( 10 ޖެނުއަރީ 2023 އާ ގުޅޭ )
"އަހަރެން މިބުނީނު ރުޅިއެއް ނާދެއޭ." ލައިލީ ބުންޏެވެ.
"އެހެންވީރު އާދޭ ކޮފީއާއެކު ކޭކުކޮޅެއް ކާލަން." ދަރަކް ނިކަން ހަމަޖެހިފައި ވާހަކަދެއްކިއެވެ.
"ކީއްވެ ރޭގަ ލައިގެން ހުރި އެއްޗެހި ދޮންނަން ޖެހުނީ." ލައިލީ ސުވާލުކޮށްލިއެވެ. ދަރަކް ހިމޭންވެލިއެވެ.
ފެންފޮދެއް ބޯލައި މޭޒުމަތީ ތަށި ބެހެއްޓި ގޮތަށް ލައިލީ ދެއަތް އުރާލައިގެން ބަލަން ހުރީ ދަރަކްއަށެވެ. އޭނާ ކުރި ސުވާލަށް ދަރަކް ދޭނީ ކޮންޖަވާބެއްބާއޭ ހިތަށް އަރާފައެވެ.
"އާން... އެއީ... ވީގޮތަކީ އަފްރާހުގެ ސަކަރާތް ބޮޑުވެގެން ގޮސް އޭނާގެ އަތުން ޑްރިންކް ތަށި ބަންޑުންވީ. އޮފީހުން ފެންފޮދެއް ހާކާލައިގެން ހުރީ. ޗެރީކުލަވީމަ ފިލާގޮތެއްނުވި. ފެންވަރާލަންވަންނަމުން ހިތަށް އެރީ ގަމީސް މެޝިނަށް ދޮންނަން ލާނިއްޔޭ. ކުލަނުފިލައިފިއްޔާ މާދެރައެއްނު." ދަރަކް ބަލާލާފައި ކޮފީ ހެދުމައިގެން އުޅެމުން ވާހަކަދެއްކިއެވެ.
"އަފްރާހުތަ ސަކަރާތް ބޮޑުވީ." ފެންފުޅި ނަގައި ފްރިޖަށްލާން އުޅެމުން ލައިލީ ކިޔާލީ ފަރުވާކުޑަ ރާގެއްގައެވެ. ދަރަކްގެ ވާހަކައަށް އިތުބާރުކުރަން ދަތިވެފައި ހުރީމައެވެ.
"ކީކޭ..." ނިކަން އަވަހަށް ދަރަކް އަހާލުމާއެކު ލައިލީއަށް ބަލާލިއެވެ.
"އެއްޗެކޭ ނޫން... އަހަރެން ކޮފީބޯހިތެއްނެތް." ލައިލީ ބުނެލިއެވެ.
"ފިނިކޮށް ހުއްޓަސް ރަހައަށް ބަދަލެއް ނާދޭ. ސެލެޑް ވަރަށް މީރު. ކޭކުގެ ފިނިކަން ކެނޑިފަ އެހެރީ. ކޮފީ ވެސް މިއޮއް ހެދުނީ. ދެން އާދޭ." ދަރަކް ބުނެލިއެވެ.
"ފަހުން ކޭކު ކާލާނަން. ނިދަން މިދަނީ." ލައިލީ މަޑުކުރާން ބޭނުންނުވީއެވެ.
