ބޮލީވުޑް

ރާކީ ސާވަންތު ބުނަނީ ކައިވެނި ކޮށްފީމޭ، ފިރިހެންމީހާ ބުނަނީ ނޫނެކޭ!

ލޯބިވެރިޔާ އާދިލް ޚާން އާއި ކައިވެނި ކޮށްފިކަމަށް ރާކީ ސާވަންތު އިއްޔެ ވަނީ އިންސްޓަގްރާމް ސްޓޯރީގައި އިއުލާން ކޮށްފަ އެވެ. ކައިވެނީގެ ފޮޓޯތައް ވެސް ރާކީ އިންސްޓަގްރާމްގައި ޕޯސްޓް ކޮށްފައި ވެއެވެ.

މި ފޮޓޯތައް އޮންލައިންގައި ދައުރުވާން ފެށުމާއެކު އިންޑިއާގެ ނޫސްވެރިން އޭނާގެ ކައިވެންޏާ ގުޅޭ ސުވާލުތައް ރާކީ އާ ކުރަން ފެށި އެވެ. އަދި ހަމަ ހަގީގަތުގައި ވެސް އޭނާ އާއި އާދިލް ކައިވެނިކޮށްފައިވާ ކަމަށް ރާކީ ވަނީ އެއްބަސްވެފަ އެވެ.

ރާކީ ބުނި ގޮތުގައި އެ މީހުން ކައިވެނި ކުރީ ޖުލައި 2022 ގައެވެ. އެއީ އާދިލް އާއި އޭނާގެ ފުރަތަމަ ބައްދަލުވުމަށް ތިން މަސް ފަހުން ކަމަށް ވެސް ރާކީ ބުންޏެވެ.

ނަމަވެސް ރާކީގެ ފިރިމީހާ މި ވާހަކަ ދޮގުކުރެ އެވެ. ރާކީ އާއި އޭނާގެ ކައިވެނީގެ ވާޙަކަތައް ދެކެވެން ފެށުމުން އިންޑިޔާގެ ނިއުސް ޗެނަލްއަކަށް ދިން އިންޓަވިއުއެއްގައި އާދިލް ބުނީ ރާކީއާ އޭނާ ކައިވެނި ނުކުރާކަމަށެވެ.
ނަމަވެސް އެ ދެ މީހުން ކައިވެނީގެ ހެދުމުގައި ކައިވެނީގެ ލިޔުމުގައި ސޮއި ކުރަނިކޮށާއި ކައިވެނީގެ ސެޓްފިކެޓް ހިފައިގެން ތިއްބާ ނަގާފައިވާ ފޮޓޯތައް ވެސް މިހާރު އިންޓަނެޓުގައި ދަނީ ދައުރުވަމުންނެވެ.

އީޓައިމްސްއާ ވާހަކަ ދައްކަމުން ރާކީ ބުނީ އެ ދެމީހުން ކުރީ ނިކާހް ސެރެމަނީއެއްގައި (މުސްލިމުން ކައިވެނިކުރާ ގޮތަށް) ކަމަށާއި މި ކައިވެނި ކުރީ ކޯޓުގައި ކަމަށެވެ. އަދި ކައިވެނިކުރިކަން މީހުންނަށް އަންގަން އާދިލް މަނާކޮށްފައި އޮތް ކަމަށެވެ.

"އޭނާ ދެކޮޅު ހަދާނީ ފާއިތުވީ ހަތް މަސް ދުވަހު ވެސް އަހަރެން މި ވާހަކަ ނުދައްކާ އަނގަ ބަންދުކޮށްގެން މި ހުރީ. އޭނާ (އާދިލް) ގަބޫލުކުރާ ގޮތުގައި އޭނާ އާއި އަހަރެންގެ ކައިވެނީގެ ވާހަކަ މީހުންނަށް އެނގުނީމަ އޭނާގެ އަންހެން ކޮއްކޮއާ ކައިވެނިކުރާނެ މީހަކު ހޯދަން އުނދަގޫވާނެ. އޭނަ ގަބޫލުކުރަނީ ރާކީ ސާވަންތުއާ އޭނާ ގުޅުނުކަން މީހުންނަށް އެނގުމަކީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި،" ރާކީ ބުންޏެވެ.

