މުހައްމަދު ނާޒިމް

އެމްއެންޕީގެ ވެރިކަމެއްގައި ރައްޔިތުން ތިބޭނީ އުފަލުން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސަރުކާރެއްގައި ރައްޔިތުންނަކީ އުފާވެރި އަދި ފުދުންތެރި ބަޔަކަށް ހަދައިދޭނެ ކަމަށް ޕާޓީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ އުދާސްގެ ނަމުގައި އެމްއެންޕީން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އެމްއެންޕީގެ ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާފައިވާ ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި ދިވެހި ރައްޔިތުންނަކީ އުފަލާ ހިތްހަމަޖެހުމާއެކު އުޅޭ ބަޔަކަށް ހަދައިދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ތަރައްގީ މިނާނީ އަޅާ ބްރިޖަކުން ނޫން. ތަރައްގީ މިނަންވާނީ އަޅުގަނޑުމެންގެ ޖީބަށް ބަރުވާ ގޮތަށް. އުފާވެރިކަމާ ފުދުއްތެރިކަން އޮތް ވަރަކަށް،" އޭނާ ވިދާޅުވި އެވެ.

ނާޒިމު ވިދާޅުވީ ރައްޔިތުންގެ ހާލުބަލާލުމުން ރައްޔިތުންގެ ގާތަށް ދިއުމުން ރައްޔިތުން ދިރިއުޅޭ ނިކަމެތިކަން ވަރަށް ބޮޑަށް ފެނިގެންދާ ކަމަށެވެ. މުއްސަދިންނާއި ފަގީރުންގެ ފަރަގު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑު އެބަދަން ގޭގެއަށް. އަޅުގަނޑު އެބަ މީހުންނާ ބައްދަލުކުރަން. އަޅުގަނޑަށް ފެންނަނީ މީހުންގެ ނިކަމެތިކަން،" ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ 90 ޕަސެންޓް ރައްޔިތުން ތިބީ ބޮޑު ފިކުރެއްގައި ކަމަށާއި އޭގެ ސަބަބުން ނަފްސާނީ ބަލިތައް ތަހައްމަލް ކުރަންޖެހޭ މީހުންވެސް ގިނަ ކަމަށެވެ. އެ ހާލަތަށް ރައްޔިތުން ދަނީ ރަނގަޅު ފުދުއްތެރި ބަޔަކަށް ނުވާތީ ކަމުގައި ވިދާޅުވި އެވެ.

"ސަރުކާރުން ފެނާއި ނަރުދަމާ އެޅިދާނެ. އިންޖީނުގެ ހެދިދާނެ. މަގުތަކުގައި ތާރު އެޅިދާނެ. މިކަމުންވާ މަންފާއެއް ކޮބައިތޯ؟ މިކަމުން ރައްޔިތުންނަށް ލިބޭނެ އެއްވެސް އުފަލެއް ނެތް." ނާޒިމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯހިޔާވަހިކަމުގެ އުފަލުން މަހްރޫމުވެފައިވާ އެތައް ބަޔަކުވެސް މިއަދު އެބައުޅޭ ކަމަށެވެ. އެއީ ދިވެހިންނަށް ހައްގު ގޮތް ނޫން ކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ އެމްއެންޕީގެ ވެރިކަމެއްގައި ރައްޔިތުންނަށް އުއްމީދެއް ގެނެސްދީ ފުދުންތެރި ބަޔަކަށް ހަދައިދޭނެ ކަމަށެވެ.

ނާޒިމު ވިދާޅުވީ ފެނާއި ކަރަންޓަށް ދިވެހިން މިއަދު ވަރަށް ބޮޑު ހޭދައެއް ކުރާ ކަމަށެވެ. އެބޭފުޅުން ދިރާސާކޮށް ބެލިއިރު އެވްރެޖް މީހެއްގެ މުސާރައިގެ ތިންބައިކުޅަ އެއްބައި ހޭދަކުރަނީ ފެނާއި ކަރަންޓުގެ ހިދުމަތް ހޯދުމަށް ކަމުގައި ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ފަސޭހަވާ ގޮތަށް ޓެކްސް ނިޒާމު ބަދަލުކުރައްވާނެ ކަމުގައި ވިދާޅުވި އެވެ.


