ވާހަކަ

ކައިވެނީގެ އަމާޒު ކަމުގާ

( 8 ޖެނުއަރީ 2023 އާ ގުޅޭ )

ސޯފާގައި ލައިލީ އިށީނދެލައިގެން އިނެވެ. ދަރަކްގެ އިންތިޒާރުގައެވެ. ހުޅުވާފައި ހުރި ޓީވީ އާ އަހަރުގެ ޝޯ ދައްކަމުން ދިޔައެވެ. އަތުގައި އޮތް ފޯނަށް އިރުއިރުކޮޅުން ލައިލީ ބަލާލައެވެ. އެގޮތުގައި ދަންވަރު ބާރަޖަހައި ހިނގައްޖެއެވެ. ދަރަކްގެ މެސެޖެއް ލައިލީއަށް އައީ އޭނާއަށް ގުޅަން އުޅެނިކޮށެވެ. ލައިލީ ވީ ތައްޔާރީތަކާއި ކުރި އުންމީދުތައް ބޭކާރުވީއެވެ. ދަރަކް އޭނާއަށް އެ ދިނީ ދޯކާއެވެ.

"އައި އޭމް ސޮރީ. ނޭނގެ ދެވޭނެ އިރެއް. ވެރިޔާއާއެކީ މިއުޅެނީ." ފޯނަށް އައި ދަރަކްގެ މެސެޖު ލައިލީ ކިޔާލިއެވެ.

"ވަޓް ޑޫ ޔޫ މީން." ކުއްލިއަކަށް ލައިލީގެ ހިތަށް އެރި ބަސްތައް ދަރަކްއަށް ފޮނުވާލިއެވެ. ދަރަކްގެ ޖަވާބެއް އަންނާނޭ ކަމަށް ލައިލީ ފޯނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. އޭނާ ފޮނުވި މެސެޖު ދަރަކް ބެލިކަމަކަށް ނުދައްކައެވެ. އިތުރަށް ލައިލީ މާޔޫސްވިއެވެ. ދަރަކް ބޭނުންވާ އެއްޗެއް ބުނެވުމުން އެ ނިމުނީ ހެއްޔެވެ. ލައިލީގެ ސުވާލުތަކަށް ޖަވާބު ދިނުން މުހިންމު ނުވީ ހެއްޔެވެ. ދަރަކްއާ ވާހަކައެއް ދެކެވުނަސް މިހާރު ލައިލީއަށް އިޙްސާސް ކުރެވެނީ އެފަދައިންނެވެ. ލައިލީގެ ޚިޔާލަކަށް ދަރަކް މިހާރު ބޭނުމެއް ނުވާހެންނެވެ.

"ދަރަކް އަހަންނަށް އޮޅުވާލަނީއެއްނޫންބާ؟. އޭނާ ހަމަ އަސްލު ވެސް އެ އިނީ އޮފީހުގަތަ؟. ވެރިންނާއެކީތަ؟. އެހެންވިއްޔާ އެއީ ތެދެއްކަން ސާބިތުކުރަން އަހަރެން ބޭނުން. ލޯބިވާ ފިރިމީހާއަށް އަބަދު ޝައްކުކުރާކަށް ބޭނުމެއްނޫން. ދަރަކްގެ އޯގާތެރިކަމުގެ ފަހަތުގައިވަނީ ބޭވަފާތެރި ކެހިވެރިއެކޭ ހީކުރާކަށް ބޭނުމެއްނޫން... ޔަގީންނުވެ ހީވުމެއްގެ ތެރޭ ހުންނާކަށް ބޭނުމެއްނޫން." ދަރަކްގެ ނަންބަރަށް ޑަޔަލްކޮށްލައިގެން ހުރި ލައިލީގެ ހިތުގައިވިއެވެ.

"ތި ގުޅުއްވި ނަންބަރު..." ފޯނަށް ނުގުޅުމުން އިވޭ އޮޓޯ މެސެޖުގެ އަޑު ލައިލީގެ ކަންފަތުގައި ޖެހުނެވެ. މޭޒު ދޮށުން އޭނާއަށް ތެދުވެވުނެވެ. ކޯލު ކަނޑާލާފައި އަލުން ދަރަކްއަށް ގުޅިއެވެ. އެގޮތައް ދެތިން ފަހަރު ދަރަކްއަށް ލައިލީ ގުޅައިފިއެވެ.

