ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީގެ ޕްރައިމަރީއަށް ނިކުތީ ޝާހިދު ނުނިކުންނެވުމުން: ނަޝީދު

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ނިކުމެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނިކުމެވަޑައިނުގަތުމުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު ރ. ދުވާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރުމަށް ނިކުމެވަޑައިގަތުމުގެ ކުރިން މިނިސްޓަރު ޝާހިދު ނިކުމެވަޑައިގަންނަވާނަމަ ޕްރައިމަރީގައިވާދަނުކުރައްވާނެ ކަމަށްވިދާޅުވެފައިވާނެ ކަމަށެވެ.

"އަޅުގަނޑު މިފަހަރު ނިކުތުމުގެ ކުރީގައި ޝާހިދަށް ދެންނެވިން ޝާހިދު ބޭނުންވެވަޑައިގަންނަވާނަމަ ނިކުންނަވަންޏާ އަޅުގަނޑު މިކަން ކުރާކަށް ނޫޅެމޭ" ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެބޭފުޅުންނަކީ ނިކުމެ ވާދަކުރަން އުޅޭ ފަދަ ބޭފުޅުންނަށް ނުވާހެން ހިވާތީ މިފަހަރު ޕްރައިމަރީގައި ވާދަކުރަން ނިކުމެވަޑައިގަތީ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަކީ ނިކުމެ ވާދަކުރާ ކަހަލަ މީހެއް. އެހެންވެ އަޅުގަނޑު މިހުރީ ނިކުމެ ވާދަކުރަން. އިރާދަކުރެއްވިއްޔާ މި އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބު ވާނެ." ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުންނަވަން ދެބޭފުޅުން ފާހަގަވި ކަމަށެވެ. އެއީ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ކަމުގައިވެސް ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް ވޯޓުދޭނެ މީހުން މަދުކަން ފާހަގަކުރެއްވޭ ކަމަށެވެ. އަދި ރައީސް ސޯލިހަށް ޓިކެޓް ލިބިވަޑައިގެންފިނަމަ އެތައް ވޯޓެއް ގެއްލި އެމްޑީޕީއަށް ވެރިކަން ނުހޯދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"މާ ގިނައީ ރައީސް ސޯލިހަށް ވޯޓު ނުދޭނެ ކަމަށް ބުނާ މީހުން" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ތިން އަތޮޅަކަށް ރައީސް ނަޝީދު ދަތުރުފުޅު ފެއްޓެވީ އިއްޔެ އެވެ. އެގޮތުން ނ. ރ. އަދި ބ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ނަޝީދު އެނބުރި ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.