ބަހެއް ނުކިޔާ ދަރަކް ބަލަހައްޓައިގެން ހުރީއެވެ. ލައިލީ އައިސް ކޮޓަރި ވަނީއެވެ. އެނދުގައި އޮށޯވެ ގައިމަތިން ރަޖާއަޅާލައި މީހާ ނިކަން ބޮޑަށް ރަޖާގެ ތެރޭ ފޮރުވިލައިގެން އޮތެވެ. ދެ ލޯ މަރާލެވިފައި ވިޔަސް ނިދަން ފަސޭހައެއް ނުވިއެވެ. ދަރަކްގެ އޮފީސް އެއްޗެހި ދޮންނަނީ ލައިލީއެވެ. އެކަމަކު ދަރަކް އަމިއްލައަށް އެކަން އެކުރީ ލައިލީއަށް ކަމެއް ފޮރުވަންބާއެވެ. ރޭގައި ހިނގީ ކޮންކަމެއްބާއެވެ. ދަރަކް ގެއަށް އައިގޮތަށް އެއްޗެހި ދޮންނަން އެޅީ ރޭގައި ހިނގިކަމެއްގެ ހެކި ނައްތާލަންބާއެވެ. މީ ހައްތަހާ ވެސް ލައިލީގެ ސިކުނޑީގައި އެނބުރެމުންދިޔަ ސުވާލުތަކެވެ.
ސިއްސައިގެން ގޮސް ލައިލީއަށް ހޭލެވުމާއެކު ތެދުވެ އެނދުގައި އިށީނެވެ. އޭނާއަށް ނިދުނީ ކޮންއިރަކު ކަމެއް ނޭނގެއެވެ. އޭނާއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއްގެ ތެރެއިންނެވެ. އުސް އިމާރާތެއްގެ މަތިން އޭނާ ވެއްޓެނިކޮށް ފެނުނީއެވެ. ލައިލީ ނަޒަރު ހިންގާލިއިރު އެނދުގައި އޮތީ ވެސް އޭނާ އެކަންޏެވެ. ހެޑްބޯޑުގައި ލެނގިލުމާއެކު ހަށިފުރާ ފުންނޭވާއެއް ލައިލީ ދޫކޮށްލިއެވެ. ފެނުނު ހުވަފެނާމެދު އޭނާއަށް ވިސްނާލެވުނެވެ. ހުވަފެނުގައި އޭނާއާ ދިމާކުރަން އައީ މޫނު ނުފެންނަ އަންހެނެކެވެ. ސަލާމަތްވާން ދުވަމުން ގޮސް ލައިލީއަށް އެރުނީ އޭނާ ދިރިއުޅޭ އެޕާޓްމެންޓް ހުރި އިމާރާތުގެ ޓެރެސްއަށެވެ. ރެއިލިންއާ ހަމައަށް ދެވުމުން ހުއްޓެން މަޖުބޫރުވީ އިތުރަށް އޭނާ ދާނޭ ތަން ނެތީމައެވެ. ލައިލީއާ ދިމާކުރަނީ ކީއްވެތޯ އެ އަންހެން މީހާއާ އޭނާ ސުވާލުކުރިއެވެ. އޭނާ އައިސް ދެ އަތުން ހިފީ ލައިލީގެ ކަރުގައެވެ. ހުރިހާކަމަކަށް އެޅިފައި ހުރި ހުރަހަކީ ލައިލީކަން އެ އަންހެން މީހާ ބުނެއެވެ. އެ އަންހެން މީހާގެ އަތް ނައްޓާލަން ލައިލީ މަސައްކަތް ކުރަމުންދަނިކޮށް ކުއްލިއަކަށް އޭނާ ލައިލީ ކޮށްޕާލީއެވެ. ނުވިސްނާ ހުރި ލައިލީ ރެއިލިންގެ މަތިން ބޭރަށް އަރިއަޅާލުމާއެކު އެ އުސް އިމާރާތުގެ މަތިން ވެއްޓެމުން ދިޔައެވެ.
"އެއީ ކޮންކަހަލަ ހުވަފެނެއް؟ އަހަރެންނަށް ޖެހޭނެ ހާލުތަ އެއީ؟." ދެ އަތްތިލަ ތެރޭ މޫނު ފޮރުވާލުމާއެކު ލައިލީ ހިތާ ސުވާލުކޮށްލެވުނެވެ.
