ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުން ދުރުކުރާނީ އެމަނިކުފާނުގެ މަސައްކަތުން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު ބ. ހިތާދޫއަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ހޮވައިދިނުމަށް ރައްޔިތުން އަރިހުގައި ދެންނެވީވެސް އެމަނިކުފާނު ކަމަށާއި އެހެންކަމުން ރައީސް ސޯލިހް ވެރިކަމުން ބާލާނީވެސް އެމަނިކުފާނު ކަމަށެވެ.
"އަޅުގަނޑަށްވެސް އެނގޭ ރައީސް ސޯލިހު ވެރިކަމަށް ގެންނަންވެސް ބުނީ އަޅުގަނޑުކަން. ދެން ރައީސް ސޯލިހު ވެރިކަމުން ބާލަންވެސް ހަމަ އުޅޭނީ އަޅުގަނޑު. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ސޯލިހު ވެރިކަމަށް ގެނައީ ދޮޅު އަހަރުގެ މުއްދަތަކަށް ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަޝީދުގެ ވާހަކަފުޅުގައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަަކަށް ތަކުރާރުކޮށް ފާޑުވިދާޅުވެ ސަރުކާރުން އުޅެނީ ނުފޯރާ ފޮތިން ފޫގަޅަން ކަމުގައި ވިދާޅުވި އެވެ. ސަރުކާރުން މަސައްކަތްތައް ފަށާފައި ކަންކަން ނުނިންމާ ކަމަށްވެސް ނަޝީދު ތުހުމަތުކުރެއްވި އެވެ. އަދި އެމްޑީޕީ ތެރެއަށް މާބޮޑަށް މައުމޫނީ ސިފަތައް ވަންނަން ފަށައިފި ކަމުގައި ތަކުރާރުކޮށް ވިދާޅުވި އެވެ.
ރައީސް ނަޝީދު މިއަދު ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ މަގާމު އެމްޑީޕީއަށް ގެއްލިގެން ދިޔަ މައްސަލައިގައި ވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަން އެމްޑީޕީއަށް ގެއްލުނީ ކުރީގެ މޭޔަރު ޝިފާ މުހައްމަދަށް އިންތިހާބުގައި ވާދަކުރެވޭ ގޮތް ނުވުމުން ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ޝިފާ ވާދަކުރެއްވި އެެވެ. ނަމަވެސް އެމްޑީޕީގެ މިހާރުގެ ތަރުޖަމާން އަދި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް އަނަސް އަބްދުއްސައްތާރުއާ ވާދަކުރައްވައިގެން ޝިފާ އަށް ޕްރައިމަރީ ނާކާމިޔާބުވީ އެެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ތިން އަތޮޅަކަށް ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ނ. އަތޮޅަށެވެ. އޭގެފަހުން ރ. އަތޮޅަށް ވަޑައިގަތުމަށްފަހު މިހާރު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅަށްގފަހު މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ވެސް ފޯރިއާ އެކު ހިންގަވަމުންނެވެ.