ރިޔާސީ ދެ ދައުރު ވެރިކަން ކުރެއްވުމަށްފަހު އިތުރަށް ވެރިކަމަށް ކުރިމަތިނުލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ވެރިކަމަށް ތިންވަނަ ދައުރަކަށް ކުރިމަތިލެއްވުމާ ގުޅޭގޮތުން ރައީސް ސޯލިހް ވާހަކަދައްކަވާފައި މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު މިއަދު ބ. ހިތާދޫގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ވެރިކަމުގެ ދައުރެއް ފުރިހަމަ ކުރެއްވުމަށްފަހު ދެވަނަ ދައުރެއްގެ ވާހަކަ ރައީސް ސޯލިހް ދައްކަވަމުން ގެންދަވާއިރު ގާނޫނުއަސާސީ އިސްލާހުކޮށްގެން ވެރިކަމުގެ ތިންވަނަ ދައުރަކަށް ކުރިމަތިލައްވާ ވާހަކަވެސް ވިދާޅުވާނެ ކަމަށެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވަމުން ހުޅުމާލޭގައި މިރޭ ކެމްޕޭން ޓީމުތަކާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވި ވެރިކަމުގެ ތިންވަނަ ދައުރެއް ވެސް އަދި ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުވެއްޖެނަމަ އެ ނިޒާމުގެ ތެރެއިން ވެސް ވެރިކަން ކުރަން ބޭނުން ނުވާ ކަމަށެވެ.
ރައީސް ނަޝީދާ ހަވާލާދީ މިއަދު ނޫސްތަކުގައި ލިޔެފައިވާ ހަބަރުތަކަށް އިޝާރާތް ކުރައްވާ އަދި ރައީސް ނަޝީދަށް ރައްދު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމުގެ ދެވަނަ ދައުރަކަށް ކުރިމަތިލެއްވީ ރިޔާސީ ނިޒާމަކަށް ތާއީދު ވެސް ކުރައްވާތީ ކަމަށެވެ. ރައީސް ނަޝީދަކީ ފެށުނީއްސުރެ ވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.
ރައީސް ސޯލިހް ވިދާޅުވީ ވެރިކަން ބޭނުންވެގެން އަބަދު އުޅުއްވަނީ ކޮން ބޭފުޅެއް ކަން ދިވެހި ރައްޔިތުންނަށް އެނގޭނެ ކަމަށެވެ. އެހެންވެ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާ ބޭފުޅުން ވަރަށް ރަނގަޅަށް ވިސްނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
"ވެރިކަން ވެރިކަން ވެރިކަން ނޫން އެއްޗެއް ނެތް. ނިޒާމް ބަދަލުކޮށްގެން ވިޔަސް ގާނޫނުއަސާސީ އިސްލާހުކޮށްގެން ވިޔަސް ވެރިކަމަށް އަންނަނީ ކޮން ބޭފުޅެއްތޯ ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ،" ނަޝީދުގެ ނަން ވިދާޅުވެ ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބެއްގައި އޮންނަނީ ދެ ދައުރު ކަމަށާއި އެ އަށް ވުރެ އިތުރަށް ކުރިމަތިލާން ގަސްދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވެރިކަމުން ބާލާނެ ކަމަށް ރައީސް ނަޝީދު މިއަްދު ވިދާޅުވުމާ ގުޅިގެން އެކަމަށްވެސް ރައީސް ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވީ ވެރިކަން ލިބުމާއި ގެއްލުމަކީ އިންސާނުންގެ އަތް މަތީގައި އޮތް ކަމެއް ނޫން ކަމަށެވެ. އޭގެފަހުގައި ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވީ ދިވެހި ގިނަ ރައްޔިތުންގެ ތާއީދާ އެކު ކަމަށެވެ.