އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތަރައްގީގެ ވިސްނުން ވަރަށް ފުޅާ ދާއިރާއެއްގައި އޮތް ބަޔެއް ކަމާއި އައްޑޫ ސިޓީ އަކީ ތަރައްގީގެ ވިސްނުމުގެ މައި ހަބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު އެމްޑީޕީ ޕްރައިމަރީ ކެމްޕޭނަށް ސ. ފޭދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ ކޮންމެ ކަމެއްގައި އަބަދުވެސް އެންމެ އިސް ސަފުގައި ދެމި ތިބީ އައްޑޫ ސިޓީގެ ރައްޔިތުން ކަމަށެވެ. އަދި އައްޑޫ ސިޓީ ތަރައްގީ ނުވެ ރާއްޖެ ތަރައްގީ ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެމްޑީޕީ ވުޖޫދުވެގެން އައި އިރު އައްޑޫ ސިޓީގެ ރައްޔިތުން ވީ ގުރުބާނީ ހަނދާން އެބަ ހުރި ކަމަށާއި އައްޑޫ ސިޓީގެ ރައްޔިތުންނާ ނުލާ އެމްޑީޕީވެސް ދެމި ނޯންނާނެ ކަމަށެވެ.
"މި ޕާޓީ ވުޖޫދުވެގެން އައި އިރު އައްޑޫ ސިޓީގެ ރައްޔިތުން ވީ ގުރުބާނީ ހަނދާން އެބަހުރި. މިއަދުވެސް އައްޑޫ ސިޓީގެ މެމްބަރުން ތިބީ މި ޕާޓީއާއެކުގައި އެގޮތުގައި. ޕާޓީގެ އިސް މަގާމުތައް އައްޑޫ ސިޓީގެ ރައްޔިތުން ފުރައިފި. މި ޕާޓީއެއް ދެމިއެއް ނޯންނާނެ އައްޑޫ ސިޓީގެ ރައްޔިތުންނެއް ނެތިއެއް" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮންމެ ދާއިރާއަކުންވެސް އެންމެ ކުރީގައި ހަރަކާތްތެރި ވަނީ އައްޑޫ ސިޓީގެ ރައްޔިތުން ކަމަށެވެ. އައްޑޫ ސިޓީގެ ތަރައްގީއަށް ކުރީގެ ސަރުކާރުތަކުން މަސައްކަތްތަކެއް ކުރަން ފެށިކަންވެސް ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް އެކަންކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިފައި ހުރި ކަންތައްތަކެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ނިކުމެ މިތިބީ މިސިޓީ ތަރައްގީ ކުރަން" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީގެ ޕްލޭނަކީ އެ ސިޓީގެ ރައްޔިތުން އެކުލަވާލި ޕްލޭނެއް ކަމަށެވެ. އަދި އެ ޕްލޭން މިހާރު ސަރުކާރުން ގެންދަނީ ތަންފީޒުކުރަމުން ކަމުގައި ވިދާޅުވި އެވެ.
"މި ސިޓީގެ ސަތޭކަ ކިލޯމީޓަރުގެ މަގު އެދަނީ ހެދެމުން. ފެންހިންދާ ނިޒާމާ ޕޭވްމަންޓާ އެކު." ރައީސް ވިދާޅުވި އެވެ.
މިހާރު ހަދަމުންދާ މަގަކީ އައްޑޫ ސިޓީގެ ލިންކް ރޯޑަށް ފަހު އެސިޓީގައި ކުރެވެމުންދާ އެންމެ ބޮޑު ތަރައްގީގެ މަސައްކަތް ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"މި ސިޓީއަށް ބިން އިތުރުކޮށް ޓޫރިޒަމް ތަރައްގީކުރުމަށްޓަކާ އަޅުގަނޑުމެން ވީވައުދާ އެއްގޮތަށް މިހާރު އެދަނީ މަސައްކަތްތަކެއް ކުރެވެމުން." ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ވެފައިވާ ވައުދާ އެއްގޮތަށް އައްޑޫ ސިޓީގެ އެއާޕޯޓު ތަރައްގީކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ކަމަށެވެ. އަދި ލަސްތަކެއް ނުވެ އެ މަސައްކަތްތައް ފެށުމަށްޓަކާ ކުންފުންޏަކާ ހަވާލުކުރެވޭނެ ކަމަށެވެ.