އެމްޓީސީސީ

މަގުތަކުގައި ހިންގާ ހަރަކާތްތަކުގެ ސަބަބުން ބަހުގެ ހިދުމަތް ދޭން ދަތިވޭ: އާޒިމް

ބައެއް މަގުތަކުގައި މިހާރު ހިންގާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ބަސްދަތުރުކުރުމަށް ވަރަށް ބޮޑެތި ދަތިކަމެއް ކުރިމަތިވާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ ކޭޝް ކާޑު ބޭނުންކޮށްގެން އާރްޓީއެލް ބަސް ޓިކެޓަށް ފައިސާ ދެއްކޭ ހިދުމަތް އިފްތިތާހު ކުރުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

އާޒިމް ވިދާޅުވީ ބަސްދަތުރުތަކަކީ ރައްޔިތުން ނުހަނު ބޭނުންވެގެން ކުރިއަށްގެންދާ ދަތުރުތަކެއް ކަމަށެވެ. އެވްރެޖު ގޮތެއްގައި ދުވާލަކު 4،500 މީހުން ހަމައެކަނި މާލޭގައި ބަހުގައި ދަތުރުކުރާ ކަމަށް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ ބަސްދަތުރުކުރާ ކޮންމެ މީހަކީވެސް ވަކި ގަޑިއަކަށް ވަކި ތަނަކަށް ދާން ބޭނުންވެފައި ތިބޭ މީހުން ކަމަށެވެ. އަދި އެކުންފުނިން ދަތުރުތައް ރާވާފައިވަނީ ދަތުރުކުރާ މީހުން ދާން ބޭނުންވާ ތަނަށް ގަޑިއަށް ގެންދެވޭ ގޮތަށް ކަމަށެވެ. އެކަމަކު މަގުތަކުގައި ހިންގާ ސިޔާސީ ހަރަކާތްތަކުގެ ސަބަބުން ބަސް ދަތުރުތަކަށް ވަރަށް ބޮޑަށް ބުރޫއަރައި ތާވަލާ އެއްގޮތަށް ގެންދަން ދަތިވާ ކަމަށް ވިދާޅުވި އެވެ.

"[ބަހުގައި] އިނދެދާނެ މި ހަރަކާތް ހިންގާ ބޭފުޅުންގެ ތިމާގެ މީހެއްވެސް." އާޒިމު ވިދާޅުވި އެވެ.

"އެއަށް އިންޓަރަޕްޓް ކުރާ ގޮތްގޮތަށް ހަރަކާތްތައް ހިންގާކަމުގައި ވަނީނަމަ ވަރަށް ބައިވަރު ރައްޔިތުންނަށް ދަތިވޭ އަސްލު. އަޅުގަނޑުމެނަށް ވަރަށް ބައިވަރު ކޮންޕްލޭންސް އާދޭ. އެކަމަކު މިއީ އަޅުގަނޑުމެންނަށް އެކަނި ހައްލުކުރެވޭނެ ކަމެއް ނޫން،" އާޒިމު ވިދާޅުވި އެވެ.

ސިޔާސީ ބައެއް ހަރަކާތްތައް ސީދާ ބަސް ދަތުރުތައް ހުއްޓުވާލުމަށް އަމާޒުކޮށްގެން މަގުމަތީގައި ކުރިއަށް ގެންދާ ކަމަށްވެސް އާޒިމު ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑު ހަމަ އެދެން މި ހަރަކާތްތައް ކުރިއަށް ގެންދާ ބޭފުޅުން އަދި މަގުމަތީގައި އުޅޭ އެހެން ބޭފުޅުންވެސް ބަހަށް ޖާގަ ދީގެން ކަންކަން ކުރަން. އެއީ ވަރަށް މުހިންމު ކަމެއް." އާޒިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ގެންދަނީ މިދިޔަ ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން މާލޭގެ މަގުތަކުގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންނެވެ. މި މުޒާހަރާތަކުގެ ސަބަބުން މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރުކުރުމަށް އުނދަގޫތަކެއް ކުރިމަތިވެ އެވެ.