ޝަންގްރިލާ ރިސޯޓަށް އިހުމާލުވި ބަޔަކާ މެދު އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު އެމްޑީޕީ ޕްރައިމަރީ ކެމްޕޭނަށް ސ. ފޭދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ އައްޑޫސިޓީގެ ތަރައްގީއާ ގުޅިފައިވާ ޝަންގްރިލާ ރިސޯޓަށް ވާނުވާއެއް މިހާތަނަށް އައި އިރު އެއްވެސް ސަރުކާރަކުން ބަލާލާފައި ނެތް ކަމަށެވެ.
"އެއްވެސް ސަރުކާރަކުން މިހާތަނަށް އައި އިރު އެތަނަށް ވާނުވާ ބަލަމަކުންނެއް ނޫން އައީކީ. އެންމެ ފަހުން އެތަން ހުއްޓި ޝަންގްރިލާ ރިސޯޓު ހުޅުވޭނީ ކިހިނެއްތޯ ބެލިއިރު ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ގެއްލުންވަމުންދާ ތަނެއްގެ ގޮތުގައި އެތަން އޮތީ،" ރައީސް ވިދާޅުވި އެވެ.
އައްޑޫ، ޝަންގްރިއް-ލާ ވިލިނގިލި ރިސޯޓަކީ ސަރުކާރުގެ 30 ޕަސަންޓް ހިއްސާ ހިމަނައިގެން އުފައްދާފައިވާ އައްޑޫ އިންވެސްޓްމަންޓުން ހަދާފައިވާ ރިސޯޓެކެވެ. މި ކުންފުނިން ވޯލްޑް ބޭންކުން 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގައި ސަރުކާރުގެ ފައިސާއާއެކު ޖުމްލަ 150 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ތަރައްގީކޮށްފައިވާ މި ރަށުގައި 132 ވިލާ ހުރެ އެވެ. ގާތްގަނޑަކަށް 50 ހެކްޓަރުގެ ބޮޑު މި ރިސޯޓުގައި ހަ ރެސްޓޯރެންޓް ހުންނައިރު، ސްޕާ އާއި ދެ ޓެނިސް ކޯޓު ގޮލްފް ކޯހެއް ވެސް މި ރިސޯޓުގައި ހުރެ އެވެ.
ރައީސް ވިދާޅުވީ ޝަންގްރިއްލާގައި ސަރުކާރުގެ ހިއްސާއެއް އޮވެގެން ފިޔަފާރި ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ހިއްސާ ދޫކޮށްލެވޭނެ ގޮތް ހޯދައި ގާނޫނަށް ގެންނަން ޖެހޭ ބަދަލު މިހާރު ވަނީ ގެނެސްފައި ކަމަށެވެ.
"ހިއްސާ ދޫކޮށްލުމަށް ބެލިއިރު މި ވޭތުވެދިޔަ ތަނުގައި ކުންފުނި ހިންގާފައި އޮތީ ގެއްލުމުގައި. އެހެންގޮސް ސަަރުކާރުގެ ހިއްސާއަކީ ކިހާވަރެއްތޯ ބެލި އިރު އެ އޮތީ ނެގެޓިވްކޮށް. އަޅުގަނޑުމެން ހިއްސާ ދޫކޮށްލާކަމަށް ވަނީނަމަ ހަތްދިހަ މިލިއަން ޑޮލަރު އެބަ ދައްކަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޝަންގުރިއްލާއަށް މިވަރުގެ ބޮޑު ގެއްލުމެއް ވަމުންދިޔައިރު އެއްވެސް ސަރުކާރަކުން މިކަން ހިނގާގޮތް ބަލާފައި ނުވާ ކަމަށެވެ. ކުންފުނި ހިންގާފައިވާ ސްޓޭޓްމަންޓްތައް ސަރުކާރަށް ހުށަހަޅާފައި ހުރި ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.
"މިހާރު ހަމައެކަނި ހުށަހަޅާފައިވާ ގޮތަކީ އޭގެ ބަދަލުގައި ހިލޭ އެފަރާތަށް އަޅުގަނޑުމެންގެ ހިއްސާއާ އެދަރަންޏާ އަޅާ ކަނޑާފައި ދިނުން" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ އައްޑޫ ސީޓީގެ ރައްޔިތުން ބޭނުންވާނަމަ ސަރުކާރުގެ ހިއްސާދޫކޮށްފައި އެކަން ކުރެވޭނެ ގޮތެއް ހޯދާނެ ކަމަށެވެ. ދެން އޮތީ މިކަން ނުކުރި ބަޔަކު ހޯދާ އެބަޔަކާ ދެތެރޭ ފިޔަވަޅު އެޅުން ކަމުގައިވެސް ވިދާޅުވި އެވެ.