ކަންފަތާ ފޯނު ދުރުކޮށްލުމާއެކު ލައިލީ އަތް އެލުވާލިއެވެ. އެ މޫނުން ފާޅުވާން ހުރީ މާޔޫސްކަމުގެ އިންތިހާއެވެ. ދަރަކްގެ ފޯނު އޮތީ ނިވާލާފައެވެ. ލައިލީއަށް ޔަގީންވަނީ ދަރަކްގެ ފޯނުގައި ޗާޖު ހުންނާނޭކަމެވެ. ވީއިރު ފޯނު ނިވޭނީ ދަރަކް ގަސްދުގައި ފޯނު ނިވާލައިގެންނެވެ. އެ ޚިޔާލުން ލައިލީގެ މޭގައި ރިއްސާލިއެވެ. ދަރަކް ހަމައެކަނި އޮފީހުގައި ބިޒީވިއްޔެއްނޫނެވެ. ލައިލީ ގުޅާފާނެތީ ފޯނު ވެސް ނިއްވާލީއެވެ. އޭނާގެ އަޑު ވެސް އަހަން ދަރަކް ބޭނުންނުވީއެވެ.

"ކީއްވެ ބުނީ ވެރިޔާ ކައިރީ އާދޭސްކޮށްގެން ވިޔަސް އަންނާނަމޭ... ނުފުއްދޭނެކަން އެނގޭއިރު ވަޢުދުވާންވީ ކީއްކުރަން. މިފަހަރު ދެން ދައްކާނީ ކޮން އުޒުރެއްބާ. އަހަންނަށްވުރެ ސަމައިރާ މުހިންމުވީތަ؟. ދަރަކް އަހަރެންދެކެ ލޯތްބެއް ނުވޭތަ؟. އަހަރެންދެކެ ފޫހިވީތަ؟. އަހަންނަށް ދެން އެއްވެސް ކަމެއް ޤަބޫލެއް ނުކުރެވޭނެ. އިތުރަށް ޤަބޫލުކުރަން އޮތީ ވެސް ކޮންކަމެއް؟." ހިތުގެ އަޑު ގަދަވެ ލައިލީގެ އަނގައިން މަޑު އާހެއް ނުކުތެވެ. ދެ ލޮލަށް ކަރުނަ ބޮނޑިވާން ފެށިއެވެ. ސައިލެއްހެން ކަރުނަތައް ބަންޑުންވާފެށީ ލައިލީގެ އިޚްތިޔާރެއް އެކަމުގައި ނެތިއެވެ. ހިތުގައި އަޅަމުން ދިޔައީ މީގެ ކުރީން ދުވަހަކުވެސް ތަޖުރިބާ ކުރެވިފައިނުވާ ފަދަ ވޭނީ ގަދަ ރިހުމެކެވެ. މޭ ފުނޑުފުނޑުވަނީއޭ ހީވެއެވެ. ހިތުގެ ނާރުތައް ބުރިބުރިވަނީއޭ ވެސް ހީވެއެވެ. އެޕާޓްމެންޓުގެ ތެރޭގައިވީ ލައިލީގެ ރުއިމާއި ގިސްލުމުގެ އަޑެވެ.

މީހާ ހަމައަކަށް އެޅެންދެން މޭޒުދޮށުގައި އިނދެ ލައިލީ ރުޔެވެ. އެއަށްފަހު ދެ ލޯ ފުހެލާފައި އޭނާ ބަލާލީ ކާމޭޒުމައްޗަށެވެ. ތުންފިއްތާލިއިރު ލައިލީގެ މޫނުމަތީ ވަނީ ރުޅިވެރިކަމެވެ. އޭނާ ތެދުވިގޮތަށް ދެ އަތުން ކޭކު ނެގިއެވެ. ތަޅުންމައްޗަށް ކޭކު ޖަހަން ދެ އަތް ހިއްލާލިއެވެ. އެފަދައިން ކަންތައްކުރާކަށް ނުކެރުނެވެ. އެހެންވެ އަލުން މޭޒުމަތީ ކޭކު ބެހެއްޓީއެވެ. ކާއެއްޗިއްސާއި ތަށިތަކަށް ރުޅި ބޭލި ނަމަވެސް ހަޤީޤަތާއި ހާލަތު ބަދަލު ނުވާނޭކަން ލައިލީއަށް ވިސްނުނީއެވެ. އަނެއްކޮޅުން އެ ހުރިހާ ހަޑިއެއް ސާފުކުރަން ޖެހޭނީ ވެސް ޚުދު އޭނާއަށެވެ. ކުރެވެން އުޅުނީ މޮޔަކަމެކޭ ލައިލީއަށް ޤަބޫލުކުރެވެނީ އެހެންވެއެވެ. ކާއެއްޗެހި އުކާލުމުގެ ބަދަލުގައި ފްރިޖަށް ލާފައި މޭޒުމަތިން ތަށިތައް ލައިލީ ނަގައިފިއެވެ.