ލައިލީ ކޮޓަރިން ނުކުތް އިރު ދަރަކް ސިޓިންރޫމު ސޯފާގައި އިނެވެ. ލޯބިން ގޮވާލާފައި ރަނގަޅަށް ނިދުނުތޯ އަހާލިއެވެ. ލައިލީ އެއްޗެކޭ ނުބުނެ އައިސް ފްރިޖުން ފެންފުޅިއެއް ނަގައިގެން ފެންފޮދެއް ބޯލީއެވެ. އެއަށްފަހު ދަރަކްއަށް އޭނާ ބަލާލިއެވެ. އޭރު ވެސް ދަރަކް އިނީ ބަލާށެވެ.
"އޮފީހަށް ނުދަންތަ؟." ލައިލީ އަހާލިއެވެ.
"ގޮސްލާފައި ތަންކޮޅެއް ކުރިން އައީ. މިރޭ ޑިނާއަށް ދާން ކިޔާފައެއްނު އޮތީ. އެއިޓްއަށް ރެޑީވައްޗޭ." ދަރަކް ހިނިތުންވުމަކާއެކު ވާހަކަދެއްކިއެވެ. ލައިލީ ހަމައެކަނި ލައްވާލީ ހޫންއެކެވެ.
ދަރަކް އެދުނުހެން އެރޭ އަށެއްޖަހަންވާއިރަށް ލައިލީ ތައްޔާރުވިއެވެ. ނަމަވެސް ރޭގައި އޭނާގެ ފަރާތުން ފެނުނު ފަދަ ތާޒާކަމާއި އާރޯކަމެއް ނުފެނެއެވެ. ސައިކަލު ޕާކުކުރަން ލިބުނީ ތަންކޮޅެއް ދުރުން ކަމަށްވާތީ ދަރަކް ކުރީބައިގައި ނުކުތެވެ. ލައިލީ ކައިރީ ހަމަޖެހިގެން އަންނަން ބުނެފައެވެ. އެޕާޓްމެންޓް ތަޅުލާފައި ލައިލީ އައިސް ލިފްޓަށް އެރިއެވެ.
"އަހަރެމެން އެނިވަރސިރީ ފާހަގަކުރަން ދަރަކް ބޭނުންވީ އެކެއް ޖަނަވަރީގަ. އަހަރެން ބޭނުންނުވިޔަސް ކަންތައްމިވީ އެހެން. އެކަމަކު ރޭގައި އަހަރެންވީ ތައްޔާރިއާ އަޅާކިޔޭނެތަ؟. އަހަރެން ކުރި އިންތިޒާރުގެ ބަދަލު ލިބުނީކަމުގައި ވާނެތަ؟. މިރޭ ޑިނާއަށް ދެވުނީމާ އެވަރުން ހިތްހަމަޖައްސާލައިގެން ހުންނަންވީތަ؟." ލައިލީގެ ހިތާއި ސިކުނޑިއަށް ބުރަކުރަމުން ދިޔައީ އުދާސްކަމާއި މާޔޫސްކަން އެކުލެވިފައިވީ ސުވާލުތަކެވެ.
މަގުމައްޗަށް ލައިލީއަށް ނުކުމެވުނު އިރު ސައިކަލުމަތީ މަޑުކޮށްލައިގެން ދަރަކް އިނެވެ. އެއްވެސް ވާހަކައެއް ނުދައްކާ ލައިލީ އައިސް ދަރަކްގެ ފަހަތަށް ސައިކަލަށް އެރީއެވެ. މަންޒިލާ ހަމައަށް ދެވެންދެން ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. ސައިކަލު މަޑުކޮށްލުމާއެކު ޚިޔާލުގެ ދުނިޔެއިން ލައިލީ ނުކުމެ ވަށައިގެން ނަޒަރު ހިންގާލެވުނެވެ. އެއާއެކު އޭނާއަށް ދަރަކް ޚިޔާރު ކުރި މަންޒިލް ބުނަން އެނގިއްޖެއެވެ. އެއީ އެމީހުންގެ ރެސްޓޯރެންޓެވެ. ލައިލީގެ ކައިރިން ދަރަކް ކައިވެންޏަށް އެހި ރެސްޓޯރެންޓެވެ. އޭގެ ފަހުގައި ކައިވެންޏަށްފަހު ވޭތުވި ދެ އަހަރު އެނިވަރސަރީ ފާހަގަކުރަން އައީ ވެސް ހަމަ އެ ރެސްޓޯރެންޓަށެވެ.
