ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އޮޅުވާލައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕޭންގައި މިއަދު ބ. ގޮއިދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތައް ބައެއް ބޭފުޅުން އޮޅުވާލައްވާ ކަމަށެވެ. ހާއްސަކޮށް އެމަނިކުފާނުގެ ވާހަކަފުޅުތައް އޮޅުވާލައްވަނީ ރައީސް ސޯލިހް ކަމަށް ވިދާޅުވި އެވެ.
ކުދި ރަށްތަކާ ބެހޭ ގޮތުން ދައްކަވާ ވާހަކަފުޅުތައް ރައީސް ސޯލިހަށް ވިސްނިވަޑައި ނުގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އެބޭފުޅާއަށް މިކަން ވިސްނަން އެނގިވަޑައިނުގަނެ ކުޑަރަށެއް ބޮޑުރަށެއް ފަޅުރަށެއް އެޔެއް މިޔެއް ބައްލަވާ ނުބަލައްވާ ފައިސާ ހަރަދުކުރައްވަމުން ގެންދަވަނީ އެހެންވީމާ މުޅި ރާއްޖެ އެކީގަ އެ އޮންނަނީ ކޮނެފަ" ރައީސް ނަޝީދު ވިދާޅުވި އެވެ.
ކުދި ރަށްތަކަކީ ޖަވާހިރެއްގެ ގޮތުގައި ސިފަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެރަށްރަށުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އެމްޑީޕީގެ ސިޔާސަތަކީ ކުދިރަށްތައް ދޫނުކޮށް ކުދިރަށްރަށާ ބޮޑެތި ރަށްރަށާ ގުޅުވާލުން ކަމަށްވެސް ވިދާޅުވި އެވެ.
""ކުދި ރަށްތައް ދޫކޮށްލުމަކީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން. ކުދިރަށްރަށާ ބޮޑު ރަށްރަށާ ގުޅުވަންޖެހޭ ޓެކްނޮލޮޖީގެ ބޭނުން ކުރެވެންޖެހޭ ކުދި ރަށުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކުރެވެން ޖެހޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.
ގުދުރަތުގެ އުސޫލާ އެއްގޮތަށް މަސައްކަތްކުރަން ޖެހޭ ކަމަށާއި ތަރައްގީގެ ޑިޒައިންތަކާއި އުސޫލުތަކާ ގޮތްތައް ހޯދަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެމްޑީޕީގެ ހަގީގީ ސިޔާސަތަކީ ގުދުރަތީ ވަސީލަތްތައް ހޯދައިދީ އެވަސީލަތްތައް ފޯރުކޮށްދިނުން ކަމުގައިވެސް ވިދާޅުވި އެވެ.
ފެހެންދޫ ކުދިން ކިޔެވުމަށް ގޮއިދޫއަށް ދަތުރު ކުރުމުގެ ނިޒާމު އިންޑިއާ ސަރުކާރުގެ އެހީގައި ހަމަޖައްސައިދިން ކަމަށްޓަކައި ރައީސް ނަޝީދު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ތިން އަތޮޅަކަށް ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ނ. އަތޮޅަށެވެ. އޭގެފަހުން ރ. އަތޮޅަށް ވަޑައިގަތުމަށްފަހު މިހާރު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅަށްފަހު މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން މި ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ގެންދަވަނީ ކެމްޕޭން ހަރަކާތްތައް ވެސް ފޯރިއާ އެކު ހިންގަވަމުންނެވެ.