އެރޭ ކޮޓަރިއަކަށް ލައިލީ ނުވަނެއެވެ. ނިދީގެ އަސަރެއް ވަރުބަލިކަމެއް އޭނާއަށް އިހުސާސެއް ނުކުރެވެއެވެ. ބޯދަށަށް ސޯފާގައި ހުރި ކުދި ބާލީސްތަކުން ބާލީހެއް ލައްވާލައިގެން ލައިލީ އޮތެވެ. ވިސްނާ ފިކުރު ކުރުން ނޫންކަމެއް ލައިލިއަށް ނުވިއެވެ. އެރެޔަށް ލައިލީ ތައްޔާރުވީވަރު ފެނުމުން ދަރަކް ދެރަވާނެބާއޭ ލައިލީގެ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނެވެ. ދަރަކް ދައްކާނީ ކޮންބަހަނާއެއްބާއޭ ލައިލީ ހިތަށް އަރައެވެ. އެ ހިތްދަތި ފިކުރުތަކުގައި ލައިލީ އޮވެ ދަންވަރު ދޭއްޖަހައިފިއެވެ. ދެން ތިނެކެވެ. ގަޑިއިރަކަށްފަހު ގަޑިއިރެއް ފާއިތުވެ ފަތިސްވެއްޖެއެވެ. ދަރަކްގެ ޚަބަރެއް ނުވިއެވެ. ސިޓިންރޫމުން ނުކުމެގެން ހުރި ބެލްކަނީގެ ދޮރު ހުޅުވާފައި ހުރުމުން އިރުގެ ފުރަތަމަ ދޯދިތަކުން އުދަރެހަށް ވެރިވަމުންދިޔަ ފަނޑު އަލިކަން ސޯފާގައި އޮތް ލައިލީއަށް ފެނެއެވެ. އެ މަންޒަރު ބަލަން އޮވެފައި އޭނާ ފުންމައިގެން ތެދުވިއެވެ. ކޮޓަރިއަށް އައިސް ފާޚާނާއަށް ވަނެވެ. މޫނު ދޮވެލައިގެން ނުކުމެ ލޯގަނޑު ކުރިމަތީ ހުއްޓުނެވެ. ކަނދުރާއާ ހަމައަށް ކޮށާލެވިފައިވާ އިސްތަށިގަނޑު ރީތިކޮށްލުމާއެކު ލައިލީގެ މޫނުގައި ފުއްކޮޅެއް ޖަހާލިއެވެ. ތުންފަތުގައި ލިޕްބާމެއް ހާކާލައި ކުރަކިކަން ފިލުވާލިއެވެ. ލޯގަނޑަށް ބަލަން ހުރެ ފުންނޭވާއެއް ލައިލީ ދޫކޮށްލިއެވެ. ދެން އެނބުރުނު ގޮތަށް އައިސް ނެގީ އަތްދަބަހެވެ. ކޮނޑުގައި އަތް ދަބަސް އަޅުވާލުމާއެކު ލައިލީ އެޕާޓްމެންޓުން ނުކުތެވެ.

"ދަރަކްއާ މިވަގުތު ކުރިމަތިލައިފިނަމަ އަހަންނަށް ކެތެއްނުކުރެވޭނެ. އަހަންނަށް ރޮވޭނެކަން ޔަގީން. ގޮތް ހުސްވެފައިވާ ނިކަމެތި އަންހެނެއްހެން އޭނާގެ ކުރިމަތީ ރޯކަށް ބޭނުމެއްނޫން. އައި ޑޯންޓް ވޯންޓް ޓު ބީ ދެޓް މިޒަރަބަލް." ލިފްޓުގެ ތެރޭގައި ހުރި ލައިލީގެ ހިތުގައިވިއެވެ.

