ރައީސް މުހައްމަދު ނަޝީދު

ސަރުކާރު އުޅެނީ "އަންނަނީ" ބޯޑުގައި: ނަޝީދު

Jan 12, 2023
7

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި މަޝްރޫއުތައް އެކަށީގެންވާ ގޮތަކަށް ކުރިއަށް ނުގެންދެވުނު ނަމަވެސް "އަންނަނީ އަންނަނީ" ކަމަށް ބުނެ އިޝްތިހާރު ކުރާ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު ނަޝީދު މިސަރުކާރަށް ވަރަށް ބޮޑަށް މަލާމާތް ކުރައްވާ ފާޑުވިދާޅުވެއްޖެ އެވެ.

ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި ރައީސް ނަޝީދުގެ ކެމްޕޭން ޖަލްސާގައި ވާހަަކަދައްކަވަމުން ރައީސް ނަޝީދު ވަނީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގައި މިސަރުކާރަށް އެއްވެސް ކަމެއް އަދި ކުރެވިފައި ނެތް ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ޖޯކު ޖައްސަވާފަ އެވެ. މާލޭގެ އަމީނީ މަގުގައި ތާރު އަޅައިގެން އެ މަގު ނުހެދި ލަސްވާ މައްސަލައިގައި ވެސް ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި މިސަރުކާރުން ވެސް ސަރުކާރުގެ މުވައްޒަފުންނަށް ބިރު ދައްކަމުންދާ ކަމަށް ނަޝީދު ތުހުމަތުކުރެއްވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ގޯތިދޭނެ ކަމަށް ރައީސް ރައީސް ސޯލިހް އިއުލާންކުރެއްވީ މާލޭގެ މަޖިލީހުގެ މެންބަރުންގެ ޝަކުވާތަކާއި ފިއްތުއްތައް ކުރިމަތިވުމުން ކަމަށެވެ. މާލޭ ރައްޔިތުންނަށް ގޯތި ދޭން އިއުލާން ކުރެއްވިއިރު އެކަމުގައި މާބޮޑު ޕްލޭނެއް ނެތި ގުޅިފަޅުގައި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެޅުއްވީ ހަމައެކަނި ރޮނގެއް ކަމުގައިވެސް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ސޯލިހްގެ ސަރުކާރުން ދިޔައީ މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް އިންކާރުކުރައްވަމުންނެވެ. މިދިޔަ އަހަރު ފެށުމާ ހަމައަށް މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އެންމެ ފްލެޓެއް ވެސް މިސަރުކާރުން އަޅަން ފަށާފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ. މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވަމުން ގެންދަވާތީ އެކަމަށް ޖޯކު ޖައްސަވާ ނަޝީދު ވިދާޅުވީ އެ ގެތައް ހުރީ ކަނޑު އަޑީގައި ކަމަށެވެ.

"ރައީސް ސޯލިހް އެ ވިދާޅުވާ ގޯތި މާލޭ ރައްޔިތުންނަށް ކަނޑަން އަދި އޮތީ ކަނޑު އަޑީގައި. ގާދޫކޮލުން ބޭރުން މިއޮތް ގާދޫ ކަނޑުގައި ކަނޑަ ޖެއްސެވިޔަސް ރަނގަޅުވާނެ. މާޖާގަ ބޮޑުވާނެ. އަދި އަލިހުރަސް ކަނޑުވެސް އެބައޮތް މިދިމާލުގައި. އެތަނުގައިވެސް މާޖާގަ ބޮޑުވާނެ،" ޖޯކު ޖައްސަވަމުން ވިދާޅުވި އެވެ.

"އަސްލަމް ފާޑަކަށް އިންނަވާފައި ދެތިން ރޮނގެއް ޝުއެން ޝުއެން ލައްވާލައްވާފައި އަޅުވާލެއްވީ. އަޅުގަނޑުމެން އެހީ ކޮބައިހޭ ގޯތި. ކަނޑަޖަހާފައި ދޭށޭ ގޯތި.
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވަނީ ތާރުއަޅައިގެން ހަދަން ނިންމާފައިވާ އަމީނީ މަގު ނުނިމި ލަސްވާ ސަބަބާ ގުޅޭގޮތުން ވެސް ވާހަކަދައްކަވާފަ އެވެ. މަޝްރޫއުތައް ލަސްވަނީ ރޭވުންތެރިކަމެއް ނެތި ނަމެއްގައި މަޝްރޫއުތަކެއް ފަށާތީ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވަމުން ގެންދަވާތީ އެކަމަށް ވެސް ނަޝީދު ވަނީ ރައްދު ދެއްވާފަ އެވެ. އެގޮތުން ވިދާޅުވީ އެމަނިކުފާނު މިހާރު ހުންނެވީ ޓްރެކް ތެރޭގައި ކަމަށާއި ރައީސް ސޯލިހަށް ދެން އެމަނިކުފާނު ބަލި ނުކުރެއްވޭނެ ކަމަށެވެ. އަދި ރައީސް ސޯލިހަށް އަސްލު އެމްޑީޕީ މިހާރު ފެނިވަޑައިގަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ކުއްލިއަކަށް އަސްލު އެމްޑީޕީ ނިކުމެއްޖެ. އެންމެން އެކުގައި އެކި ކަންކޮޅުތަކުން ހިނި ހޮރުތަކުން ހިނި ނިކުންނަހެން ފަތިފައްޗަށް އެންމެން ނިކުމެއްޖެ. އަސްލު އެމްޑީޕީ ޖަމާވެއްޖެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އިންތިހާބު ކާމިޔާބުކުރާނެ. އަޅުގަނޑުމެން މިދަނީ މިއިންތިހާބު ކާމިޔާބުކުރުމަށް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރައީސް ސޯލިހަށް ދެން ސަނާ ނުކިޔުއްވާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު މަޖިލިސް ރައީސް ކަމުގައި ހުންނެވިހާ ދުވަހަކު މަޖިލިސް ތެރެއިން ރައީސް ސޯލިހްގެ ވެރިކަން ބަޣާވާތަކުން ވައްޓާލަން ފުރުސަތު ނުދެއްވާނެ ކަމުގެ ޔަގީންކަންވެސް ދެއްވި އެވެ. އަދި އެމްޑީޕީގެ މެންބަރުންނަށް އަސްލު އެމްޑީޕީ ހޯދައިދީ އެމްޑީޕީގެ އަސްލު ވެރިކަމެއް ގާއިމުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.