"މޭޒެއް ނުލިބިދާނެތީ ކުރީބައިގައި އަހަރެން ރިޒަވޭޝަން ހެއްދިން." ރެސްޓޯރެންޓުގެ ދޮރުން ވަންނަމުން ދަރަކް ބުނެލިއެވެ. ސައިކަލުން ފޭބިއްސުރެ ރެސްޓޯރެންޓުގެ ތެރެއަށް ވަދެ އެމީހުން ތިބުމަށް "ރޫފްޓޮޕް"ގައި ޚާއްޞަކުރެވިފައި ހުރި މޭޒުގެ ދޮށަށް ދަންދެން ދަރަކް ހުރީ ލައިލީގެ އަތުގައި ހިފާލައިގެންނެވެ. މީހުންގެ ލޯތަކަށް އެއީ ލޯބީގެ ފުރިހަމަ ޖޯޑެކެވެ. ދެމަފިރިން އެކުގައި މޭޒުގެ ދޮށުގައި އިށީނެވެ. އެއީ ދެ މީހުންނަށް ޚާއްޞަކުރެވިފައި ހުރި މޭޒެކެވެ. އެކަކުއަނެކަކު ކުރިމަތިވާނޭހެންނެވެ. ގެންނާނޭ ބާވަތްތައް އިޚްތިޔާރު ކުރާން ލައިލީ ދޫކޮށްލީ ދަރަކްއަށެވެ. ކިތަންމެ މީރު އެއްޗެއް ގެނަޔަސް ކާން ޖެހޭނީ ގަދަކަމުންކަން ލައިލީއަށް އެނގެއެވެ.
"ދަރަކްގެ މަޑުމައިތިރިކަމާއި ހިނިތުންވުންވެފައިވާ މޫނުމަތިން އެއީ އަދިވެސް އަހަރެންގެ ފިރިމީހާ. މީ އަހަރެމެން ކޮންމެ ފަހަރު އެނިވަރސަރީ ފާހަގަކުރާ ތަން. އެއްވެސް ކަމެއް ބަދަލުވީހެން ހިޔެއްނުވޭ... އެކަމަކު... ރޭގަ ފާހަގަ ކުރެވުނުނަމަ އަހަރެން މާ އުފާވީސް. ކުޑަ ވަގުތު ކޮޅަކަށް ވިޔަސް... މިފަދަ އަގުބޮޑު ރެސްޓޯރެންޓެއްގައި ނޫނަސް... އަހަރެމެންގެ ގޭގައި ދެ މީހުން އެކަނި ރޭގައި ކުޑަކުޑަ ވަގުތުކޮޅެއް އެކުގައި ހޭދަކޮށްލަން ލިބުނު ނަމަވެސް އަހަރެން އިންނާނީ ހިތްހަމަޖެހިގެން. އެހެންނަމަ ދަރަކްއަށް އިތުބާރު ވެސް ކުރެވުނީސް. އަހަރެންގެ މޫނުން ވެސް ހިނިތުންވުން ފެންނަން ހުރިހީ..." ދަރަކްގެ ހަރަކާތްތަކަށް ބަލަން އިން ލައިލީގެ ޝުއޫރުތައް ހުރީ އެފަދައިންނެވެ.
"ބޯކޮށާލީ ކޮންއިރަކު؟. ވަރަށް ލޯބި... ލައިއާ ވަރަށް ގުޅޭ. ތިކުލަ ވެސް." އޯޑަރު ނަގައިގެން ވެއިޓަރު ދިއުމާއެކު ދަރަކްގެ ސަމާލުކަން ލައިލީއަށް ހުއްޓާލިއެވެ.
"އިއްޔެ. އަދި ކިރިޔާތަ ފާހަގަވީ." ލައިލީ ބުނެލިއެވެ.
