ރައީސް މައުމޫން އަބްދުލްގައްޔޫމް

ރައީސް މައުމޫން ހޮސްޕިޓަލުން ދޫކޮށްލައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓް ކުރުމަށްފަހު ދޫކޮށްލައިފި އެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެއަށް ދިޔުން ރައްކާތެރިކަމަށް ޑޮކްޓަރުން ބުނުމުން މިހާރު ހުންނެވީ ގޭގައި ކަމަށެވެ.

ހޮސްޕިޓަލުގައި އޮންނެވިއިރު ހެޔޮއެދުންތައް ފޮނުވި އާއިލާއާއި ގާތް މީހުންނަށް އެމަނިކުފާނުގެ ޓްވީޓްގައި ޝުކުރު އަދާކުރައްވާފައި ވެއެވެ. އަދި ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުން ދެއްވި ފަރުވާގެ ފުރިހަމަކަން ފާހަގަކުރައްވައި އެބޭފުޅުންނަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

ރައީސް މައުމޫނު މިއަދު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ބައެއް ޓެސްޓްތައް ހެދުމަށެވެ. ހޮސްޕިޓަލްގައި އޮންނެވި ނަމަވެސް ހާލުކޮޅު މުޅިން ރަނގަޅު ކަމުގައި ރައީސް މައުމޫން އޭރުވެސް ވިދާޅުވި އެވެ.

ކޮވިޑް 19 ފެތުރުނު ދުވަސްވަރު އޮގަސްޓް 26، 2020ގައި ވެސް ދަރުމަވަންތަ ހޮސްޕިޓަލްގައި ރައީސް މައުމޫން އެޑްމިޓް ކުރި އެެވެ.

ރައީސް މައުމޫންގެ އުމުރުފުޅުން 85 އަހަރު ވެގެން ދިޔައިރު އެމަނިކުފާނު އަދިވެސް އުޅުއްވަނީ ހަރަކާތްތެރިކޮށެވެ.