ރައީސް މުހައްމަދު ނަޝީދު

ޕްރައިމަރީގައި ވާދަކުރަނީ ރައީސާ މައްސަލައެއް އޮވެގެނެއް ނޫން: ނަޝީދު

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިކުތީ ރައީސުލްޖުމްހޫރިއްޔާއާ އެއްވެސް މައްސަލައެއް ޖެހިގެން ނޫން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭނުގައި މިއަދު ބ. ތުޅާދޫއަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީގެ ވާދަކުރައްވަން ނިންމެވީ އެމްޑީޕީގެ ޓިކެޓްގައި ރައީސް ސޯލިހް ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިފިނަމަ ޕާޓީއަށް ގިނަ އަދަދެއްގެ ވޯޓު ގެއްލޭނެކަން ޔަގީންވާތީ ކަމަށެވެ.

"މާގިނަ މީހުން އަޅުގަނޑު ގާތުގައި ބުނަން ފަށައިފި އަންނި ބުންޏަސް ދެން ވޯޓެއް ނުދޭނަމޭ،" ނަޝީދު ވިދާޅުވި އެވެ.

ތަކުރާރުކޮށް އެ އަޑުތައް އިވޭ ކަމަށާއި އެހެންވެ ރައީސް ނަޝީދަށް ގިނަ ބަޔަކު ވޯޓު ދޭނެކަން ޔަގީންވާ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.

"މިއީ ދެހާސް އަށާރަވަނަ އަހަރެއް ނޫން. ދެހާސް އަށާރަ ވަނަ އަހަރު ހުރިހާ އިއްތިހާދުގެ ވެރިން ތިބީ ޖަލުގައި،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވަނީ އެމަނިކުފާނު އަލުން ވެރިކަމަށް ވަޑައިގަންނަވާނެ ކަމަށްވެސް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑު އަލުން އަނބުރާ ވެރިކަމަށް އަންނާނެ،" ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގަންނަވަންޖެހޭނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން ގިނަ އަދަދެއްގެ ވޯޓު ނެގޭނެ ބޭފުޅަކަށް ކަމަށެވެ. އެމްޑީޕީ އަނބުރާ ރައްޔިތުންނަށް ރައްދުކޮށްދޭނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ.