ބިން ހިއްކުން

މާފުށިން 25 ހެކްޓަރުގެ ބިން ހިއްކައިފި

މާލެ އަތޮޅު މާފުށީގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ތިން ހާހެއްހާ މީހުން ދިރިއުޅޭ މާފުށީގައި އެމްޓީސީސީން ވަނީ 25 ހެކްޓަރުގެ ބިންް ހިއްކާފަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައި ވަނީ އެރަށަށް ދިމާވެފައި އޮތް ބިމުގެ ދަތިކަން ހައްލުކޮށް، ވިޔަފާރިތަކަށް ބިން ދޫކުރާށެވެ. މާފުއްޓަކީ މާލެ އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ގަދަ އަށް ކުރާ ރަށެވެ.

އެމްޓީސީސީން މިއަދު ބުނީ މާފުށީ ބިން ހިއްކުމުގެ މަސައްކަތް މި މަހު 14 ވަނަ ދުވަހު ނިންމާލާފަައިިވާ ކަމަށެވެ. އެ ރަށުގައި ބިން ހިއްކާފައިވަނީ، ވަކި ރަށެއް ގޮތަށެވެ. ހިއްކި ރަށް އޮންނާނީ މާފުއްޓާ ކޯސްވޭ އަކުން ގުޅާލާފައި ކަމަށް އެމްޓީސީސީން ބުންޏެވެ. އަދި، ހިއްކި ސަރަހައްދު ހިމާޔަތް ކުރުގެ މަސައްކަތް ވެސް ފަށާފައިވާކަމަށް އެ ކުންފުނިން ފާހަގަ ކުރެ އެވެ.

މި ޕްރޮޖެކްޓަށް އެ ކުންފުނިން ވަނީ 99.98 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. ޕްރޮޖެކްޓު އެމްޓީސީސީ އާ ހަވާލު ކުރީ މިދިޔަ އަހަރު އޮގަސްޓުގަ އެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި އެމްޓީސީސީން ވަނީ ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމުގެ ޕްރޮޖެކްޓުތައް ފަށާފަ އެވެ. މީގެ ތެރެއިން ބައެއް ޕްރޮޖެކްޓުތައް ވޭތުވެދިޔަ ދެތިން މަސް ތެރޭ ނިންމި އެވެ.