"އިއްޔެ ލައިގެން ހުރި ޕިންކް ހެދުން އެއީ އާ ހެދުމެއްތަ؟. ކުރިން ލައިގެން ހުއްޓާ ފެނުނު ހަނދާނެއްނުވޭ. ކީއްވެ އެ ހެދުން ނުލީ. ލައި އެކަހަލަ ހެދުންކޮޅުގައި ވަރަށް ލޯބި. އެ ހެދުން ވެސް ވަރަށް ރީތި." ދަރަކް އަނެއްކާ ވެސް ވާހަކަދެއްކިއެވެ.
"ރޭ ހަތަރުދަމު ލައިގެން އުޅުނީމަ ހެދުން ހުރީ ހަޑިވެފަ. އެހެންވެ ދާވަށިގަނޑުގައި އޮންނާނީ." ލައިލީއަށް ވާހަކަދެއްކުނީ ގަޔާނުވެ އިނދެއެވެ. އޭނާ ދަރަކްގެ ފަރާތުން އެ ވާހަކަތައް އަހަން ބޭނުންވީ ރޭގައެވެ. މިހާރު އެ ލޯބިވެތި ތާރީފުތަކުން ލައިލީގެ ހިތް އަވަސްވާ ކަހަލަ އަސަރެއް ނެތެވެ.
ދެމަފިރިން ދެމެދުގައި މައްސަލަތައް ޖެހެންވެއްޖެނަމަ ނުތަނަވަސްކަމާއި ފިކުރުތައް އިތުރުވާނީކަން ލައިލީއަށް އެނގެއެވެ. އެވަގުތު ލައިލީގެ ހަނދާނަށް އައީ އަކިޔަލް ދެއްކި ވާހަކައެވެ. ބައެއް ހާލަތުގައި ކިތަންމެ ޝައްކުތަކެއް ކުރެވުނަސް އެކުގައި އުޅޭން ބޭނުންވަންޏާ އަމިއްލަ ދިރިއުޅުން އުނދަގޫ ދިރިއުޅުމަކަށް ހެދުމުގެ މާނައެއް ނެތްކަމެވެ. އަމިއްލަ ނަފްސުގެ ހަމަޖެހުމަށް ޓަކައި އެ ހުރިހާ ވަހުމްތަކެއް ފުހެލިއްޔާ ދިރިއުޅުން ސަލާމަތް ކުރެވިދާނެ ކަމެވެ.
"އަކިޔަލް އެ ބުނީ ތެދުވާހަކައެއް. އެކަމަކު... ފިރިމީހާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މަޢާފުކޮށްފައި ކަމެއްނުވާ ކަމަށް ހަދާލައިގެން ހިނިއައިސްފައި އަނބިމީހާ ހުންނަންވީތަ؟. ދޮގު ހަދައި އޮޅުވާލާކަން އެނގޭއިރު ވެސް އެއިން ކަމެއް ނޭނގޭ ކަމަށް ހަދާލައިގެން ހުރުންތަ ރަނގަޅު ގޮތަކީ." ލައިލީއަށް ވިސްނަން އިނދެވުނެވެ.
ކާއެއްޗެހި ހިފައިގެން އައި ވެއިޓަރު ތަށިތައް މޭޒުމަތީ އަތުރާލިއެވެ. ބަހެއް ނުބުނެ އިނދެ ލައިލީ ކާންފެށިއެވެ. ދަރަކް ސިއްރު ނަޒަރުތަކުން އަނބިމީހާއަށް ބަލަމުން ދިޔައެވެ. އޭނާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ކައިނިމިއްޖެކަން ލައިލީ ބުނިއިރު ގެނޭ ތަށީން މަދުވީހެން ވެސް ހީނުވެއެވެ. ކާއެއްޗެހި ނުބައިތޯ ދަރަކްއަށް އަހާލެވުނެވެ. ލައިލީ ހަމައެކަނި ބޯހޫރާލީއެވެ. ލައިލީގެ މޫނުން ހިނިތުންވުމެއް ފެންނަން ބޭނުންވެފައި ދަރަކް އިން ފަދައެވެ. އައިސްކްރީމް ގެނުވީ އެހެންވެއެވެ.