ދުނިޔެމަތި އަލިވަމުން އައިއިރު މަގުތަކުގައި މީހުން މަދެވެ. ލައިލީ ހުއްޓިލައިގެން ހުރީ ރަސްފަންނުގެ ތެރޭއެވެ. ތޮށިކައިރީ މޫދާ ދިމާއަށް އޭނާ ބަލަހައްޓައިގެން ހުއްޓެވެ. ޖޯލިފަތިތަކާއި އުނދޯލީގައި ހަރުފުރައިގެ ދެތިން މީހުން ތިބިތަން ފެނެއެވެ. އެކަމަކު އެއިން އެއްވެސް ކަމަކަށް ލައިލީގެ ސަމާލުކަން ދެވިފައެއް ނެތެވެ.

"ހެޕީ އެނިވަރސަރީ އެންޑް ހެޕީ ނިއު އިޔާ ލައިލީ." ލައިލީ އަމިއްލަ ނަފްސަށް ބުނެލިއެވެ. އަދި އިރުއަރައި ހޫނުކަން އިޙްސާސްވާން ފެށުމުން ލައިލީ ރަސްފަންނުން ނުކުމެ ހިނގައިގަތެވެ.

ދަރަކްއާ ކުރިމަތިލާނެ ގޮތަކާމެދު ވިސްނަމުން ލައިލީ އައީ މަޑު ހިނގުމެއްގައެވެ. ގޭކައިރީ ހުރި "ވިނީސް ޑެއްލީ" ހުޅުވާފައި ހުރިތަން ފެނުމުން އެތަނަށް ލައިލީ ވަނެވެ. އާންމުކޮށް މީހުންނާއިގެން ފުރިފައި އޮންނަ ތަނެކެވެ. ނަމަވެސް އެހާ ހެނދުނާ އެތަން އޮތީ ފަޅަށެވެ. ލައިލީ އިށީނީ މަގުމަތި ފެންނާނޭހެން ބިއްލޫރިޖަހާފައި ހުރި ބިތްކައިރިން މޭޒެއްގައެވެ. އެތަނުގައި އެވަގުތު ހަރަކާތްތެރިވަމުންދިޔައީ އެންމެ މީހެކެވެ. އެ އަންހެންކުއްޖާ ލައިލީގެ އޯޑަރު ނަގަން ކައިރިއަށް އައެވެ. ކޮފީއަކާއެކު ހެނދުނު ނާސްތާއަކަށް ލައިލީ އޯޑަރު ދިނެވެ.

މަގުމައްޗަށް ލައިލީގެ ނަޒަރު ދަތުރުކޮށްލިއެވެ. މޭޒުގައި ދެ އުޅަންބޮށިކޮޅު ވިއްދާލައިގެން އިނެވެ. ދަރަކް ގެއަށް އައީބާއޭ ލައިލީ ހިތަށް އަރަމުން ދިޔައެވެ. އޭނާގެ ކަރުގައި އޮތް ފަށުގެ ފުލުގައި މަޑުމަޑުން ލައިލީ ފިރުމާލިއެވެ. އެއީ މިދިޔަ އަހަރު ކައިވެންޏަށް ދެއަހަރު ފުރުނު މުނާސަބާ ފާހަގަކުރަމުން ލައިލީއަށް ދަރަކް ދިން ހަދިޔާއެވެ. ލައިލީގެ ޚިޔާލުތައް މަޒީގެ ކަނޑުގެ ތެރެއަށް ފީނައިގަތެވެ. އެރޭ ދަރަކްއާއެކީ "ޑޭޓަކަށް" ލައިލީ އައީ ކުރިޔަށްވާނީ ކިހިނެއްކަން އެނގި ހުރެއެއް ނޫނެވެ. ދެމީހުން ދާނީ ކޮންތާކަށްކަން ދަރަކް އޮތީ މާކުރިން ނިންމާފައެވެ. މާލޭގެ މަޝްހޫރު ރެސްޓޯރެންޓެއްގެ ރޫފްޓޮޕްގައި ދެ ޒުވާނުން ރޭގަނޑުގެ ކެއުމަށް އިންސާފުކުރިއެވެ. އެރޭ ދަރަކްގެ ނަޒަރު ލައިލީއާ ވަކިނުވެއެވެ. ލައިލީ ސުވާލުކުރުމުން ދަރަކް އަވަސްއަވަހަށް ނަޒަރު ވަކިކޮށްލީއެވެ. ލައިލީގެ ރީތިކަމަށް އޭނާ ތާރީފުކޮށްލީ ރަކިވެފައި އިން ފަދައިންނެވެ. އެރޭ ވެސް ދަރަކްގެ ޚިޔާލުގައިވަނީ ކީކޭކަން ދެނެގަތުން ލައިލީއަށް ދަތިވިއެވެ. ދަރަކްގެ ފަރާތުން ތަފާތުކަމެއް ފެންނާތީ އެކަމާ ލައިލީ ކަންބޮޑުވެ މޫޑު ހަރާބުނުވީ ކިރިޔާއެވެ. ހަޤީޤަތް ދަރަކްއަށް ބުނެވޭވަރުވީ އެހިސާބުންނެވެ. ފަސްޖެހުންތައް ދޫކޮށްލާ ދަރަކް ވާހަކަދެއްކިއެވެ. އޭނާ ލައިލީއާ ކައިވެނިކުރާން ބޭނުންވަނީކަން ހާމަކުރީ ނިކަން ސީރިއަސްކަމާއެކުއެވެ. އެރޭ އެއީ ކައިވެންޏަށް ލައިލީގެ ގާތުން ދަރަކް އެހިރެއެވެ. ދަރަކް އެހާ ހާސްވެގެން އުޅުނީ އެހެންވެއެވެ. ލައިލީ ދޭނެ ޖަވާބެއް ނޭނގޭތީ އެކަމާ ވެސް އޭނާ އިނީ ޖެހިލުންވެފައިކަން ފަހުން ދަރަކް ބުންޏެވެ. އިހްސާސްތައް ހާމަކުރަންވީމާ ދަރަކް ފަސްޖެހެނީއެވެ.

