ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ މާލޭގެ ފުރަތަމަ "ދޮރުން ދޮރަށް" މާފަންނުގައި

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މާލޭގައި ބާއްވާ ފުރަތަމަ ފަހަރަށް "ދޮރުން ދޮރަށް" ހިންގެވުމުގެ ހަރަކާތް މިއަދު ފެށުމަށް ނިންމަވައިފި އެވެ.

ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވާ މި ހަރަކާތުގައި ކެމްޕޭނުގެ އިސްވެރިންނާއެކު އެމަނިކުފާނު ފުރަތަމަ ވަޑައިގަންނަވާނީ މާފަންނު އުތުރުގެ ގޭބިސީތަކަށް ކަމަށް ކެމްޕޭން އޮފީހުން ބުނެ އެވެ.

ރައީސް ސޯލިހް މިއަދު ފުރަތަމަ މާލޭގައި ދޮރުން ދޮރަށް ހިންގަވަން ތައްޔާރުވެވަޑައިގެންނެވި ނަމަވެސް އެމަނިކުފާނުގެ ކެމްޕޭން ޓީމުން މާލޭގައި ދޮރުން ދޮރަށް ހިންގަވާތާ ހަފްތާއެއް ވެއްޖެ އެވެ.

ރައީސް ސޯލިހް މިއަދު މާލެ ވަޑައިގެންނެވީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ރެއާ ހަމައަށް ހަތަރު އަތޮޅެއްގައި ކެމްޕޭން ކުރެއްވުމަށްފަހު އެވެ. އެގޮތުން އެމަނިކުފާނު ވަނީ ނ، ރ، ބ، އަދި ޅ އަތޮޅުގައި ކެމްޕޭންގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފަ އެވެ.

ދަރުބާރުގޭގައި މިރޭ 8:30 ގައި ރައީސް ސޯލިހްގެ ކެމްޕޭން ޓީމުތަކާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާ ވާދަކުރައްވަމުން ގެންދަވާ ރައީސް ނަޝީދުވެސް ގެންދަވަނީ "ދޮރުން ދޮރަށް" ހިންގަވާ މާލެއާއި އަތޮޅުތަކުގައި ވަރުގަދައަށް ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.