ރައީސް މުހައްމަދު ނަޝީދު

ނަޝީދުގެ ކެމްޕޭން ޖަލްސާއެއް މިރޭ ރާޅުގަނޑު ސަރަހައްދުގައި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޖަލްސާއެއް މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

މި ޖަލްސާ އޮންނާނީ މިރޭ 8:30ގައި މާލޭ ރާޅުގަނޑު ސަރަހައްދުގަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ފޯރި ގަދަވެފައިވާއިރު ރައީސް ނަޝީދު ގެންދަވަނީ މާލޭގެ އިތުރުން ބައެއް ރަށްރަށުގައިވެސް ކެމްޕޭން ކުރައްވަމުންނެވެ.

އެގޮތުން މިމަހުގެ ނުވަވަނަ ދުވަހުން 11ވަނަ ދުވަހަށް ކުރެއްވި ކެމްޕޭން ދަތުރުފުޅެއްގައި ރައީސް ނަޝީދު ވަނީ ނ، ރ، އަދި ބ. އަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުފުޅުތައް ރައީސް ނަޝީދު ފެއްޓެވީ މިދިޔަ ޑިސެމްބަރު މަހު އެވެ. ކެމްޕޭންގައި ރައީސް ނަޝީދު ފުރަތަމަ ވަޑައިގެންނެވީ އުތުރުގެ ތިން އަތޮޅަށެވެ. ކެމްޕޭންގައި ރައީސް ނަޝީދު ވަނީ އއ. އަތޮޅާއި އދ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ. އަތޮޅަށް ވަޑައިގެންފަ އެވެ. އޭގެ އިތުރުން ފުވައްމުލައް ސިޓީއަށްވެސް ވަޑައިގެންނެވި އެވެ.

ކެމްޕޭންގައި ރައީސް ނަޝީދު ދަތުރު ކުރެއްވުމަށް ހަމަޖެހިފައިވާ އަތޮޅުތައް

  • ލ، ތ، މ، އަދި ވ. އަތޮޅު - ޖެނުއަރީ 13 - 15އަށް
  • ޅ. އަތޮޅާއި މާލެ އަތޮޅު - ޖެނުއަރީ 17ގައި
  • ގއ. އަދި ގދ. އަތޮޅު - ޖެނުއަރީ 19 - 21އަށް
  • އައްޑޫ ސިޓީ - ޖެނުއަރީ 23 - 24އަށް

އެމްޑިޕީގެ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން ވާދަކުރައްވަނީ ރައީސް މުހައްމަދު ނަޝީދެވެ. ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހް ވެސް ދަނީ ކެމްޕޭން ހަރަކާތްތައް ފޯރިއާ އެކު ހިންގަވަމުންނެވެ. މި ގޮތުން ރައީސް ސޯލިހް ވަނީ ހުޅުމާލޭގެ ކެމްޕޭން ޓީމުތަކާ ރޭ ބައްދަލުކުރައްވާފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

އެމްޑީޕީން އާންމުކުރި ދާއިމީ ލިސްޓުގައިވާ ގޮތުން 57،255 މީހުންނަށް އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭނެ އެވެ.