ލައިފްސްޓައިލް

އާފުރެނީ ކީއްވެ؟

އާފުރުމަކީ ނިދި އައުމުން ނުވަތަ ފޫހިވުމުން ވާ ކަމެއްގެ ގޮތުގައި އަހަރެމެން މި ތިބީ ގަބޫލުކޮށްގެންނެވެ. އެކަމަކު އާފުރުމުގެ ސިއްރުތައް ހޯދަން ސައިންސްވެރިން އެތައް ސަތޭކަ އަހަރެއް ކުރިން ފެށި މަސައްކަތުން އެދެވޭ ޖަވާބެެއް ލިބިފައި ވަނީ އަދި ކިރިޔާ އެވެ. ވަރަށް ގިނަ ސަބަބުތަކާ ހެދި އާފުރިދާނެކަން މިހާރު އެނގެ އެވެ. އާފުރޭ ވާހަކަ ދައްކަން ފެށީމާ ވެސް އާފުރިއްޖެދޯ އެވެ؟

ސައިންސްވެރިން ބުނަނީ އާފުރުމަކީ ކުރިން ހީކުރެވިފައިވާ ވަރަށް ވުރެ މާ އޮޅުންބޮޅުން ބޮޑު ނިޒާމެއް ކަމަށެވެ. އެންމެ ކުރުކޮށް ބުނާ ނަމަ އާފުރުމަކީ ސްޓްރެސްގެ މިންވަރު އިތުރުވެގެން ދިއުމާ އެކު ސިކުނޑި ހުށިޔާރުކަންމަތީ ބެހެއްޓުމަށް ގުދުރަތުން ލައްވާފައިވާ ވަރަށް ފުރިހަމަ ނިޒާމެކެވެ. މީހަކު އާފުރޭތަން ފެންނަ މީހާ ވެސް ހަމަ އެވަގުތު އާފުރޭ ފަހަރު އާދެ އެވެ. މިއީ ކޮންޓެޖަސް ޔޯނިން އެވެ. އެކެއްގެ ކިބައިން އަނެކަކަށް ވާސިލުވާ އާފުރުމެވެ. ސައިންސްވެރިން ބުނާ ގޮތުުގައި މިއީ އިންސާނުންނާއި ޖަނަވާރުުތަކުގެ ތެރޭގައި ވެސް މިކަން ހިނގާ ގޮތެވެ. އެކަކު އާފުރޭތަން ފެނުމުން ދެން ތިބޭ މީހުން އާފުރެނީ އެ ބައެއްގެ މެދުގައި ހުުންނަ ގުޅުމެއްގެ މައްޗަށްކަން އެނގޭހެއްޔެވެ؟ އާއިލާ އާއި އެކުވެރިން އަދި އެކުގައި އުޅޭ މީހުންގެ މެދުގައި މިގޮތަށް އާފުރުން ނިކަން އާންމުވާނެ އެވެ. މިއީ އެކުގައި އުޅޭ މީހުން އެކަކު އަނެކަކަށް ސަމާލުވެ އެކަތިގަނޑެއްގެ ގޮތުގައި ތިބުމަށް ވާކަމެކެވެ.

އާފުރެނީ ސިކުނޑީގެ ކެމިސްޓްރީ އަށް އަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ. އާފުރުމުގެ އެވްރެޖް ދިގުމިނަކީ ހައެއްކަ ސިކުންތެވެ. އެކަމަކު ފުލުފުލުހުން ވަރަށް ގިނަފަހަރު ވެސް އާފުރިދާނެ އެވެ.

"މިކަން އެނގެނީ މިއީ ދެނެގަންނަން ވަރަށް އުނދަގޫ ނިޒާމެއްކަން އަދި އާފުރުމުގެ ތަފާތު އެކި ސަބަބުތައް ހުންނަކަން،" ޔުނިވަސިޓީ އޮފް ޓެކްސަސް ހެލްތު ސައިންސް ސެންޓަގެ ރިސާޗަރެއް ކަމަށްވާ ގްރެގަރީ ކޮލިން ވޯލް ސްޓްރީޓް ޖާނަލް އަށް ވިދާޅުވެފައިވެ އެވެ.