"ލައި. ހެޕީ އެނިވަރސަރީ." ދަރަކް ގޮވާލާފައި އޭނާގެ ޖިންސުގެ ޖީބުން ނެގި ފޮށި ދިއްކޮށްލިއެވެ.
ދަރަކް ދިން ހަދިޔާގައި ލައިލީ ހިފިއެވެ. ހަތަރެސްކަން އެ ފޮށި ލައިލީ ހުޅުވާލިއެވެ. އޭގައި އޮތީ "ރޯޒްގޯލްޑް" ކުލައިގެ ހިމަހިމަ ގަޑިއެކެވެ. ގަޑީގެ ކަމަރުގައިވަނީ ކުދިކުދި އެސްތަކެއް ޖަހާފައެވެ. ހިމަކަމުން ކެވެލިކޮޅެކޭ އެއްވަރެވެ. ގަޑީގެ ބޯކައިރީ ހުރީ ފަސްފިޔައިގެ މާތަކެއްހެން އެސްޖަހާފައެވެ.
"ވާއް! ލޯބިކަން... އެކަމަކު މީ އަހަރެންގެ ސްޓައިލެއްނޫން. މިކަހަލަ ދިއްލިފަ ހުންނަ އެއްޗެހި އަހަރެން ދުވަހަކުވެސް ނާޅަން." ގަޑިއަށް ބަލަން އިން ލައިލީގެ ހިތުގައި ވިއެވެ.
"އަޅާލަބަލަ." ދަރަކް ބުންޏެވެ.
"ތެންކިޔު. ވަރަށް ރީތި. ފަހުން އަޅާނީ... އަހަރެން... ނުގެންނަން ދަރަކްގެ ހަދިޔާ. އެކަމަކު ގެއަށް ގޮސްފަ ދޭނަން." ލައިލީ ބުނެލިއެވެ.
"ރަނގަޅުވާނެ." ދަރަކް ބަދަލުކޮށްލީ ހިނިތުންވުމެކެވެ. އޭނާ ދިން ހަދިޔާ ލައިލީއަށް ކަމުދިޔައީމަ ދަރަކް އިނީ އުފާވެފައެވެ.
ރެސްޓޯރެންޓުން ނުކުމެފައި ވަގުތުން ގެއަށް އަންނާކަށް ދަރަކް ބޭނުމެއްނުވިއެވެ. އެހެންވެ ގެއަށް އައީ ލައިލީ ގޮވައިގެން މާލެ ތެރޭގައި ކުޑަކޮށް ދުއްވާލާފައެވެ. އެމީހުން ދިރިއުޅޭ އެޕާޓްމެންޓަށް ވަދެވުމާއެކު ލައިލީ އެބަ އަންނަމޭ ބުނެފައި ވަގުތުން އައިސް ވަނީ ކޮޓަރިއަށެވެ. އަދި އަލަމާރީގައި ލައިލީގެ ހެދުންތައް ފަތްޖަހާފައި ހުރި ވަތްގަނޑު ހާވަންފެށިއެވެ. އެތަނުގައި ފޮރުވާފައި އޮތް ދަރަކްގެ ހަދިޔާ އޭނާ ނެގިއެވެ. އެއީ ސިޔާ ބޭރުން އެއްޗެހި ގެނައިއިރު އޭނާ ލައްވާ ލައިލީ ގެނުވި ވޮލެޓެކެވެ. އޭނާ އެކުވެރިޔަކު މެދުވެރިކޮށް އެކަން ކުރަން ޖެހުނީ ރާއްޖޭން ބޭރު ވިޔަފާރިއެއް ކޮށްފިނަމަ ދަރަކްއަށް މެސެޖުދާނެކަން އެނގޭތީއެވެ. އެއީ ވެސް އޭނާ ރޭގައި ދަރަކްއަށް ދޭން ގަސްދުކުރި ހަދިޔާއެކެވެ.