"އަހަރެން ލައި އުފަލުގައި ގެންގުޅޭނަން." އެރޭ ކައިވެންޏަށް ލައިލީ އެއްބަސްވުމުން ދަރަކް ވަޢުދުވިއެވެ.

ދެ ލޯ މަރާލަމުން ޚިޔާލުތަކުން ލައިލީ ނުކުތެވެ. އެހިނދު އެސްފިޔަތަކުގެ ތެރެއިން ކަރުނައިގެ ތެތްކަން އިޙްސާސްވިއެވެ. މަޑުމަޑުން ލޯ ކައިރި ލައިލީ ފުހެލިއެވެ.

"ތިން އަހަރު ކުރީން އެއީ. ހީވަނީ އެތައް ސަތޭކަ އަހަރެއް އޭގެ ފަހުން ފާއިތުވެއްޖެހެން..." ހަށިފުރާ ފުންނޭވާއެއް ލައިލީ ދޫކޮށްލިއިރު ހިތުގައި ވިއެވެ. އޭނާގެ ލޮލުގެ ހިމަކޮޅުން އެވަގުތު ދަރަކް ފެނުނުހެން ހީވިއެވެ. ވަގުތުން މަގުމައްޗަށް ލައިލީ ނަޒަރު ހުއްޓާލިއެވެ. ސައިކަލުގައި އެ ދިޔައީ ދަރަކްއެވެ. އެހެންވީމަ ދަރަކް ގެއަށް އެ އައީ އަދިކިރިޔާތާއޭ ލައިލީގެ ހިތަށް އެރިއެވެ.

ލައިލީގެ ފޯނު ރިންގުވާންފެށިއެވެ. ކޮފީ ޖޯޑުން އެތިފޮދު ބޮމުންދިޔަ ލައިލީ މޭޒުމަތީ އޮތް ފޯނަށް ބަލާލިއެވެ. ގުޅަނީ ދަރަކްއެވެ. ލައިލީ ގޭގައި ނެތިގެންކަން އެ ގުޅަނީ އޭނާ ދެނަހުއްޓެވެ. ފޯނުކޯލު ނުނެގުމުން ދަރަކް މެސެޖު ވެސް ކޮށްފިއެވެ. ކޮންތާކުތޯ އަހާފައެވެ. ކޮންއިރަކުންތޯ އަންނާނީ އަހާފައެވެ.

"ގެއަށް އައި އެންމެ ފަހަރަކު އަހަރެން ނުފެނުމުން ތިވަރުވޭތަ؟. އެހެންވީއިރު ދަރަކް އުޅޭނޫޅޭ ގޮތެއް ނޭނގިގެން އަހަންނަށް ވާނޭވަރު ވިސްނާލަބަލަ." ފޯނަށް ބަލަން އިން ލައިލީ ހިތާހިތުން ބުނެލިއެވެ.