އާފުރުމުގެ ހަގީގަތް ހޯދަން ސައިންސްވެރިން ކުރި މަސައްކަތުގައި ވަނީ އެކި މީހުންގެ އާފުރުމުގެ ހަމަތައް ހުންނަ ގޮތް ބަލައިފަ އެވެ. ސައިންސްވެރިންނަށް ފާހަގަވެފައިވާ ގޮތުގައި ހޫނު މޫސުމުގައި އާފުރުން ގިނަ އެވެ. އަދި އެކަކު އާފުރޭތަން ފެނުމުން އާފުރެވޭ ގޮތް ކުޑަކުދިންނާއި އޯޓިސްޓިކް މީހުންނަށް ދިމަލެއް ނުވެ އެވެ. އަދި ބައެއް މީހުން ވަރަށް އާދަޔާ ހިލާފް ވަގުތުތަކުގައި ވެސް އާފުރެ އެވެ. އެގޮތުން ސްކައި ޑައިވްކުރާ ބައެއް މީހުން އެތައް ހާސް ފޫޓެއްގެ މަތިން ފުންމާލަން އުޅޭ ވަގުތު އާފުރެ އެެވެ. އޮލިމްޕިކް އެތުލީޓުންގެ ބައެއް މީހުން މުބާރާތަށް ފަށަމުން އާފުރެ އެވެ. މި ހޯދުންތަކުން އެނގުނު ގޮތުގައި އާފުރުމަކީ ޖަނަވާރުންގެ ނަސްލަށް ވަރަށް ހާއްސަ ސިފައެކެވެ. މައިބަދައެއް ހުންނަ ކޮންމެ ޖަނަވާރެއްހެން އާފުރެ އެވެ.

ހޯދުންތަކުން އެނގުނު ގޮތުގައި އާފުރުމުގެ އެންމެ މުހިންމު ބޭނުމަކީ ސިކުނޑި އޭގެ އެންމެ އެކަށީގެންވާ މިންގަނޑަށް ފައްތާލުމެވެ. އެގޮތުންް ސިކުނޑިއަށް "ދޮން ބޮޑުވެއްޖެ" ނަމަ އާފުރުމުން ސިކުނޑި އަށް ފިނިކަން ލިބި އެކަށީގެންވާ ސްޕީޑަށް ފައްތާލަ އެވެ. ސިކުނޑިއާ ބެހޭ އިލްމުވެރިން ވިދާޅުވާ ގޮތުން ސިކުނޑީގެ ހޫނުކަން ކުޑަ މިންވަރެއް މައްޗަށް ޖެހުނަސް ކަންކަމަށް އިޖާބަ ދިނުން ލަސްވެ ހަނދާން ބަލިވާ ގޮތް މެދުވެރި އެވެ. އެހެންވެ ސިކުނޑީގެ ފިނިހޫނުމިނަށް އަންނަ ބަދަލާ އާފުރުން ވަރަށް ބޮޑަށް ގުޅިފައިވެ އެވެ. ހާސްވެ ކަންބޮޑުވުމާއި ސްޓްރެސްގެ ސަބަބުން ސިކުނޑީގެ ހޫނުކަން މައްޗަށްދެ އެވެ. އެހެންވެ ބޮޑު ކަމެއް ކުރަން އުޅޭއިރު ކުރިމަތިވާ ނުތަނަވަސްކަމުގެ ސަބަބުން އާފުރުމަކީ ވަރަށް ގާތް ކަމެކެވެ.

މީގެ ކުރިން ކިޔައި އުޅުނު ގޮތުގައި އާފުރެނީ ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން މަދުވުމުން އެބައި ހަމަޖައްސާލުމަށެވެ. އެކަކު އާފުރޭތަން ފެނުމުން އަނެކަކު އާފުރެނީ ކުރިން އާފުރުމުގެ މީހާގެ އިހްސާސްތައް އެނގޭ މީހާ ކަމަށް ވެސް ކިޔައި އުޅެ އެވެ. އެކަމަކު އެއީ ރަނގަޅު ހީތަކެއް ނޫން ކަމަށް ސައިންސްވެރިން މިއަދު ބުނެ އެވެ. ދެން އެންމެ ރަނގަޅެވެ. މި ލިޔުން ކިޔައި ނިމުނު އިރު ކިތައް ފަހަރު އާފުރުނު ހެއްޔެވެ؟