ލައިލީ ކޮޓަރިން ނުކުމެގެން އައިސް ދަރަކްއަށް ދިއްކޮށްލިއެވެ. އޭނާގެ އެނިވަރސަރީ ހަދިޔާތޯ ދަރަކް ވަގުތުން އަހާލިއެވެ. ލައިލީ އާނއެކޭ ބުނަން ބޯޖަހާލީއެވެ. ދަރަކް ވަގުތުން ފާރުސަލް ކަނޑަންފެށިއެވެ. ނިކަން ޝައުގުވެރިކަމާއެކީއެވެ. އޭގައި އޮތް ވޮލެޓު ފެނުމާއެކު ދަރަކްގެ ހިނިތުންވުން ފުޅާވެލިއެވެ. އޭނާ ލައިލީއަށް ޝުކުރު އަދާކުރިއެވެ. އޭނާ ހަމަ އެވަގުތު ޖީބުގައި އޮތް ވޮލެޓު ނެގިއެވެ. އޭގައި ހުރި އެއްޗެހި ކާމޭޒު ކައިރީ ހުރެ ހުސްކޮށް އާ ވޮލެޓުގެ ތެރެއަށް އެޅިއެވެ. އޭނާ ދެން ބޭނުންކުރާނީ އާ ވޮލެޓުކަން ބުނެލިއެވެ. ލައިލީ ފަނޑު ހިނިތުންވުމެއް ދިނެވެ. އޭނާ ކޮޓަރިއާ ދިމާއަށް ހިނގައިގަތް ވަގުތު ދަރަކް އައިސް ފަހަތުން ލައިލީގެ ގައިގާ ބައްދާލިއެވެ. ކަނދުރާ ފޮރުވޭވަރަށް ކޮށާލާފައި އޮތް ލައިލީގެ އިސްތަށިގަނޑު އެއްފަރާތްކޮށްލާ ކަރުދޮށުގައި އޭނާ ބޮސްދިނެވެ. ލައިލީގެ ގައިގާ ދަރަކް ބީހެން ފެށިގޮތުން ފިރިމީހާގެ ގަސްދަކީ ކޮބާކަން ލައިލީއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ.
"މިހާރު މޫޑު އައީތަ؟. ނޫނީ މިރޭ ވެސް ފޯނެއް އަންނައިރަށް ފާޚާނާއަށް ވަދެ ފިލާނީތަ؟. އެނގޭތަ އަހަރެމެންގެ ދެމެދުގައި ކަމެއް ނުހިނގާތާ ކިހާ ދުވަހެއް ވެއްޖެކަން." ލައިލީއަށް ތުންފިއްތާލެވުނެވެ.
"ލައި... ކޮޓަރިއަށް ދަމާ." ނޭވާއަށް ބަދަލު އައިސްފަވާ ދަރަކްގެ ފުށުން ފާޅުވަނީ ކެތްތެރިކަން ކުޑަވެފައިވާ މިންވަރެވެ.
"ތިއުޅެނީ ހަޤީޤަތުގައި ވެސް އަހަރެންނަށް ބޭނުންވެގެންތަ ނޫނީ އެކަމަށް ބޭނުންވެފައި ހުރިވަރުންތަ؟. ރޭގަ ސަމައިރާއާއެކު އުޅުނީ ވެސް ތިހެންތަ؟." ލައިލީ ދަރަކްއާ ދުރަށް ޖެހިލިއެވެ. ހައިރާންކަމުގެ ނަޒަރަކުން ދަރަކް ބަލަން ހުއްޓެވެ.
"އަހަރެން ޕީރިއަޑްވެފަ." ދަރަކްއަށް ބަލަން ހުރެ ލައިލީ ބުނެލިއެވެ.
"އޯ... އެހެންވީރު ހިނގާ އަހަންނާއެކީ އޮވެލަން." ލައިލީގެ އަތަށް ދަމާލަމުން ދަރަކް ބުންޏެވެ.