ހިނދުހިނދުކޮޅުން ފޯނަށް ދަރަކްގެ މެސެޖު އަންނަމުން ދިޔައެވެ. މިހާރު ފޯނަށް ލައިލީ ބަލަން އިނީ ހިނިއައިސްފައެވެ. އޭނާ ވީތަނެއް ނޭނގިގެން ދަރަކް އެ އުޅޭގޮތުން ލައިލީ އިނީ ހިތްހަމަޖެހިފައެވެ. ދަރަކްގެ ހިތް ތަޅުވާލަން ބޭނުންވެފައެވެ. ރޭގައި އޭނާ ހޭދަކުރި ހިތްދަތި ހާލު ދަރަކްއަކަށް ނުވިސްނޭނެކަން ލައިލީއަށް އެނގެއެވެ. ދަރަކް ވެސް އޭނާ ގުޅާފާނެތީ ރޭގައި ފޯނު ނިއްވާލީއެވެ. އޭނާ ވިއްޔާ ފޯނު ނިއްވައެއް ނުލަންތާއެވެ. މިފަދަ ޚިޔާލުތަކުގައި ލައިލީ އިނދެ ސައިބޮއެ ނިންމާލިއެވެ. އޭރު އެތަނަށް ވަންނަ މީހުން ގިނަވެ ތަނުގައި ކުރީން އޮތް ހިމޭންކަން ވެސް ގެއްލެންފަށައިފިއެވެ. ބިލްދައްކާފައި ލައިލީ އެތަނުން ނުކުތީއެވެ.

"ކޮންމެތާކު އުޅުނަސް އެނބުރި ދާން އޮތީ އެގެއަށް. އަހަރެންގެ ދިރިއުޅުން އެއީ." ގެއާ ދިމާއަށް ހިނގައިގަތް ލައިލީގެ ހިތުގައި ވިއެވެ.

ލިފްޓުން ނުކުމެގެން އައިސް އެޕާޓްމެންޓް ކުރިމަތީ ލައިލީ މަޑުކޮށްލިއެވެ. އޭރު ވެސް އަތުގައި އޮތް ފޯނު ވައިބްރޭޓްވެއެވެ. އަނެއްކާވެސް ދަރަކް ގުޅަނީއެވެ. އެ ކޯލަށް ޖަވާބުދޭކަށް ލައިލީ ބޭނުމެއްނޫނެވެ. އަތްދަބަހުގެ ތެރެއިން ތަޅުދަނޑިފަތި ލައިލީ ނެގި ވަގުތު އަތުން ދޫވެގެން ތަޅުންމައްޗަށް އެ ވެއްޓުނެވެ. ގުދުވެލާފައި ތަޅުދަނޑިފަތި ނަގައި ދޮރުގެ ތަޅުވަޅަށް ކޮށްޕާލަން ލައިލީ އުޅުނެވެ. ކުއްލިއަކަށް އެޕާޓްމެންޓުގެ ދޮރު ހުޅުވުނީ އެވަގުތެވެ. ދޮރުމަތީ ކަންބޮޑުވުމުގެ އަސަރާއެކީ ބަލަން ހުރީ ދަރަކްއެވެ.

"ކޮންތާކަށް ދިޔައީ." ދަރަކް ވަގުތުން ސުވާލުކުރިއެވެ.

"ލައި..." ލައިލީ ޖަވާބެއް ނުދީ ހުރުމުން ދަރަކް ގޮވާލިއެވެ.

"ހިނގާލަން ދިޔައީ. ދަރަކްގެ ފޯނަކަށް ނުގުޅޭ." ލައިލީ ބުންޏެވެ.

"ސޮރީ." ދަރަކް ބުނެލިއެވެ.

ލައިލީ ގޭތެރެއަށް ވަނެވެ. އޭނާ އެތެރެއަށް ވަދެގެން ދާން އުޅެނިކޮށް ދަރަކް އޭނާގެ އަތުގައި ހިފިއެވެ. ގާތަށް ދަމާލުމާއެކު ލައިލީގެ ގައިގާ ދަރަކް ބައްދާލިއެވެ. ލައިލީއަށް ނޭވާލާން ދަތިވާހާ ބާރަށެވެ. ދަރަކްގެ އެ ހަރަކާތުން ލައިލީ ހައިރާންވިއެވެ.