ރާކީ އިތުރަށް ބުނި ގޮތުގައި "ބިގް ބޮސް މަރާޓީ 4"ގައި ބައިވެރިވެ އޭނާ ވަރަށް ފަހުން ގިނަ ދުވަސް ތަކަކު ހުރީ ބިގް ބޮސްގެ ގޭގައި ތަޅުލެވިފަ އެވެ. އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ ހަޔާތުގައި ވަރަށް ގިނަ ކަންތައްތަކެއް ހިނގާފައި ވެއެވެ. ނަމަވެސް މި ވަގުތު އެ ވާހަކަ ދެއްކެން ނެތް ކަމަށް ރާކީ ބުންޏެވެ.

"މިވަގުތު އަހަރެން ބޭނުންވަނީ ކައިވެނި ސަލާމަތްކުރަން. އެހެންވެ އަދި އެވާހަކަ ނުދައްކާ މަޑުކޮށްލީ. އަހަރެން ބޭނުން އާހަރެން އާދިލްއާ ކައިވެނިކޮށްފައިވާކަން މުޅި ދުނިޔެއަށް ވެސް އެނގެން. އަހަރެން މިހިރީ ވަރަށް ފިކުރުބޮޑުވެފައި. އެހެންވެ މީހުންނަށް އަހަރެން ކައިވެނިކޮށްގެން އުޅޭކަން އެނގުން މުހިއްމު ވީމަ މި ވާހަކަ މި ދެއްކީ،" ރާކީ ބުންޏެވެ.

ރާކީ މީގެ ކުރިން ރިތޭޝް ރާޖް ކިޔާ މީހަކާ ވެސް ކައިވެނިކުރިކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް ރިތޭޝް އަކީ ކުރިން ވެސް މީހަކާ ކައިވެނިކޮށްގެން އުޅޭ މީހަކަށް ވާތީ އާއި ހިންދޫންނަށް އެއްފަހަރާ ދެ މީހުންނާ ކައިވެނި ނުކުރެވޭތީ މި ކައިވެނީގެ ސައްހަ ކަމާ މެދު ވެސް ވަރަށް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

ރިތޭޝް އާއި ކުރި ކައިވެންޏަކީ "މިސްޓޭކެއް"ކަމަށް ޚުދް ރާކީ ވެސް ވަނީ އެއްބަސްވެފަ އެވެ. އަދި އޭނާ އޮޅުވާލައިގެން ރާކީއާ ކައިވެނިކުރީ އަންހެނުން ވަރިނުކޮށް ކަމަށް ވާތީ ކައިވެނީގެ ސައްހަކަމާމެދު ރާކީއަށް ވެސް ޝައްކު ކަމަށް ބުނެފައި ވެއެވެ.

ރާކީ ބުނި ގޮތުގައި މަންމައަކަށް ވުމީ މިހާރު އޭނާ އެންމެ ބޭނުންވާ ކަންތަކެވެ. ނަމަވެސް އާދިލް އޭނާގެ އާއިލާއަށް އަދި އޭނާ ތައާރަފް ކޮށްދީފައިވެސް ނުވާކަމަށް ރާކީ ބުންޏެވެ. އެހެންވެ ކުއްޖަކު ހޯދުމާ މެދު ވިސްނޭނީ އާދިލްގެ އާއިލާއަށް ބައްދަލުވެ އެމީހުން އޭނާ ގަބޫލު ކުރުމަށްފަހު ކަމަށް ރާކީ ބުންޏެވެ.

"ބިގް ބޮސް މަރާޓީ 4" ގެ ގެއިން ވަރަށް ފަހުން ރާކީ ވަނީ ނުކުމެފަ އެވެ. އަދި ރާކީގެ ކައިވެނީގެ ވާހަކަތައް ފެތުރެން ފެށީ އެގެއިން އޭނާ ނުކުތް ފަހުންނެވެ.