ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ކިޔަވާ ލޯނުގެ އިންޓަރެސްޓް ފަސް ޕަސެންޓަށް ކުޑަ ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓް ފަސް ޕަސެންޓަށް ކުޑަކުރަން ނިންމާފައިވާ ކަމަށް އެ ބޭންކްގެ ޗެއާޕާސަން ޔޫޝައު ސައީދު ވިދާޅުވެއްޖެ އެވެ.

ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ޔޫޝައު ވިދާޅުވީ ފެބްރުއަރީ ފުރަތަމަ ދުވަހުން ފެށިގެން އެ ބަދަލު އަންނާނެ ކަމަށެވެ.

ކްރޮސްރޯޑްސްގައި ރޭ ބޭއްވި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

"ބީއެމްއެލް ކިޔަވާ ލޯނަކީ ދަރިވަރުންނަށް މަތީ ތައުލީމު ހޯދުމަށް ލިބިގެންދާ ފަހި ފުރުސަތެއް. އެކެއް ފެބްރުވަރީ އިން ފެށިގެން ކިޔަވާ ލޯނުގެ އިންޓަރެސްޓް ނުވަ އިންސައްތައިން ފަސް އިންސައްތައަށް ދަށްކުރެވިގެންދާނެކަން އުފަލާއެކު ފާހަގަކޮށްލަން. މި ބަދަލާއެކު ކުރިން ނަގާފައިވާ ބީއެމްއެލް ކިޔަވާ ލޯނުތަކުގެ ރޭޓްވެސް ފަސް އިންސައްތަ އަށް ބަދަލުވެގެންދާނެ." ޔޫޝައު ވިދާޅުވި އެވެ.

ބީއެމްއެލްގެ ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓަށް މީގެ ކުރިންވެސް ވަނީ ކުޑަކޮށްފަ އެވެ. އެގޮތުން 2021 ވަނަ އަހަރު ކިޔަވާ ލޯނުގެ އިންޓަރެސްޓް ރޭޓު ވަނީ 11 ޕަސެންޓުން ނުވަ ޕަސެންޓަށް ކުޑަކޮށްފަ އެވެ.

ޔޫޝައު ވަނީ ފާއިތުވި 40 އަހަރުގެ ތެރޭގައި ބޭންކުން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރި ހިދުމަތްތަކަށް އަލިއަޅުއްވާލައްވާފަ އެވެ.

"ދިވެހިންގެ މެދުގައި މަގުބޫލު އަދި މާލީ ދާއިރާގައި އެހިދުމަތްތަކަކަށް އާންމުން މިހާރު އަހުލުވެރިވެފައިވާ ގިނަ ހިދުމަތްތަކަކީ ބޭންކުން ފުރަތަމަ ތައާރަފްކުރި ހިދުމަތްތަކެއް. އޭޓީއެމް އިން ފެށިގެން ކާޑުގެ ހިދުމަތްތަކާއި، އިންޓަނެޓް ބޭންކިން، ޕީއޯއެސް މެޝިން އަދި ނަގުދު ފައިސާއާ ނުލާ ދެވޭ ހިދުމަތްތައް ހިމެނޭ." ޔޫޝައު ވިދާޅުވި އެވެ.

ކަސްޓަމަރުން ބޭނުންވާފަދަ ހިދުމަތްތައް އިތުރު ފުރިހަމަކަމާއެކު ދިނުމަށް ކުރިއަށް އޮތްތަނުގައިވެސް މަސައްކަތް ކުރަމުންދާނެ ކަމަށް ޔޫޝައު ވިދާޅުވި އެވެ.