ހިންދީ ފިލްމު އިންޑަސްޓްރީގައި އަމީތާބު ބައްޗަން މަސައްކަތްކުރާތާ 50 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. ކުރިން ރުޅިގަދަ ޒުވާނެއްގެ ރޯލު ކުޅުނު އެކްޓަރު މިހާރު ކުޅެނީ ދުވަސްވީ މުސްކުޅި ރޯލުތަކެވެ. ނަމަވެސް އޭނާގެ ސްޓާޑަމް ހަމަ އެގޮތުގައި ދެމި އެބައޮތެވެ. މިހާރުގެ ޒުވާން ބަތަލުންނަށް ވުރެ އަދިވެސް އަމީތާބުގެ ފޭނުން ވެސް ގިނަ އެވެ.
އަމީތާބުގެ ކެރިއަރުގައި 190 އަށް ވުރެ ގިނަ ފިލްމު މިހާތަނަށް ކުޅެފައިވެ އެވެ. އަދި އޭނާގެ ހަޔާތުގައި ވަރަށް ބޮޑެތި އިމްތިހާނުތަކާ ވެސް ކުރިމަތިވި އެވެ. "ކޫލީ" ކުޅެނިކޮށް ލިބުނު އަނިޔާއިން ފުރާނައަށް ނުރައްކާވި އެވެ. އަދި 90 ކްރޯޑުގެ ބޮޑު ދަރަންޏެއް ބޮލުގައި އެޅި ގެދޮރު ވިއްކާލަން ޖެހުނެވެ.
އަމީތާބު ދަރަނިވެރިވީ 1999 ގައި އޭނާގެ އަމިއްލަ ފިލްމު ޕްރޮޑަކްޝަން ހައުސް އަމީތާބު ބައްޗަން ކޯޕަރޭޝަން ލިމިޓެޑް (އޭބީސީއެލް) އުފައްދައި އެ ކުންފުނިން އުފެއްދި ފިލްމުތަކަށް ފްލޮޕްވެ ކުންފުނި ބަނގުރޫޓުވީއިރު އެވެ.
އޭރު އޭނާ ހުރީ ފިލްމީ މަސައްކަތް ކުޑަކޮށް މަޑުޖައްސާލައިގެންނެވެ. ނަމަވެސް 90 ކްރޯޑުގެ ދަރަންޏާއެކު އަނެއްކާވެސް އާ ފެށުމަކުން ފިލްމީ މަސައްކަތް ފަށަން އަމީތާބު ބޭނުންވި އެވެ. އަދި އޭރުގެ މަޝްހޫރު ޕްރޮޑިއުސަރު-ޑައިރެކްޓަރު ޔާޝް ޗޯޕްޅާ އަށް ގުޅައި ފިލްމު ކުޅުމުގެ ފުރުސަތަކަށް އެދުނެވެ.
ޝާހް ރުކް ޚާނާއި އައިޝްވަރިޔާ ރާއީ އަދި ވަރަށް ގިނަ އިތުރު ތަރިން ހިމެނޭ "މުހައްބަތޭން" އަކީ އަމީތާބުގެ އެދުމަށް ޔާޝް ޗޯޕްޅާ އޭނާއަށް ހުށަހެޅި ފިލްމެވެ. ހަމަ އެ ދުވަސްވަރު ކަރަން ޖޯހަރްގެ "ކަބީ ޚުޝީ ކަބީ ޣަމް" ކުޅުމުގެ ފުރުސަތު ވެސް އަމީތާބަށް ލިބުނެވެ. ދެން ލިބުނުހާ ފިލްމެއް ކުޅެން ސޮއިކޮށް ދުވާލަކު ދެ ޝިފްޓުގައި 16 ގަޑިއިރު އަމީތާބު މަސައްކަތް ކުރި އެވެ.
ފުރަތަމަ ޝިފްޓް ހެނދުނު 9.00 އިން އިރުއޮއްސި 6.00 އަށެވެ. ދެ ވަނަ ޝިފްޓް ރޭގަނޑު 7.00 އިން ދަންވަރު 2.00 އަށެވެ.
މި ދުވަސްވަރު އަމީތާބަށް "ކޯން ބަނޭގާ ކުރޯޅްޕަތީ" ހޯސްޓްކުރުމުގެ ފުރުސަތު ލިބުނެވެ. އެ ދުވަސްވަރު ބޮލީވުޑް އެކްޓަރުން އެއްގޮތަކަށް ވެސް ޓީވީ ޝޯތަކުގައި މަސައްކަތެއް ނުކުރެ އެވެ. އަދި މިއީ ވަރަށް ބޮޑު ރިސްކެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރި އެވެ. ނަމަވެސް ޝޯގެ ކާމިޔާބާއެކު އަމީތާބަށް ލިބުނު ބޮޑު އާމްދަނީން ދަރަނި އަދާކުރަން ވަރަށް ފަސޭހަވެގެން ދިޔަ އެވެ.