"އައި އޭމް ސޮރީ. އަހަންނަށް ނާދެވުނީ. ލައި ރެޑީވިކަންކަން ހުރީ އެނގޭ... އައި އޭމް ސޮރީ ލައި." ލައިލީގެ ގައިން ދޫކޮށްނުލާ ހުރެ ދަރަކް ވާހަކަދެއްކިއެވެ. އެ އަޑުގައިވަނީ އާދޭހެވެ. މިފަހަރު މަޢާފުކޮށްދޭށޭ ބުނާ ފަދައެވެ. ނަމަވެސް ދަރަކްގެ މޭގައި ލައިލީ އަތްވިއްދާލުމާއެކު ދުރަށް ޖެހުނީއެވެ. ދަރަކްގެ ވާހަކަތައް ޤަބޫލުކުރަން ފަސޭހައެއްނޫނެވެ. އަނބިމީހާއާއެކު ވަގުތު ހޭދަކުރާން ބޭނުންވިނަމަ ރޭ ހަތަރުދަމުން ކުޑަވަގުތުކޮޅެއް ވިޔަސް ދަރަކްއަށް ހުސްކުރެވުނީހޭ ލައިލީގެ ހިތާއި ޟަމީރު ވެސް އެއްބަސްވެއެވެ. ވީއިރު ހަޤީޤަތަކީ ރޭގައި ދަރަކް ނައީ އަންނަން ބޭނުންނުވާތީއެވެ. މުޅި ރޭ ލައިލީއާއެކު ހޭދަކުރާކަށް އޭނާ އެއްފަހަރު ވެސް ނުބުނެއެވެ. ވަގުތުކޮޅެއް ހޯދާލައިގެން ލައިލީގެ ގާތަށް އައިސްފައި އެނބުރި މަސައްކަތައް ދާނީކަން ލައިލީ ބުންޏެވެ. އެ އިޚްތިޔާރު ވެސް ދަރަކްއަށް އޮތެވެ.

"ފާޚާނާއަށް މިދަނީ... އަހަރެން ދެން ނިދާނީ." ލައިލީ ހިނގައިގަންނަމުން ބުންޏެވެ.

"ލައިލީ... ރުޅިއައިސްފަތަ؟." ދަރަކް އަހާލިއެވެ.

ލައިލީ އެނބުރި ބަލާލިއެވެ. ދަރަކްގެ މޫނުން ފާޅުވާ ކަންބޮޑުވުމަކީ އެކްޓެއްބާއޭ ލައިލީ ހިތާ ސުވާލުކުރެވުނެވެ. ހުރިހާކަމެއްކޮށްފައި ދަރަކް ހާސްވެ ކަންބޮޑުވާންވީ ކޮންކަމަކާ ހެއްޔެވެ. ލައިލީ ގެއްލިދާނެތީއެވެ. އެ މޫނުންނާއި ދަރަކްގެ ހަރަކާތްތަކުން އެވަގުތު ބުނެދެނީ އެފަދަ ވާހަކައެކެއެވެ. ނޫނީ ދަރަކްގެ ބޭނުމަކީ ލައިލީގެ ހިތުގައި އޭނާގެ މައްޗަށް ނަފުރަތު އުފެއްދުންބާއެވެ.

"ރުޅިއެއް ނާދޭ." ލައިލީ ބުނެލިއެވެ. އޭނާ ހަޤީޤަތުގައި ވެސް މިހާރު އެ ހުރީ ރުޅިއައިސްފައެއް ނޫނެވެ. އެއަށްވުރެ ބޮޑަށް ދަރަކް އޭނާ ހިތުގައި ޖައްސައިފިއެވެ.

ފެންވަރަން ހުރިއިރު ލައިލީ ނިންމީ އެއްވެސް ކަމަކާ އިތުރަށް ނުވިސްނާށެވެ. މީހަކު ސިއްރުކުރާކަމެއް ހޯދުން ފަސޭހައެއް ނުވާނެއެވެ. ހިތްދަތިކަމާއި މާޔޫސްކަމުގެ އަޅަކަށް އޭނާގެ ނަފްސުވާން ދޫކޮށްލުމަށްވުރެ ހިތްވަރު ގަދަވާން އޭނާ ޖެހޭނެކަން ޟަމީރު ވިސްނައިދިނެވެ. އެހެންވިޔަސް ލައިލީއަށް އިހުގެ އުފާވެރި އަނބިމީހާއަކަށް ބަދަލެއް ނުވެވޭނެއެވެ.

