ހުރާ

ހުރާގައި 23 ހެކްްޓަރުގެ ބިން ހިއްކައިފި

މާލެ އަތޮޅު ހުރާގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފި އެވެ.

ހާހެއްހާ މީހުން ދިރިއުޅޭ ހުރާގައި އެމްޓީސީސީން ވަނީ 23 ހެކްޓަރުގެ ބިންް ހިއްކާފަ އެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައި ވަނީ އެރަށަށް ދިމާވެފައި އޮތް ބިމުގެ ދަތިކަން ހައްލުކޮށް، ވިޔަފާރިތަކަށް ބިން ދޫކުރާށެވެ.

އެމްޓީސީސީން މިއަދު ބުނީ ހުރާ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި މަސައްކަތް ކުރި ސައިޓު މިދިޔަ ހަފުތާގެ ތެރޭގައި ޑިމޮބަލައިޒް ކޮށްފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓަށް އެ ކުންފުނިން ވަނީ 105.05 މިލިއަން ރުފިޔާ ހަރަދު ކޮށްފަ އެވެ. އެއީ، ދެ ފޭސް އަކަށް ބަހާލައިގެނެވެ. އެއީ ފުރަތަމަ ފޭސްގެ މަސައްކަތަށް 33.73 މިލިއަން ރުފިޔާ އާއި ދެވަނަ ފޭސް އަށް 71.32 މިލިއަން ރުފިޔާ އެވެ.


ހިއްކި ސަރަހައްދު ހިމާޔަތް ކުރަން 1،626 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓު ޖަހާ 152 މީޓަރުގެ ސަރަހައްދެއްގައި ތޮށި ވެސް ލައިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ. އެ މައްސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހު ކުރީގެ ހައުސިން މިނިސްޓްރީންނެވެ.