ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ގޮތްޕެއް އެހެން ގައުމެއްގައި ހުޅުވަނީ

Jan 13, 2023

ގައުމީ ބޭންކް -- ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގޮތްޕެއް ރާއްޖެއިން ބޭރުގައި ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.

ބީއެމްއެލްގެ ފަރާތުން މިކަން ހާމަކުރެއްވީ ބޭންކަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރޭ ކްރޮސްރޯޑްގައި ބޭއްވި ހާއްސަ ޖަލްސާގައި ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ އެވެ.

ބީއެމްއެލް އިން ވަނީ ބޭންކަށް 50 އަހަރު ފުރޭއިރު ބޭންކުގެ ހިދުމަތްތައް އިތުރަށް ފުޅާކޮށް އިތުރު އަމާޒުތަކެއް ހާސިލްކުރަން ކަނޑައަޅާފަ އެވެ. އެގޮތުން ބީއެމްއެލްގެ ބްރާންޗެއް ކުރިއަށް އޮތް 18 މަސް ދުވަހުގެ ތެރޭގައި ހުޅުވުމަކީ ބޭންކުން މިވަގުތު އެންމެ އިސްކަންދޭ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ބީއެމްއެލްގެ ގޮތްޕެއް ރާއްޖެއިން ބޭރުގައި ހުޅުވުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް ގޮފި ހުޅުވާނެ ވަކި ގައުމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކާލް ރޭ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ އަމާޒަކީ 2032 ވަނަ އަހަރާ ހަމައަށްދާއިރު ބީއެމްއެލްގެ މާލިއްޔަތު 25 ބިލިއަން ރުފިޔާ އަށް އިތުރުކުރުމެވެ. އަދި ބޭންކަށް 50 އަހަރު ފުރޭއިރު މަދުވެގެން ދެ ގައުމުގައި ބީއެމްއެލްގެ ގޮތްޕެއް ހުޅުވުމަކީ އަމާޒު ކަމުގައި ވިދާޅުވި އެވެ.

"ރާއްޖެ އަށް ބޭރު ފައިސާ ހޯދާނެ އާ ގޮތްތަކެއް މިވަނީ ހޯދަންޖެހިފައި. ބޭރު ފައިސާ ހޯދަން އާ ގޮތްތައް ހޯދުމުގެ ބަދަލުގައި ބޭރުގެ މާކެޓުތަކުން ބޭރު ފައިސާ ހޯދަން މިވަނީ މަސައްކަތް ކުރަންޖެހިފައި" ކާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބީއެމްއެލް އަދި ބޭންކުގެ ހިދުމަތްތަކާ ގުޅޭގޮތުން ބައެއް ގައުމުތަކުގައި މައުލޫމާތު ހިއްސާކޮށް އިޝްތިހާރުކުރުމުގެ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ.

ކާލް ވިދާޅުވީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ހިދުމަތް ފުޅާކުރަން މަސައްކަތް ކުރަމުންދާއިރު ސަލާމަތާއި ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އިންޓަނެޓްގެ ޒަރިއްޔާ އިން ހިންގާ ކުށްތަކަށް ކުރިމަތިލުމަށްޓަކައި މެދުނުކެނޑި މަސައްކަތް ކުރަންޖެހޭ. އަޅުގަނޑުމެން ބޭނުންވޭ ޑޭޓާ އެނަލިޓިކްސް އާއި އާޓިފިޝަލް އިންޓެލިޖެންސް އަށް ވެސް ދާން،" ކާލް ވިދާޅުވި އެވެ.

ބީއެމްއެލްގައި މިހާރު ވެސް 350،000 ކަސްޓަމަރުން ތިބިއިރު މޯބައިލް ބޭންކިންގެ 63 މިލިއަން ލޮގިން ހަދާފައިވެ އެވެ. ބީއެމްއެލްގެ އޭޓީއެމްތަކުން 7.8 މިލިއަން ޓްރާންސެކްޝަން ހަދާއިރު ޕީއޯއެސް މެޝިންތަކުން 3.5 މިލިއަން ޓްރާންސެކްޝަން އިންޓަނެޓުް މެދުވެރިކޮށް ހަތް މިލިއަން ޓްރާންސެކްޝަން ހަދާ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.