އެންޑީއޭ

ހުޅުމީދޫ ޑްރަގު ރިހިބިލިޓޭޝަން ސެންޓަރުގައި 36 މީހުން ފަރުވާ ހޯދަމުންދޭ

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭން އައްޑޫ ހުޅުމީދޫގައި ހުޅުވާފައިވާ "ވިލުނު" ސެންޓަރުގައި 36 މީހަކަށް މިހާރު ފަރުވާ ދެމުންދާ ކަމަށް ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) އިން ބުނެފި އެވެ.

އެންޑީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިވަގުތު ހުޅުމީދޫ ސެންޓަރުގައި 36 މީހަކު ފަރުވާ ހޯދަމުން އަންނަ އިރު ހިތަދޫގައި 111 މީހަކު ފަރުވާ ހޯދަމުން ގެންދެ އެވެ.

މިދިޔަ އަހަރު ހުޅުމީދޫގައި ޒަމާނީ ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ ޑްރަގް ރިހިބިލިޓޭޝަން ސެންޓަރަކީ 60 މީހުންގެ ޖާގައިގެ ތަނެކެވެ.

މި ސެންޓަރަކީ އިންޑިއާ ސަރުކާރުގެ ބޮޑު އެހީއެއް ލިބިގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. ސަރުކާރުން މި މަޝްރޫއަށް 7.1 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާއިރު އިންޑިއާ ސަރުކާރުން 7.9 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ.

މި ސެންޓަރުގައި ޑިޓޮކްސިފިކޭޝަން ޓްރީޓްމެންޓާއި ރެސިޑެންޝަލް ޓްރީޓްމެންޓް އަދި ކޮމިއުނިޓީ ރިހެބިލިޓޭޝަންގެ އިތުރުން ރީއިންޓެގްރޭޝަނާ ގުޅޭ ފަރުވާގެ ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

ސެންޓަރުގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކަކީ ނަފްސާނީ ޖިސްމާނީ، އިޖުތިމާއީ އަދި ރޫހާނީ ދުޅަހެޔޮކަންވެސް ފަރުވާ ހޯދާ މީހުންނަށް ލިބޭގޮތަށް ރޭވިފައިވާ ޕްރޮގްރާމް ތަކެކެވެ.

އެންޑީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުގައި މާލޭގެ ކޮމިއުނިޓީ ސާވިސް ސެންޓަރުގައި ޖުމުލަ 317 މީހުން ދަނީ ފަރުވާ ހޯދަމުންނެވެ. ހުޅުމާލޭގެ ހާފްވޭ ހައުސް ކޮމިއުނިޓީ ސާވިސް ސެންޓަރުގައި 143 މީހުން ފަރުވާ ހޯދަމުން ދާއިރު ހިންމަފުށީގެ ޑްރަގު ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުގައި 146 މީހަކު ފަރުވާ ހޯދަމުން ގެންދެ އެވެ.