އެމްޓީސީސީ

ކޭޝް ކާޑުން ބަސް ދަތުރުތަކަށް މިހާރު ފައިސާ ދެއްކޭނެ

ކޭޝް ކާޑު ބޭނުންކޮށްގެން އާރްޓީއެލް ބަސް ޓިކެޓަށް ފައިސާ ދެއްކޭ ހިދުމަތް އެމްޓީސީސީ އިން މިއަދު ތައާރަފްކޮށްފި އެވެ.

މި ހިދުމަތް އިފްތިތާހު ކޮށްދެއްވުމަށްފަހު އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މިއީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވި ހިދުމަތެއް ކަމަށާއި މި ހިދުމަތުގެ ސަބަބުން އާރްޓީއެލް ބަހުގެ ހިދުމަތް ހޯދާ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެ ކަމަށެވެ.

"ރައްޔިތުން ވަރަށް ބޮޑަށް އެދެމުން ދިޔަ އަތުގައި އޮންނަ ކާޑު ޖައްސާލާފައި ދަތުރުކުރެވޭނެ ނިޒާމު ހަމަޖައްސައި ދެއްވުމަށް. ކޭޝް ދެއްކުން ވަރަށް ދަތިވޭ ރައްޔިތުންނަށް. އެކަން އަޅުގަނޑުމެންނަށްވެސް އެނގޭ."

އާޒިމް ވިދާޅުވީ މި ހިދުމަތުގެ ދަށުން ކޮންޓެކްޓްލެސް ކާޑު އޮންނަ ކޮންމެ ބޭފުޅަކަށް އެ ކާޑު ޖައްސާލުމަށްފަހު ބަސްތަކުގައި ދަތުރުކުރެވޭނެ ކަމަށެވެ.

ބަސްދަތުރު ތަކުގައި މިހާރު ތިން ގޮތަކަށް ފައިސާ ދެއްކޭނެ އެވެ. އެއީ ނަގުދު ފައިސާ ދެއްކުމާއި، ވެބްސައިޓް ބޭނުންކޮށްގެން ޓިކެޓް ރިޒަވޭޝަން ހައްދާއިރު ފައިސާ ދެއްކުމާއި އިތުރުން އަތުގައި އޮންނަ ކޭޝް ކާޑު ބޭނުންކޮށްގެން ފައިސާ ކެނޑުމެވެ.

"އަޅުގަނޑުމެންގެ ހިދުމަތްތައް ދުވަހަކަށް ވުރެ ދުވަހެއް ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއަށް އިތުރުވާ ބޮޅެއް މި ބޮޅަކީ" ސީއީއޯ އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެބޭފުޅުން ގެންދަނީ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް މި ހިދުމަތް ތައާރަފްކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އެކަމުގައި ދަތިތަކެއް ހުރި ނަމަވެސް ވީހާވެސް އަވަހަށް އެކަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބަސް ދަތުރުތަކަށް ހާއްސަކޮށްގެން ޕްރީ ޕެއިޑް ވިސާ މާސްޓާ ކާޑެއް ތައާރަފްކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އެކާޑު ތައާރަފްކުރެވުމުން ކުރިން ބޭނުންކުރި ބަސްކާޑުތައް ޕްރީ ޕެއިޑް ކާޑުތަކަށް ކްރެޑިޓާއެކު ބަދަލު ކޮށްދޭނެ ކަމަށެވެ. އެންމެ ލަސްވެގެން ދެމަސް ތެރޭގައި ކާޑުތައް ތައާރަފް ކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. ޕްރީ ޕެއިޑް ކާޑަށް އޮންލައިންކޮށް ރީލޯޑް ކޮށްލެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެމްޓީސީސީ އަކީ މައްސަލަތަކަށް އަބަދުވެސް ދާއިމީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން އެއްވެސް ފަރާތެއްގެ ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް ނުވަތަ މައްސަލައެއް އޮތް ނަމަ އެބޭފުޅުންނާ ގުޅުއްވާ އެކަންކަން ހިއްސާކޮށްދެއްވުމަށް އެދިވަޑައިގަތެވެ.