"ދަރަކް ދޭ ނިދާލަން. އަހަރެންގެ އަދި ނިންޖެއްނެތް." ލައިލީ މިހެން ބުނެ އައިސް ސޯފާގައި އިށީނީއެވެ. އަނބިމީހާއަށް ދަރަކް ބަލަން ހުރީ މާޔޫސްވެފައެވެ. ދެން މަޑުމަޑުން ގޮސް ކޮޓަރިއަށް ދަރަކް ވަނީއެވެ. އެއާއެކު ލައިލީ އެ ދިމާއަށް ބަލާލިއެވެ. އޭނާ ސީދާ ދަރަކްއާ ދިމާއަށް ނުބެލި ނަމަވެސް ދަރަކްގެ މޫނުން ފާޅުވި އަސަރުތައް ދުށްޓެވެ. ދެމަފިރިކަމުގެ ގުޅުން ނުހިންގުނީތީ އެކަމާ ދަރަކް މާޔޫސްވީއިރު ލައިލީއަށް ވެސް އެހެންވާނޭކަން ދަރަކް ވިސްނާނުލީ ކީއްވެބާއޭ ލައިލީގެ ހިތުގައި ވިއެވެ. އޭނާ ޓީވީ ހުޅުވާލިއެވެ. ކޮންމެހެން ޓީވީއިން ވަކި އެއްޗެއް ބަލާކަށް ނޫނެއެވެ. އޭނާ އެ އިނީ ދަރަކް ނިދީމައި ގޮސް ކޮޓަރިއަށް ވަންނާށެވެ.
ސޯފާގައި އޮއްވައި ލައިލީއަށް ނިދުނީއެވެ. އޭނާއަށް ހޭލެވުނުއިރު ދަންވަރު ދޭއްޖައި ހިނގައްޖެއެވެ. އާފުރެމުން ސޯފާއިން ތެދުވެގެން އައިސް ލައިލީ ކޮޓަރިއަށް ވަނެވެ. ފާޚާނާއަށް ވަދެފައި ނުކުމެ އެނދުގައި އޮތް ދަރަކްއަށް ލައިލީ ބަލާލިއެވެ. ފިރިމީހާ އޮތީ ފުން ނިދީގައިކަން ލައިލީއަށް ގައިމުވެއެވެ.
"ދެމަފިރިންނަށްވުމަކީ އެކަކުއަނެކަކު މުށުތެރެއަށް ލައިގެން އުޅުމެއްނޫންކަން އެނގޭ. އަހަރެން ދަރަކްގެ ހުރިހާކަމެއް ކޮންޓްރޯލު ކުރާކަށް ނޫޅެން. އޭނާއަށް ކަންކަން މަޖުބޫރުކުރާކަށް ވެސް ބޭނުމެއްނޫން. ޒާތީ ސިއްރުތައް ކޮންމެ މީހެއްގެ ވެސް ހުންނާނެކަން އެނގޭ. ފަހަރެއްގައި ދަރަކް ނުދައްކާ ވާހަކަތަކަކީ އެހާ މުހިންމު ކަންކަމަށް ނުވެ ވެސް ދާނެ. އެހެންވިޔަސް... އަހަރެން ހަޤީޤަތް އެނގެން ބޭނުން. ދަރަކްގެ ހުރިހާ ސިއްރެއް އެނގެން ބޭނުން." ސިއްރު ފިޔަވަޅުގައި ލައިލީ އައިސް ހުއްޓިލީ ދަރަކް އޮތް ފަޅީގައެވެ. އެނދުއަރިމަތީ ހުރި ކަބަޑުގެ މަތީ ބާއްވާފައި އޮތް ދަރަކްގެ ފޯނު ލައިލީ ނެގިއެވެ.
"ދަރަކްގެ ހުރިހާކަމެއް އެނގުނީމަ... ދެން.... ދެން ވާނީ ކިހިނެއް؟. އަހަންނަށް އެ ހުރިހާކަމެއް ބަލައިގަނެވޭނެތަ؟." ފޯނު ނެގިއިރު ލައިލީގެ ހިތާއި ޟަމީރާ އެ ސުވާލު ކޮށްލެވުނެވެ.
(ނުނިމޭ)