ރައީސް މުހައްމަދު ނަޝީދު

ފައްޔާޒުއާ ދިމާނުކުރުމަށް ނަޝީދު އެދިވަޑައިގެންފި

Jan 14, 2023

އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއާ އެއްވެސް ބޭފުޅަކު ދިމާނުކުރުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ނަޝީދު މިކަމަށް އެދިވަޑައިގަތީ އެމްޑީޕީގެ ސޯޝަލް މީޑިއާ ވަޓްސްއެޕް ގުރޫޕްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރައްވާނެ ކަމަށެވެ. އޭގެފަހުގައި އެމަނިކުފާނު އެދިވަޑައިގަތީ އެއްވެސް ބޭފުޅަކު މިނިސްޓަރު ފައްޔާޒުއާ އަދި ފައްޔާޒުގެ އާއިލާ އާއި ޒާތީކޮށް ދިމާނުކުރުމަށެވެ.

ނަޝީދުގެ މި މެސެޖުގެ ސްކްރީންޝޮޓެއް މިނިސްޓަރު ފައްޔާޒު ވަނީ ޓްވިޓާގައި ހިއްސާކުރައްވާފަ އެވެ. އަދި ވިދާޅުވީ މީޑިއާގައިވެސް އަދި އެހެން ގޮތަކުންވެސް އޭނާއާ ދިމާކުރެވިދާނެ ކަމަށެވެ.

"ސިޔާސީ ޚިޔާލުތަފާތުވުމުން މަގުމަތިން އަނބިދަރިންނާ ދިމާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. އެކަން އެހެން ނުކުރުމަށް ކެމްޕޭން ޓީމަށް އިލްތިމާސް ކުރެއްވީތީ ރައީސް ނަޝީދަށް ޝުކުރު ދަންނަވަން،" ފައްޔާޒު ވިދާޅުވި އެވެ.

ރައީސް ނަޝީދަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރާ ދެ ފެކްޝަން އެމްޑީޕީ ތެރޭ އުފެދިފައިވާއިރު މިނިސްޓަރު ފައްޔާޒު ހުންނެވީ ރައީސް ސޯލިހްއާ އެކު އެވެ. އެހެންވެ ރައީސް ނަޝީދުގެ ސަޕޯޓަރުންގެ ފާޑުކިޔުން އެންމެ ބޮޑު އެއް ބޭފުޅަކީ ފައްޔާޒު އެވެ.