ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކާޑުން އާރްޓީއެލް ބަހަށް ފައިސާ ދެއްކޭނެ

Jan 11, 2023

އެމްޓީސީސީއިން އޮޕަރޭޓްކުރާ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ބަހުގެ ހިދުމަތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ވިސާ އަދި މާސްޓާކާޑުން ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އިއްޔެ ތައާރަފުކުރި ހިދުމަތާއެކު އާރްޓީއެލް މާލެ ސިޓީ ބަސް ވިއުގަ ބޭނުންކުރާ ފަރާތްތަކަށް ބީއެމްއެލްގެ ކޮންޓެކްޓްލެސް މާސްޓާކާޑު އަދި ވިސާ ކާޑުން ދަތުރުތަކަށް ފައިސާ ދެއްކޭނެ އެވެ. ކާޑު ޕޭމަންޓްގެ އިތުރުން އާރްޓީއެލް މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބަސް އަދި ފެރީ ޓިކެޓް ގަނެވޭނެ އެވެ.

އެ ހިދުމަތާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ ބޭންކްގެ 300،000 އަށްވުރެ ގިނަ ކަސްޓަމަރުންނަށް ފަަސޭހަކަމާއެކު ޕޭމަންޓް ހެދޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ރައްކާތެރިކާމާއި ފަސޭހަކަމާއެކު އާރްޓީއެލް ވިއުގައި ޓެޕް-އެންޑް-ގޯ ޕޭމަންޓް ހަދާލެވޭނެ. އަޅުގަނޑުމެންގެ ޕާޓްނަރުންނާއެކު އިތުރު ޕޭމަންޓް ނިޒާމުތައް ގާއިމްކުރަން މަސައްކަތް ކުރަމުންދާނަން. އަޅުގަނޑުމެންގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ކަސްޓަމަރުން ބޭނުންވާފަދަ އީޖާދީ ހިދުމަތްތަކަށް އިންވެސްޓް ކުރުން." ކާލް ސްޓުމްކަ ވިދާޅުވި އެވެ.

މާސްޓާކާޑުގެ ކަންޓްރީ މެނޭޖަރު، ސްރީލަންކާ އެންޑް މޯލްޑިވްސް، ސަންދުން ހަޕުގޮޑަ ވިދާޅުވީ ދިވެހިންނަށް ދުނިޔޭގެ ފެންވަރުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެމްޓީސީސީ އިން ކުރާ މަސައްކަތުގައި ބައިވެރިވެ އެހީތެރިވުމަކީ މާސްޓާކާޑަށް ލިބޭ އުފަލެއް ކަމަށެވެ.

"ކޮންޓެކްޓްލެސް މާސްޓާކާޑު އޯޕަން ލޫޕްގައި ބޭނުންކުރެވޭ ގޮތް ހަމަޖެހިގެންދިޔުމާއެކު ދަތުރުވެރިންނަށް ވަރަށް ބޮޑު ލުއި ފަސޭހަކަމެއް ހޯދައިދެވި، ހަމައެހެންމެ ޑިޖިޓަލް ޕޭމަންޓްގެ ހިދުމަތް ބޭނުންކުރުން ގިނަވެ، މި ހިދުމަތް ބޭނުންކުރާ ދަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ." ސަންދުން ހަޕުގޮޑަ ވިދާޅުވި އެވެ.

އާރްޓީއެލް ބަސް ވިއުގަ ގައި ބީއެމްއެލްގެ ކޮންޓެކްޓްލެސް މާސްޓާކާޑު އަދި ވިސާ ކާޑުން ފައިސާ ދެއްކޭ ނިޒާމު ގާއިމުކުރުމަށް ބީއެމްއެލް އަދި މާސްޓާކާޑުން ވެދިން އެހީތެރިކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 82 ސެލްފްސާވިސް ބޭންކިން ސެންޓަރު، 140 އޭޓީއެމް، 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.