ނާޒިމް ވިދާޅުވީ ސިއްހީ ހިދުމަތަށް ބަލާލި ނަމަވެސް މުޅި ނިޒާމު ރޭވިފައިވަނީ ސަރުކާރުގެ މަތީ ފަންތީގެ މީހުންނަށް ފަސޭހައިން ބޭރަށް ފުރައިގެން ގޮސް ބޭނުންވާ ފަރުވާ ހޯދޭ ގޮތަށް ކަމަށެވެ. ނަމަވެސް އެންމެ ނިކަމެތި މީހާއަށް އިންސާފެއް ނޫން ކަމަށާއި އެހެންކަމުން އެމްއެންޕީގެ ސަރުކާރެއްގައި ރައްޔިތު މީހާގެ އަތުގައި އޮންނަ ކާޑަކުން ބޭނުންވާ ސިއްހީ ހިދުމަތް ލިބޭނެކަން ކަށަވަރުކޮށްދެއްވާނެ ކަމުގައި ވިދާޅުވި އެެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ގާއިމުކުރާނެ ނިޒާމަކީ އެމީހެއްގެ ސިއްހީ ހާލަތާ ގުޅޭގޮތުން އެމީހުންނަށް އެކަށީގެންވާ އަދަދެއްގެ ފައިސާ އެކާޑުގައި ހަމަޖެހިފަ ހުންނާނެ. އެވަރުގެ އިންޝުއަރެންސް ސްކީމެއް އަޅުގަނޑުމެން ގާއިމުކުރާނަން. ސަލާން ޖަހާކަށް ނުޖެހޭނެ. މާލެ ދިޔައީމަ އެކާޑުން ބޭނުން ކުރެވޭނެ. ރާއްޖެއިން ބޭރަށް ސިއްހީ ފަރުވާ ހޯދަން ދާން ބޭނުމިއްޔާ އެކާޑު ހިފައިގެން ދިޔުމުން ފަރުވާ ލިބޭނެ،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި ވެރިކަންކުރި ސަރުކާރުތަކުން ރައްޔިތުންނާ ދޭތެރޭ އަޅާލީ ކިހާވަރަކަށްތޯއޭ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.

"ކިހާ ވަރަކަށްތޯ މި ސަރުކާރުތަކުން ތިބޭފުޅުންނާ ދޭތެރޭ އަޅާލީ؟ ކިހާވަރަކަށްތޯ ތިބޭފުޅުންނަށް އޭގެ ނަފާ ލިބުނީ؟ ނުލިބޭ އެއްގޮތަކަށްވެސް،" ނާޒިމު ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ ރާއްޖެއަށް ލިބޭ އާމްދަނީއާ އަޅާބަލާއިރު ދިވެހި ރައްޔިތުންތައް އެއްޗެއް ނުލިބޭ ކަމަށެވެ. އެކަމަކު ރައްޔިތުންގެ ބޮލުގައި ދަރަނި އެޅޭ އިތުރުވެއްޖެ ކަމަށާއި އެހެންކަމުން ރާއްޖެއަށް ލިބޭ ފައިސާ ހަރަދުވާ ގޮތެެއް ބަލަންޖެހޭ ކަމަށެވެ. ދިވެހި ރައްޔިތުންނަކީ ސަލާން ޖަހައިގެން ދިރިއުޅެންޖެހޭ ބައެއް ނޫން އެއަށްވުރެ ޝަރަފްވެރި ބައެއް ކަމަށެވެ.

"އެމްއެންޕީގެ ސަރުކާރެއްގައި އެ ޝަރަފް ހޯދައިދޭނަން. އަޅުގަނޑުމެންގެ ފޯކަސް އޮތީ ގޭބީސީއަށް. މަދުން ލިބޭ މީހުންނަށް ގިނަ ފައިސާ ލިބޭގޮތް ހަދައިދޭނަން. ގޭބީސީއަށް ކުރަންޖެހޭ ހަރަދު ފިޔަފައި އުފަލާއެކު އަންހެނުންނާ އެކީ ބޭރަށް ރެސްޓޯރެންޓަށް ގޮސް ރަނގަޅު އެއްޗެއް ކާލާ ދަރިފުޅާއެކު ގޮސް ކުޅެލެވޭ ވަރަށް އަޅުގަނޑުމެން އެކަން ކުރާނަން،" ނާޒިމް ވިދާޅުވި އެވެ.