ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް މައުމޫން އަބްދުލްގައްޔޫމް

ޑީއެޗްގައި ރައީސް މައުމޫން އެޑްމިޓްކޮށްފި

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގައި އެޑްމިޓް ކުރައްވައިފި އެވެ.

އާއިލާގެ ބޭފުޅަކު ވިދާޅުވީ ރައީސް މައުމޫން އެޑްމިޓް ކުރައްވާފައި ވަނީ ޑީއެޗްގައި ކަމަށެވެ. އެ ހޮސްޕިޓަލްގެ 11 ވަނަ ބުރީގައި ކޮވިޑްގެ ބަލީގެ މީހުން އެޑްމިޓް ކުރަން ހާއްސަ ބައެއް ތައްޔާރު ކޮށްފައި ވެއެވެ.

އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ރޯގާގެ އާލާސްކަންފުޅަކާއި ގުޅިގެން ޑޮކްޓަރަށް ދައްކަވަން ހޮސްޕިޓަލަށް ވަޑައިގެން ކޮވިޑަށް ޓެސްޓް ކުރެއްވުމުން މިރޭ ނަތީޖާ ލިބުމުންނެވެ. އެ މަނިކުފާނު އެ ބައްޔަށް ޕޮޒިޓިވްވިކަން އާންމު ކުރެއްވީ ވެސް ޓްވިޓާ މެދުވެރިކޮށް އެ މަނިކުފާނު އަމިއްލަފުޅަށެވެ.

އެ ޓްވީޓް ފައްޓަވާފައިވަނީ ތައުބާ ސޫރަތުގެ 51 ވަނަ އާޔަތުން ބަޔަކާއެކުގަ އެވެ. އެ އާޔަތަކީ "ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަޅަމެންނަށް ލިޔުއްވަވާފައިވާ ކަމެއް މެނުއީ އަޅަމެންނަށް ނުޖެހޭނެއެވެ." ކަމަށް ބަޔާން ކުރާ އާޔާތަކެވެ؛

އުމުރުފުޅުން 83 އަހަރުގެ ރައީސް މައުމޫނަށް އަވަސް ޝިފާއަކަށް އެދި ވަރަށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ހެޔޮ ދުއާ ފޮނުވަމުންނެވެ. އޭގެ ތެރޭގައި ވަޒީރުންނާއި މަޖިލިސް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމުން ހިމެނެއެވެ.