މީގެ ކުރިން ދޫކުރުމަށް ނިންމީ 1،500 އަކަފޫޓުގެ ބިމެވެ. ނަމަވެސް ރައްޔިތުންގެ އެދުމުގެ މަތިން މިހާރު ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ބޮޑުމިން 2،000 އަކަފޫޓަށް ބޮޑުކޮށްފައިވާ ކަމަށްވެސް ސޮލާހު ވަނީ ވިދާޅުވި އެވެ.

ދެ މާފުށި ގުޅާލުމަށް މީގެ ކުރިން ހަމަ ޖެހިފައިވަނީ ކޯޒްވޭ އެއް މެދުވެރިކޮށެވެ. އެކަމަކު ރައްޔިތުންގެ އެދުމުގެ މަތިން ލޯންޗް ފަހަރާއި ޑިންގީއަށް ދަތުރު ކުރެވޭނެ ގޮތަށް ބްރިޖަކުން ދެ މާފުށި ގުޅާލުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށާއި މިހާރު އެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ކަމަށްވެސް ސޮލާހު ވިދާޅުވި އެވެ. އަދި މިއީ މާފުށީގައި ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ވަރަށް ބޭނުންތެރި ކަމެއްގެ ގޮތުގައި މާފުށީ ކައުންސިލުން ދެކެ އެވެ.

"ބޭނުން ވަނީ މާފުއްޓަށް އަންނަ ޓޫރިސްޓުންނަށް ދެ ސައިޑެއް ފެނުން. އެ ކޮޅަކީ [އަލަށް ހިތްކި ރަށަކީ] ރޫރަލްކޮށް ވިލެޖް ކޮންސެޕްޓަށް އޮންނަ ރަށެއްގެ ގޮތުގައި އޮވެފައި، މި ކޮޅުން ސިޓީ ލައިފެއް ފެނުން،" ސޮލާހް މީގެ ކުރިން އަވަސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.

އާ މާފުށި ހިއްކުމުގެ މަޝްރޫ އެމްޓީސީސީއާއި ހަވާލުކުރީ 2019 ވަނަ އަހަރު އެވެ. މި މަޝްރޫގެ އަގަކީ 118.07 މިލިއަން ރުފިޔާ އެވެ. އެމްޓީސީސީން އާ މާފުށި ހިއްކާ ނިންމާލީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.