ބޮލީވުޑް

އެންމެ މޮޅު އޮރިޖިނަލް ލަވައިގެ ގޯލްޑަން ގްލޯބް އެވޯޑު "ނާޓޫ ނާޓޫ" އަށް

އެސްއެސް ރާޖާމޯލީގެ "އާރްއާރްއާރް"ގެ ޖާދޫގައި ޖެހިފައިވަނީ ހަމައެކަނި ބޮލީވުޑެއް ނޫނެވެ. ހޮލީވުޑްގެ ފަންނާނުން ވެސް މިހާރު ވަނީ މި ފިލްމުގެ ޖާދޫގައި ވަރަށް ރަނގަޅަށް ޖެހިފަ އެވެ.

މި ފިލްމަށް އޮސްކާ އެވޯޑު މިފަހަރު ލިބޭނެކަމަށް ހޮލީވުޑްގެ ބައެއް ފަންނާނުން ބުނަމުންދާއިރު ދާދިފަހުން ބޭއްވި ގޯލްޑަން ގްލޯބް އެވޯޑްސްގައި އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އެވޯޑު މި ފިލްމުގެ "ނާޓޫ ނާޓޫ" އަށް ވަނީ ލިބިފަ އެވެ. އަދި މިއީ ފިލްމަށް ލިބޭނެ ގިނަ ގުނަ ބައިނަލްއަގުވާމީ އެވޯޑުތަކުގެ ފެށުން ކަމަށް ގިނަ ބަޔަކު މިހާރު ދަނީ ބުނަމުންނެވެ.

މި އެވޯޑު ހަފުލާގައި "އާރްއާރްއާރް"ގެ ބަތަލު ޖޫނިއާ އެންޓީއާރް އާއި ރާމް ޗަރަން ވަނީ ވަރަށް ރަނގަޅަށް އިންޑިޔާގެ ސަގާފަތް ތަމްސީލުކޮށްފަ އެވެ. އެމީހުން އަޅައިގެން ތިބި ހެދުމުންނާއި ހަރަކާތްތަކާއި ވާހަކަތައް ހުރީ އިންޑިޔާ ޕްރޮމޯޓްވާ ގޮތަށެވެ.

ބެސްޓް ނޮން-އިންގްލިޝް ލޭންގުއޭޖް ފިލްމުގެ އެވޯޑަށް ވެސް "އާރްއާރްއާރް" އޮތީ ނޮމިނޭޓް ވެފަ އެވެ. ނަމަވެސް މި އެވޯޑު ލިބުނީ "އާޖެންޓީނާ" އަށެވެ. މި އެވޯޑަށް ޖާމަނީގެ "ވެސްޓާން ފްރޮންޓް"، ބެލްޖިއަމްގެ "ކްލޯސް" އަދި ސައުތު ކޮރެޔާގެ "ޑިސިޝަން ޓު ލީވް" ވެސް ވާދަ ކުރި އެވެ.