ޓީޝާޓުކޮޅަކާއި ޔޯގާ ޓައިޓެއް ލައިގެން ހުރި ލައިލީ ކޮޓަރިން ނުކުތެވެ. އޭނާ ނުކުތީ ތުވާލިތައް ދޮންނަން ޖެހޭތީ އެ ހިފައިގެންނެވެ. މެޝިނު ހުރި ދިމާއަށް އޭނާ އައެވެ. މެޝިނު ހުރީ ދޮންނަން ޖައްސާފައެވެ. މެޝިނު ކައިރިއަށް ތުވާލިތައް ލައިލީ އަޅާލިއެވެ. އަދި ގުދުވެފައި މެޝިނުގައި ހުރީ ކޮންއެއްޗެއްތޯ ބަލާލިއެވެ. ގައިމުވެސް އޭނާ އެއްޗެއް ދޮންނާކަށް ނުލައެވެ. ދެ ލޯ ބޮޑުވެގެން އައީ މެޝިނުގައި ހުރީ ދަރަކްގެ އެއްޗެހިކަން ލައިލީއަށް ފެނިގެންނެވެ.

"އަހަރެން ކައިރީ ދޮވެދޭން ނުބުނީ ކީއްވެ؟. އެއީ ރޭގަ ދަރަކް ލައިގެން ހުރި އެއްޗެހި." ލައިލީއަށް ހިތާހިތުން ކިޔާލެވުނެވެ. ޚިޔާލުތަކުގައި ހުރެ ލައިލީ ބަދިގެއަށް އައެވެ. ކާމޭޒުދޮށުގައި ދަރަކް އިނެވެ. މޭޒުމަތީގައި ރޭގައި ލައިލީ ތައްޔާރުކުރި "ސީޒަރ ސެލެޑް" ތަށްޓާއި ކޭކު ހުއްޓެވެ. ދަރަކް އިނީ އެ ސެލެޑް ތަށިން ކާށެވެ. ނަމަވެސް ފްރިޖް ކައިރިއަށް ލައިލީ ޖެހިލީ އެ މަންޒަރު ނުފެންނަ ކަމަށް ހަދަމުންނެވެ.

"ތޭންކްސް ލައި." ދަރަކް ބުނެލިއެވެ. ލައިލީ ބަލާލުމުން ދަރަކް ހިނިތުންވުމެއް ދިނެވެ.

"ކޮފީ ހަދަންތަ؟. ކޭކާއެކީ މީރުވާނެ." ހިނިތުންވެ ހުރެ މޭޒުދޮށުން ތެދުވަމުން ދަރަކް ވާހަކަދެއްކިއެވެ.

"ފިނިވެ ގަނޑު ހިފީމަ ރޭގަ ހުރިހާ ފްރެޝްއެއްނުވާނެ" ފްރިޖުން ފެންފުޅިއެއް ނަގަމުން ލައިލީ ބުނެލީ އެއްވެސް އަސަރެއް ނެތިއެވެ. އެހެންވިޔަސް ދަރަކްގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރެއް ނުފެނެއެވެ. އޭނާ ވާހަކަ ދައްކަނީ ލޯބިންނެވެ.

"ލައި ރުޅިއައިސްފަކަން އެނގޭ ތިހުރީ... ނޫންތަ؟." ދަރަކް ކޮފީ ހަދަން އުޅެމުން ބުނެލިއެވެ.

"އަހަރެން މިބުނީނު ރުޅިއެއް ނާދެއޭ." ލައިލީ ބުންޏެވެ.

"އެހެންވީރު އާދޭ ކޮފީއާއެކު ކޭކުކޮޅެއް ކާލަން." ދަރަކް ނިކަން ހަމަޖެހިފައި ވާހަކަދެއްކިއެވެ.

"ކީއްވެ ރޭގަ ލައިގެން ހުރި އެއްޗެހި ދޮންނަން ޖެހުނީ." ލައިލީ ސުވާލުކޮށްލިއެވެ. ދަރަކް ހިމޭންވެލިއެވެ.

(ނުނިމޭ)