ރައީސް މުހައްމަދު ނަޝީދު

ރައީސް ވިދާޅުވި ވެރިކަން ކުރަން ފަސް އަހަރު ގިނައޭ: ނަޝީދު

ވެރިކަން ކުރަން ފަސް އަހަރު ގިނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕްރައިމަރީ ކެމްޕޭންގައި މިއަދު ބ. އޭދަފުއްޓަށް ވަޑައިގެން ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ރައީސް ސޯލިހު އެންމެ ފުރަތަމަ ވިދާޅުވީ ފަސް އަހަރު ވެސް ވެރިކަމެއް ކުރުމަށް ގިނަ ކަމަށް ކަމުގަ އެވެ. އަދި އެންމެ ބޭނުންވަނީ ރައީސް ނަޝީދު ވެރިކަން ކުރާ ދުވަސް ދެކެވަޑައިގަންނަވަން ކަމަށް ވެރިކަމުގައި ހުންނަވައިގެން ރައީސް ސޯލިހު ވިދާޅުވި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ރައީސް ސޯލިހު އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެންނެވިއިރު އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ ރައީސް ސޯލިހު 18 މަސް ދުވަހަށް ވެރިކަން ކުރައްވާ ގޮތަށް ކަމަށެވެ.

"އެކަމަކު މިއަދު ލައްޒަތާއި އިއްޒަތާ ގަދަރާ ވެރިކަމުގެ މަންފާ ލިބުނީމަ އުނދަގޫފުޅު ވެދާނެ ދުރަށް ޖެހެން،" ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގެ ދަފްތަރުގައި ހުރި މައްސަލަތައް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޓިކެޓުގައި ރަށު ކައުންސިލް މެންބަރު ކަމަށް ދެފަހަރު އިންތިހާބުވި ބޭފުޅުންވެސް މިއަދު އެމްޑީޕީގެ ލިސްޓްގައި ނެތް ކަމަށެވެ.

"ލިސްޓުގައި އޮންނަނީ އިލެކްޝަންސް ކޮމިޝަނުން ބަހައްޓާ ލިސްޓެއް. ކޮމިޝަންގެ ކޮމްޕިއުޓަރު ތަކަށް އަތް ފޯރުވަމުންދަނީ އެކިއެކި ސިޔާސީ ބޭފުޅުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ހީލަތްތެރި ރޭވުމަކާއެކު ކަންކަން ކޮށްފައި ހުއްޓަސް ބޮޑުތަނުން އެމްޑީޕީ ޕްރައިމަރީގެ އިންތިހާބު ކާމިޔާބުކުރައްވާނީ އެމަނިކުފާނު ކަމަށެވެ.

"އަޅުގަނޑުމެންނަކީ ހަނި ޖާގައިން ދާން އެނގޭ ބައެއް. ޖާގަ ނެތުނީމާވެސް މޮޅުވާ ބައެއް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެއްވެސް އިރެއްގައި އެމަނިކުފާނު ކާމިޔާބު ހޯދީ ސިޔާސީ ގޮތުން މާބޮޑު ޖާގައެއް އޮވެގެން ނޫން ކަމަށެވެ. އެކަމަކު ކާމިޔާބު ލިބުމުގައި ރައްޔިތުންގެ ލޯތްބާއި ތާއީދު މުހިއްމު ދައުރެއް އަދާކުރި ކަމުގައި ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި ތިން އަތޮޅަކަށް ރައީސް ނަޝީދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަތީ ނ. އަތޮޅަށެވެ. އޭގެފަހުން ރ. އަތޮޅަށް ވަޑައިގަތުމަށްފަހު މިހާރު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅަށްފަހު މިއަދުގެ ވަގުތެއްގައި ރައީސް ނަޝީދު މާލެ ވަޑައިގަންނަވާނެ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.