ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނަޝީދު ސަރުކާރުގައި މުވައްޒަފުން ވަކިކޮށް ރަށްތައް ބަހާލީ: ރައީސް

Jan 13, 2023
3

ކުރީގެ ސަރުކާރުތަކުން އެއްވެސް ރޭވުންތެރިކަމަކާ ނުލާ ކުއްލި ކުއްލިއަށް މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫގައި މިއަދު ސަޕޯޓަރުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވީ އެއްވެސް ރޭވުމެއް ނެތި ކުރީގެ ސަރުކާރުތަކުން ކުއްލި ކުއްލިއަށް މަޝްރޫއުތައް ފެށުމުން އެކަމުން އަރައިނުގަނެވިގެން އެތައް އަހަރެއް ހޭދަކުރަންޖެހުނު ކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އައްޑޫ އާއި ރާއްޖޭގެ އެހެން އަތޮޅުތަކުގައި ދަތުރުފަތުރުގެ ނިޒާމު ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތުގައި ބޮޑު ސަކަރާތްގަނޑެއް ޖެހިކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އޭރު އެޖެހި "ސަކަރާތްގަނޑުން" އަދިވެސް މިއުޅެނީ އަރައިނުގަނެވިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"ދަތުރުފަތުރުގެ ނިޒާމު ފައްޓަން މަސައްކަތް ކުރެއްވި. ސަތަރި ދޯންޏެއް އޮތް ކޮންމެ މީހަކަށް ފަޅުރަށެއް ލިބޭ. ބަހަމުން ދިޔައީ. ބޮޑު ސަކަރާތްގަނޑެއް އޭގެއިން ސަލާމަތް ނުވެވިގެން އަޅުގަނޑުމެން މި އުޅެނީ. އެތައް މިލިއަން ރުފިޔާއެއް އެބަ ޑިމާންޑްކުރޭ އެކަމުގެ ތެރެއިން. އެއްބަޔަކު 250 މިލިއަން ރުފިޔާ. އަނެއް ބަޔަކު އަދި އެއައްވުރެ ބޮޑަށް. ކިހިނެއްތޯ އަޅުގަނޑުމެން މިކަން ކުރާނީ؟" ރައީސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުތަކުން އެއްވެސް ރޭވުންތެރިކަމަކާ ނުލާ ކުއްލި ކުއްލިއަށް މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް ރައީސް ސޯލިހް ވިދާޅުވެފައި މިވަނީ ރައީސް ސޯލިހުގެ ސަރުކާރުން އެއްވެސް ރޭވުންތެރިކަމެއް ނެތް ގޮތަށް މަޝްރޫއުތައް ފަށަމުންދާ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައި ވަނިކޮށެވެ.

ރައީސް ސޯލިހު ވިދާޅުވީ 2008 ވަނަ އަހަރު އިގުތިސާދަށް އައި ލޮޅުމެއްގައި ރާއްޖެއަށް އަސަރުކުރި ކަމަށެވެ. އެދުވަހު ސަރުކާރުން ކަންކުރި ގޮތާ ކޮވިޑްގެ ސަބަބުން އައި އިގްތިސާދީ ލޮޅުމުގައި ސަރުކާރުން ކަންކުރި ގޮތާމެދު ރައްޔިތުން ވިސްނަން ޖެހޭ ކަމަށެވެ.

"އޭރު ކަންކުރި ގޮތަކީ ސިވިލްސާވިސްގެ މުސާރަ ކުޑަކުރީ. މުވައްޒަފުން މަދު ކުރީ،" ރައީސް ވިދާޅުވި އެވެ.

އެދުވަހު ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން އެތައް ބަޔަކު ހާލުގައި އުޅުނުކަންވެސް ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.

"ސަރުކާރެއްގެ ޒިންމާއަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންނަށް ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން. އެއީ ކޮވިޑާ ގުޅިގެން އަޅުގަނޑުމެން ކުރި މަސައްކަތަކީ" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ރާއްޖެއަށް އަދިވެސް އިގްތިސާދީގޮތުން ގޮންޖެހުންތަކެއް އެބަ ހުރިކަމަށާއި 2008 ވަނަ އަހަރު ކަންކުރިގޮތަށް އަމަލުކުރާނެ ސަރުކާރަކަށް އެގޮންޖެހުންތަކުން އަރައިނުގަނެވޭނެ ކަމަށެވެ.